ބޮލީވުޑް

އެންމެފަހުން އައިޝްވާރިޔާގެ ތާއީދުވެސް ސަލްމާނަށް!

Apr 27, 2016

ރިއޯ އޮލިމްޕިކްސް 2016ގައި ވާދަކުރާ އިންޑިއާގެ ބައިވެރިންގެ ގުޑްވިލް އެމްބެސްޑަރަކަށް ސުޕަސްޓާ ސަލްމާން ޚާން ހަމަޖެއްސުމާއެކު ބޮލީވުޑްގެ ފަރާތްތަކުން އޭނާ އަށް މަރުހަބާ ކިޔަމުން އަޔަސް ގިނަފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ސަލްމާން ފަދަ ފިލްމީ ދާއިރާގައި މަޝްހޫރު ފަރާތެއް މިމަގާމަށް ހަމަޖެއްސުމުމުން ފާޑިކިޔަމުން އަންނައިރު، މިކަމާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ހަދައި ސަލްމާން މިމަގާމުން ދުރުކުރުމުގެ މަސައްކަތްވެސް ބަޔަކު ވަނީ ފަށާފަ އެވެ. މިޕެޓިޝަން ހުޅުވާލުމާއެކު މިއީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ އައިޝްވާރިޔާ ރާއީ އަޑީގައި ހުރެގެން ކުރަމުން އަންނަ ކަމެއް ކަމަށް ވަނީ އަޑުތަކެއް އަރާފަ އެވެ.

މިވާހަކަތައް ދެކެވެމުން އަންނަނިކޮށް އައިޝްވާރިޔާ ވަނީ އިންޑިއާ އަށް ރީތި ނަމެއް ހޯދައި ދިނުމުގެ ގޮތުން ކޮންމެ ކަމެއް ކުރާ މީހަކަށް ވެސް ތާއީދުކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

"ގައުމު ތަމްސީލުކުރަން އެއީ ކޮންމެ ދާއިރާއަކުން ނަމަވެސް މަސައްކަތްކުރާ މީހުންނަށް އެއްބާރުލުން ދޭން ޖެހޭ. އެއީ ރަނގަޅު ކަމެއް" ގުޑްވިލް އެމްބެސެޑަރަކަށް ސަލްމާން ހަމަޖެއްސުމާއި ގުޅިގެން އައިޝްވާރިޔާ ބުނެފައިވެ އެވެ.

ސަލްމާން އަށް ގިނަބަޔަކު ފާޑުކިޔަމުން އަަންނަ ދަނޑިވަޅެއްގައި އައިޝްވާރިޔާ އޭނާއަށް ތާއީދުކޮށް ވާހަކަ ދެއްކުންވީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. މިދެތަރިންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުނު ފަހުން ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އޮންނަނީ ރުޅިވެރިކަން ކަން އެންމެނަށްވެސް އެނގެ އެވެ.