ފިނިޕޭޖް

އެންމެފަހުން ޕްރިޔަންކާ ވެސް ޓްރަމްޕަށް ރައްދުދީފި!

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މަސައްކަތްކުރަމުންދާ ޑޮނަލްޑް ޓްރަމްޕް ދައްކަވާ ގިނަ ވާހަކަތައް ވެފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ ވާހަކަތަކަކަށެވެ. އެ ވާހަކަތަކީ ގިނަ ބައެއްގެ ހިޔާލާ އެއްގޮތް ވާހަކަތަކެއް ނޫނެވެ. މީހުން ފާޑިކީ ނަމަވެސް ޓްރަމްޕްގެ ވާހަކަތަކަށް ނުވަތަ ހިޔާލަށް ވެސް އެއްވެސް ބަދަލެއް ނުގެނެ އެވެ.

ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ވާހަކައަކަށް މި ވާހަކަ ވާނެ އެވެ. އެއީ އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރަން ޖެހޭ ބުނެ ދެއްކެވި ވާހަކަތަކެވެ. އޭނާގެ ވެރިކަމެއްގައި ސީރިޔާގެ ރެފިއުޖީންނަށް އެމެރިކާއަށް ނުވަދެވޭނެ ކަމަށް ބުނެ ދެއްކެވި ވާހަކަތެކެވެ. މި ވާހަކަތަކާ ދެކޮޅަށް އެމެރިކާގެ މަޝްހޫރު އެތައް ބަޔަކު ވެސް ތެދުވި އެވެ. އިދިކޮޅު މީހުންނާއި އެއްކޮޅު މީހުން ވެސް ތެދުވި އެވެ. ނަމަވެސް ޓްރަމްޕްގެ މަގުބޫލު ކަމަކަށް އެ ފާޑުކިޔުންތަކުން ވެސް ބަދަލެއް ނަ އެވެ.

އެންމެފަހުން ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ވެސް މިވަނީ ޓްރަމްޕްގެ އެ ވާހަކައަށް ރައްދުދީފަ އެވެ. ޕްރިޔަންކާއަކީ މިހާރު އާދައިގެ ތަރިއެއް ނޫނެވެ. އެމެރިކާގެ ޓީވީ ސީރީސްއެއް ކަމަށްވާ "ކުއަންޓިކޯ"ގައި ޕްރިޔަންކާ އަދާކުރި ރޯލުން އެ ގައުމުގެ ގިނަ ބައެއްގެ މަގުބޫލުކަން އޭނާ ވަނީ ހޯދާފަ އެވެ. އެއީ ހޮލީވުޑްގައި އަރަމުން އަންނަ ތަރިއަކަށް ވަނީވެފަ އެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ޓައިމްސްއިން ހޮވި އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓްގައި މަޝްހޫރު، މުއްސަނދި އެތައް ބަޔަކާއެކު ޕްރިޔަންކާ ވަނީ ހިމެނިފަ އެވެ.

މުސްލިމުންނަށް އެމެރިކާއަށް ނުވަދެވޭ ގޮތް ހަދަން ޖެހޭ ކަމަށް ބުނެ ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކަށް ޖަވާބު ދެމުން ޕްރިޔަންކާ ބުނެފައިވަނީ، އެއްވެސް މީހަކަށް ވަކި ތަނަކަށް ދިޔުމަށް ނުވަތަ ވަނުމަށް މަނާކުރެވިގެންނުވާނެ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެއްވެސް މީހަކު ބޭން ކުރެވިދާނެ ކަމަކަށް،" ޕްރިޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާ ބުނީ، ވަކި ބަޔަކީ ޓެރަރިސްޓުން ކަމަށް ލޭބަލް ނުކުރެވޭނެ ކަމަށާއި، ޓެރަރިޒަމަކީ ނައްތާލަންވެފައިވާ ވަބާއެއް ކަމަށެވެ. އަދި އެކަމުގައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.