ލައިފްސްޓައިލް

އެނގޭތަ؟ ބޭސް ކާން ވެސް ހާއްސަ ވަގުތުތަކެއް ހުރޭ!

ފަތްޕިލާވެއްޔާއި އެޒާތުގެ އެއްޗެހިން އިހުގައި ކާބަފައިން ފެށި ބޭސްވެރިކަން މިއަދު މިވަނީ ތަރައްގީވެގެން ގޮސް ޑޮކްޓަރީ ބޭހަށް ބަދަލުވެފަ އެވެ. އެ ބޭހެއްގެ އަވައިގައ ޖެހި އެއިން ބަނދެވިފައި ނެތް މީހުން އިނގިލިން ގުނާލެވޭހާ މަދުވާނެ އެވެ. ބޭސް ސިޓީއަށް ބޭސް ދެމުން ބޭސް ކާންވީ ގޮތުގެ އިރުޝާދު ބޭހުގައި ލިޔެފައި އިނީމަ އެއަށް ގިނަ މީހުން އަމަލުކުރެ އެވެ.

ބޭސް ކާން ޖެހޭ ގޮތުގެ ވަރަށް ގިނަ މައުލޫމާތު ޑޮކްޓަރުން ހިއްސާކުރެ އެވެ. އަދި ތިއީ ގަވާއިދުން ބޭސް ބޭނުންކުރާ މީހެއް ނަމަ އަމިއްލައަށްވެސް އެމައުލޫމާތު ހޯދަމެއް ނޫން ހެއްޔެވެ؟ އެގޮތުން ބޭސް ފެނާއެކު ނުވަތަ ކާއެއްޗެއްސާއެކު ނުވަތަ ކޮންމެ ދުވަހަކުވެސް އެއްވަގުތުތަކެއްގައި ކާށެވެ. މިއީ އެންމެ އާންމުކޮށް ލިބޭ މައުލޫމާތު ތަކެވެ. އަނެއްކާވެސް ސައިންސްވެރިން މިވަނީ ބޭސް ކާން އެންމެ އެކަށީގެންވާ ވަގުތުތަކެއް ދިރަސާކޮށް ކަނޑައަޅާފަ އެވެ. ސައިންސްވރިން ބުނަނީ ބޭސް ބޭނުންކުރާ ވަގުތުގެ ސަބަބުން ހަށިގަނޑަށް އެއިން އަސަރުކުރާ މިންވަރު ތަފާތުވާ ކަމަށެވެ.

ނަމަވެސް މިއީ ހުރިހާ ބޭހަކަށް ނޫނެވެ. މި ދިރާސާއިން ދައްކަނީ ބައެއް ބޭސްތައް ބޭނުންކުރަން ދުވަހުގެ ވަކި ވަގުތުތަކެއް ހުންނަ ކަމަށެވެ. ހާއްސަކޮށް ބާރުގަދަ ބޭސްތައް ބޭނުންކުރަންށެވެ. ބޭހުގެ އަސަރު އެންމެ ބޮޑަށް ހަށިގަނޑަށް ކުރަނީ ދުވާލުގެ އެވަގުތުތަކުގައި ބޭސް ކައިގެން ކަމެވެ. އެއީ 24 ގަޑިއިރު ހަށިގަނޑުގެ ހުރިހާ ހިސާބެއްގައި ނިޒާމުތައް އެއް ވަރަކަށް އެއްގޮތަކަށް މަސައްކަތް ނުކުރާތީ ކަމަށްވެ އެވެ. މީގެ މާނަ އަކީ އެވަގުތުތަކުގައި ބޭސް ނުކުރެވިއްޖެނަމަ ދެން އެދުވަހު އެބޭހެއް ބޭނުންނުކޮށް ހުންނާށެކޭ ނޫނެވެ.

ދުވަހުގެ ވަކި ހާއްސަ ވަގުތެއްގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ކަމަށް ސައިންސްވެރިން ކުރި ދިރާސާއިން ވަނީ ތިން ބޭހެއް ފާހަގަވެފަ އެވެ. އެއީ ފްލޫ ވެކްސިން، ބާތު ކޮންޓްރޯލް ޕިލްސް އަދި އާތިރައިޓިސް އަދި ކެންސަރުގެ ފަރުވާތަކެވެ.

ފްލޫ ވެކްސިން

އަލަށ ހެދި މިދިރާސާއިން ދައްކާގޮތުގައި އެއްވެސް ބާވަތެއްގެ ފްލޫ ނުވަތަ އިންފްލުއެންޒާ ވެކްސިނެއް ބޭނުންކުރާނަމަ އެންމެ ރަނގަލީ ހެނދުނުގެ ވަގުތު ބޭނުންކުރުމެވެ. ހާއްސަކޮށް ހެނދުނު ނުވަޔަކާއި އެގާރަ ޖެހުމާއި ދެމެދު އެވެ. މަސްތަކަކަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި މި ބުނި ވަގުތުގައި ވެކްސިން ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުނު މިންވަރު އެތައް ގުނައެއް އިތުރެވެ.

މިދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުން ބޭނުންކޮށްގެން ކަމަށްވާތީ ކުޑަކުދިންނާއި ޒުވާނުންނަށް އެފެކްޓް ކުރަނީ ކިހާވަރަކަށްކަން އަދި އޮތީ ދެނެ ނުގަނެވި އެވެ. ފްލޫ ވެކްސިނަކީ ވެކްސިން ބޭނުންކުރާ ފުރަތަމަ ދުވަހު ނިންޖަށް އަސަުކުރުވާ ވެކްސިނެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ބާތު ކޮންޓްރޯލް ޕިލްސް

ބާތު ކޮންޓްރޯލް ޕިލްސް ބޭނުންކުރަން ވަކި ހާއްސަ ވަގުތެއް ނެތެވެ. ކޮންމެ ވަގުތަކު ބޭނުންކުރިއަސް އެއިން ބަރާބަރަށް އަސަރުކުރާނެ ކަމަށްވެ އެވެ. އެކަމަކު ވަކި ހާއްސަ ޕިލްސްތަކެއް އެބަހުއްޓެވެ. އެހެން ޕިލްސްތައް މިހާރުވެސް ތިބޭނުންކުރާ އުސޫލުން ބޭނުންކުރުމުން އެއްވެސް ގެއްލުމެއް ނެތެވެ. ބާތު ކޮންޓްރޯލް ކުރާ ބައެއް ބޭސްތަކަކީ ކޮންމެ ދުވަހެއްގެވެސް ވަކި ވަގުތެއްގައި ބޭނުންކުރަން މަޖުބޫރު ބޭސްތަކެކެވެ. އެހެން ނޫންނަމަ ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވެ އެވެ.

ވުމެން ހެލްތު މެގަޒިންގައި ވާގޮތުން ކޮމްބައިންޑް ޕިލް ބޭނުންކުރާނަމަ ކޮންމެ ދުވަހަކު އެއް ގަޑިއަކު ބޭނުންކުރުން މުހިންމެވެ. އެކަމަކު ކުޑަ ވަގުތުކޮޅެއް އަވަސް ވިއަސް ނުވަތަ ލަސްވިއަސް މާބޮޑު އަސަރެއް ނުކުރެ އެވެ. އެކަމަކު މިނީ ޕިލް ނުވަތަ ހަމައެކަނި ޕްރޮޖެސްޝަން ޕިލް ބޭނުންކުރާނަމ ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ބޭނުންކުރުން މުހިންމެވެ. އެހެން ނޫނީ މި ބޭހުން ކުރަން ޖެހޭ ފުރިހަމަ އަސަރު ނުކޮށް ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވެ އެވެ.

އާތިރައިޓިސް އަދި ކެންސަރު ފަރުވާ

މިއީ ކްރޮނޮތެރަޕީ ނަގަން އެންމެ ރަނގަޅު ވަގުތުތައް ބެލުމަށް ކުރިއަށް ގެންގޮސްފައިވާ ދިރާސާ އެކެވެ. އާތިރައިޓިސް، ކެންސަރު އަދި އާސްތްމާ އަކީ އެންމެ ގިނައިން ކްރޮނޮތެރަޕީ ދޭން ޖެހޭ ކަމަށް ރިކޯޑުކުރެވިފައިވާ ބަލިތަކެވެ. މި ތެރަޕީ ނަގަން އެންމެ ރަނގަޅު ވަގުތު ތަކަކީ ކޮބައިތޯ ބެލީ މިއީ ގިނަ ސައިޑް އިފެކްޓްސް ތަކެއް ހުންނަ ތެރަޕީއެއް ވީމަ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބީބީސީް ކުރިއަށް ގެންދިޔަ ދިރާސީ ތަހުގީގެއް ދައްކާ ގޮތުގައި މީހާ ނިންޖާ ދުރުކޮށްލާ އެތައް ބައްޔެއް ޔޫރަޕްގައިވަނީ ފެތުރިފަ އެވެ. މިކަމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ސައިކަލްތަކަށް ބަދަލު އަންނަމުން ދިޔަކަން ފާހަގަކޮށްފައިވެ އެވެ. އާތިރައިޓިސް ފަދަ ބަލިތަކަށް ފަރުވާކުރުމުގައި ޑޮކްޓަރުން ހަށިގަނޑުގެ ސައިކަލްތައް 24 ގަޑިއިރު މަސައްކަތް ކުރާ ގޮތް ބަލައި ދެނެގަންނާނެ އެވެ.

ނަވާރަ ސަތޭކަ ނުވަ ދިހައިގެ އަހަރުތަކުގައިވާ ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އޭސްތުމާ އަށް ފަރުވާކުރަން އެންމެ ރަނގަޅީ ފަތިހުގެ ވަގުތު ނުވަތަ ހެނދުނުގެ ކުރީގެ ވަގުތުތަކުގަ އެވެ. އަދި 2015 ވަނަ އަހަރު ކުރި ދިރާސާއަކުންވެސް ވަނީ މި ނަތީޖާ ދައްކާފަ އެވެ.

ކެންސަރަށް ފަރުވާ ކުރަން ކްރޮނޮތެރަޕީ ކުރަން އެންމެ ރަނގަޅު ވަގުތުތަކަކީ ކޮބައިތޯ ބަލަން 2013 ވަނަ އަހަރު ކުރިއަށް ގެންދިޔަ ނަތީޖާއިން ދައްކާފައިވަނީ އެކި މީހުންނަށް އެވަގުތު ތަފާތު ކަމެވެ. ކެންސަރަށް ބޭނުންކުރާ ބޭސްތަކަކީ ސައިޑް އިފެކްޓްސް ގިނަ ބޭސްތަކެއް ކަމަށް ސައިންވެރިން ބުނެ އެވެ. އެހެން ވީމަ ޑޮކްޓަރުގެ އިރުޝާދަށް ބަރާބަރަށް ބޯލެނބުން މުހިންމެވެ.