ބޮލީވުޑް

ދެން ޝާހްރުކް ކުޅޭނީ ޑްވާފެއްގެ ރޯލު

Apr 27, 2016

"ތަންނޫ ވެޑްސް މަންނޫ" އާއި "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަދި "ރާންޖާނާ" ފަދަ ކާމިޔާބު ރީތި ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު އާނަންދް އެލް ރާއީ ދެން އުފައްދާ ފިލްމެއްގައި ސުޕަސްޓާ ޝާހްރުކް ޚާން ފެނިގެންދާނެކަން ވަނީ ޔަގީންވެފަ އެވެ.

މިފިލްމުގެ މަސައްކަތް ފަށާނެ ތާރީހެއް އަދި ނޭނގުނު ނަމަވެސް ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް އާނަންދް ވަނީ ބުނެފަ އެވެ. އަދި ފިލްމުގައި ޝާހްރުކް ކުޅޭނީ ޑްވާފެއްގެ ރޯލުކަމަށް ވެސް އާނަންދް ވަނީ ބުނެފަ އެވެ.

ފިލްމާއި ބެހޭގޮތުންނާއި ޑްވާފެއްގެ ރޯލު ކުޅެން ޝާހްރުކް ނަގަން ނިންމި ގޮތާއި ބެހޭގޮތުން ވާހަކަދައްކަމުން އާނަންދް ވަނީ މިފިލްމަކީ އިސްކޮޅުގައި 3 ފޫޓު އެއް އިންޗި ހުންނަ މީހެއްގެ ވާހަކައެއް ކަމަށް ބުނެފަ އެވެ.

އެންމެފުރަތަމަ މިރޯލު ކުޅުމަށް ހުށަހަޅާފައިވަނީ ސަލްމާން ޚާން އަށެވެ. ނަމަވެސް ޑައިރެކްޓަރު އާނަންދް ވަނީ ފަހުން މިރޯލު ކުޅެން އެންމެ އެކަށީގެންވާ ތަރިއަކީ ޝާހްރުކް ކަމަށް ބުނެ އޭނާއަށް މިރޯލު ދީފަ އެވެ. އެންމެފަހު ވަގުތުގައި މިރޯލު ޝާހްރުކަށް ދިން ގޮތާއި ބެހޭގޮތުން ވާހަކަދައްކަމުން އާނަންދް ވަނީ ޝާހްރުކް އަކީ އޭނާ ކުޅޭ ރޯލަކާ މެދު ވަރަށް ގަޔާވެގެން އެކަމެއް ކުރާ މީހެއް ކަމަށާއި ޝާހްރުކްގެ އަމިއްލަ ދިރިއުޅުމުގައި އޭނާގެ މިޒާޖުގެ ބައިތައްވެސް ފިލްމުގައި ހިމަނާނެ ކަމަށް ބުނެފަ އެވެ.

މިފަހަކަށް އައިސް ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސްގެން ނުވަތަ އުނދަގޫ ރޯލުތައް ގިނަ ތަރިން އަންނަނީ ކުޅެމުންނެވެ. އެގޮތުން ޝާހްރުކް މީގެކުރިން ވަނީ "މައި ނޭމް އިޒް ޚާން"ގައި އޯޓިސްޓިކް މީހެއްގެ ރޯލު ކުޅެފަ އެވެ. އަދި އެންމެފަހުން ރިލީޒްވި "ފޭން" ގައި ވަނީ އުމުރުން ވަރަށް ޒުވާންކޮށް ދައްކުވައިދޭ ރޯލަކުން ފެނިގެން ގޮސްފަ އެވެ.

މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިހާރު ޝާހްރުކް ކުޅެމުން އަންނަ ޑައިރެކްޓަރު ގޯރީ ޝިންދޭގެ ފިލްމުގެ ޝޫޓިން ނިމުމުންނެވެ.