އަބްދުލްޣަފޫރު އަލީ (ގައްބެ)

ސެއިލިން ވޯލްޑްކަޕްގައި ގައްބެ ވާދަކުރަނީ

ރާއްޖެ ވަށައި އަބްދުލް ގަފޫރު (ގައްބެ) ކުރި ދަތުރުގެ ސަބަބުން އޭނާ އަށް ސެއިލިން ވޯލްޑްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ގައްބެ ބުނެފި އެވެ.

ދިރާގު އެމްބެސެޑަރުކަން ހަވާލުކުރުމަށް މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަމުން ގައްބެ ބުނީ، އޭނާގެ މަސައްކަތާއި ހުނަރު މުޅި ދުނިޔެއިން ވެސް ބަލައިގެންފައިވަނީ ވަރަށް ޕޮޒިޓިވް ކޮށް ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ޝުކުރުވެރިވާ ކަމަށެވެ. ސައިލިން ވޯލްޑްކަޕްގައި ބައިވެރިވުމުގެ ފުރުސަތަކީ ލިބުނު އެންމެ އުފާވެރި ސަޕްރައިޒް ކަމަށް ގައްބެ ބުންޏެވެ.

"ވޯލްޑްކަޕް ސެލެކްޝަނަކީ ވެސް ވަރަށް އެހެން ކަމަހަލަ ގޮތަކަށް އޮންނަ އެއްޗެއް. ކޮންމެ ކޮންޓިނެންޓަކުން މީހަކު ހޮވަނީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު، އެހެންވީމާ ގައްބެ މި ބައިވެރިވަނީ އޭޝިއާ ކޮންޓިނެންޓުން، ރާއްޖެއިން. މިއީ ގައްބެ ދުވަހަކުވެސް ހުވަފެނުންވެސް ނުދެކޭ ވަރުގެ ފުރުސަތެއް ގައްބެއަށް މިލިބުނީ، އެކަމަށްޓަކައި ވަރަށް އުފާވޭ، ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ގައްބެ ބުންޏެވެ.

މިއަހަރުގެ ސެއިލިން ވޯލްޑްކަޕްގެ ދެ ރައުންޑެއް މިހާރު ވަނީ ބާއްވާފަ އެވެ. ފުރަތަމަ ރައުންޑް އޮތީ 23 ޖެނުއަރީގައި މިއާމީގަ އެވެ. ދެވަނަ ރައުންޑް އޮތީ މިދިޔަ ހޯމަ ދުވަހު އެވެ. ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖޫން ހައެއްގައި ވޭމައުތު އާއި ޕޯޓްލޭންޑްގައި ފަށާ ރައުންޑެވެ.

ދިރާގު ބްރޭންޑް އެމްބެސެޑަރުކަން ގައްބެއަށް ދީފައިވާއިރު ގައްބެއަށް ވީވަރަކުން ދިރާގުގެ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ގައްބެ ވަނީ ދީފަ އެވެ. އަދި ވޯލްޑްކަޕްގައި ވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް ގައްބެ ބުންޏެވެ.

ގައްބެ ބުނީ، ރާއްޖެ ވަށާ ކުރި ދަތުރުގައި އެކަނި ދަތުރުކުރި ނަމަވެސް ވޯލްޑްކަޕްގައި ދަތުރުކުރާނީ ދެމީހުން ކަމަށެވެ.