ރިޕޯޓް

ހާބަރަށް ޒަމާނީ ފުޑް ކޯޓްތައް، މީތި ކަޑަ؟

ވަރަށް ގިނަ ބަޔަކު ސައި ބޯލަން ނޫނީ އަގު ހެޔޮކޮށް ކާލަން ހާބަރު ކަޑަތައް ވަރެއް ނޯވެއެވެ. ނަމަވެސް އަނެއްބައި މީހުން އެތަނަށް ނުދަނީ އެތަނުގެ ފެންވަރު ދައްކަމާއި ކާބޮއި ހަދަން އެންމެ އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ދެކެގެނެވެ. މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އެ ކަޑަތައް ހުންނަތާ ގާތްގަނޑަކަށް 18 ވަރަކަށް އަހަރު ވެއްޖެއެވެ. ފުރަތަމަ އެތަން ބޭނުން ކުރީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި އެކި ރަށްރަށުން އެސަރަހައްދަށް އަންނަ މީހުނަށް ބޭނުންވާ ތަކެތި ގަތުމަށް ކުދި ކުދި ފިހާރަތަކެއް ގޮތުގައެވެ. ނަމަވެސް އެ ވިޔަފާރަތަކުގެ އިން ފުޅާވަމުން ފުޅާވަމުން ގޮސް މިހާރު ހުންނަނީ ކެފޭއާ ރެސްޓޯރަންޓުތަކުން މުޅި ސަރަހައްދު ފުނި ޖަހާލައިފަ އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކޮށް ނޭވާލާނެ ހިއްފަސޭހަ ރަށެއްގެ ގޮތުގައި ހާސްކަން ކުޑަވާނެ ގޮތަށް ހިދުމަތްތައް ބަދަލުކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ގިނަ ބަޔަކު ކާން ދިޔުމަށް ޝައުގުވެރިވާ ހާބަރު ކަޑަތައް އޮންނަނީ ހަގީގަތުގައި ވަރަށް ބޮލަށް އުނދަގޫވާ ގޮތަކަށެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 30،000 އަކަފޫޓު ހުންނަ އިރު 40 ހަކަށް ކެފޭއާއި ރެސްޓޯރަންޓު އަޅާފައިވެއެވެ. މުޅި ސަރަހައްދު އޮންނަނީ ތޮއްޖެހި ފުރިފަ އެވެ.

މިފަދަ ބައެއް މައްސަލަތައް ހުރުމުން ހައުސިން މިނިސްޓްރީ އިން ވަނީ އެ މައްސަލަތައް ނިމުމަކަށް ގެނައުމަށް ހަރުދަނާ ފިޔަވަޅެއް އަޅައި 18 އަހަރު ވަންދެން އެއްވެސް ސަރުކާރަކުން މާބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާފައި އޮތް ހާބަރު ކަޑަތައް ތަރައްގީކޮށް މިޒަމާނުގެ މަތީފެންވަރުފެ ފުޑް ކޯޓް ފެންވަރަށް ތަރައްގީ ކުރަން ނިންމައި ޕްރޮޖެކްޓް ވެސް ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއާ ހަވާލުކޮށްފައެވެ.

ހިރަފުސް ގަނޑު ތެރޭގައި މީހުންގައި ކޭއްތެމުން އަދި ސައިކަލުތައް ކުރިމަތިން ދުއްވަމުންދާ އެ ކުދި ކުދި ގޮޅި ގޮޅިތަކަށް ކާން ދިޔުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތް ތޯއެވެ؟ ނޫނީ މަތީ ފެންވަރަށް އެތަން ތަރައްގީކޮށްގެން ރަނގަޅު ހިދުމަތެއް ހޯދާން ފުރުސަތު ދޭނީ ހެއްޔެވެ؟

"މިތަން ތަން މިހާރު މިހުރި ގޮތް ދެން އެހާ ރަނގަޅެއް ނޫން. ކޮންމެ ކޮންމެ ތަނަކުން ނުވެސް ކަން. އަބަދުވެސް އަންނަ ކަޑައަށްވެސް މިއަންނަނީ އަސްލު ސައި ތައްޓެއް ބޯލަން. ދެން މިތަން ތަރައްގީ ކޮށްފިޔާ ވަރަށް ރަނގަޅުވާނެ ކަންނޭނގެ. ފުޑް ކޯޓެއް ގޮތަށް ތަރައްގީ ކުރެވިއްޖެއާ އާއިލާ ގޮވައިގެން ވެސް އާދެވޭނެ،" ހާބަރު ކަޑައެއްގައި ހުރި މެދު އުމުރުގެ މީހެއް ބުންޏެވެ.

މަސައްކަތް ނުފެށި ލަސްވީ ކީއްވެ؟

ހައުސިން މިނިސްޓްރީ އިން ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު އެސްޓީއޯއާ ހަވާލު ކުރީ މި އަހަރު ޖަނުއަރީ މަހުގައެވެ. އަދި އަމަލީ މަސައްކަތް ފަށައި ޖުލައި މަހާއި ހަމަޔަށް ނިންމަން މިނިސްޓްރީ އިން ނިންމި ނަމަވެސް ހާބަރު ކަޑަތައް ހުސްކުރަން އެންގުމުން މިހާރު ހާބަރު ކަޑަތައް ހިނގާ ފަރާތްތަކުން އެކަމާއި ކަނބޮޑުވުން ފާޅު ކުރި އެވެ.

އެސަރަހައްދުގައި ހުންނަ 19 ނަމްބަރު ކަޑަ ހިނގާ މުސްތަފާ ބުނީ އެތަނުގައި އޭނާ ރެސްޓުރަންޓެއް ހިންގާތައި 15 އަހަރު ވެދާނެ ކަމަށާއި އަދި މިހާތަނަށް އައިއިރު ގާތްގަނޑަކަށް 600،000 ރުފިޔާ އިންވެސްޓު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އެތަން ހުސްކުރަން ޖެހުމުން އެ ރެސްޓޯރަންޓް ހުޅުވާނެ އިތުރު ޖާގައެއް ނުލިބި ބޮޑު ގެއްލުމެއްވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަކީ ރާއްޖެތެރޭ މީހުން މާލޭގައި ގެދޮރެއް ހުރީކީނޫން. މިތާ މިތަިބަ އެއްޗެހި ދެން ޖެހޭނީ ގޮނޑަށް އަޅައިލަން. މި ވައްދާނެ އިތުރު ތަނެއް ނެތް. މިކަން ކުރަން ހުއްޓާލަން ޖެހެނީ. އެހެންވެ މިތަނުގަ އުޅޭ އެހެން ކެފޭތަކުގެ ވެރިން ވެގެން އަޅުގަނޑުމެން މިމައްސަލަ ހުށަހެޅީ ކޯޓަށް. ނަމަވެސް ދެން އިތުރު ގޮތެއް ނެތް،" މުސްތަފާ ބުންޏެވެ.

ކޮންމެއަކަސް ކޯޓު މަރުހަލާގައި ދެމަސް ވަންދެއް އެކަން ނުފެށިފައި އޮތެވެ. ނަމަވެސް އެ މީހުން ސިވިލް ކޯޓަށް ދިއުމުން ނެރުނު ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރުމުން ހައުސިން މިިނިސްޓްރީން އެދުނު ގޮތަކަށް ހައިކޯޓުން ނިންމި އެވެ. އަދި 72 ގަޑިއިރު ތެރޭގައި ކަޑަތައް ނަގަން ހައުސިން އިން އިއުލާނު ކުރި އެވެ.

"އެ ހުކުމް އަޅުގަނޑުމެން ކޮޅަށް އަމުން މަސައްކަތް ފެށުމަށް އެތަންތަން ހުސްކުރަން އަންގަން އަޅުގަނޑު ވަނީ ދަންނަވާފައި. މިހާރު އެ އެންގުން އެ ނުކުތީ، މިހާތަނަށް އެ މަސައްކަތް ނުކުރެވި މިދިޔައީ މި މައްސަލަތަކާހެދި އޭގެ ސަބަބުން އަޅުގަނޑުމެނަށް ދެ މަސް ދުވަހަސް ގެއްލުނީ، އަޅުގަނޑުމެން ރާވާފައި އޮތީ ޖުލައި މަހަށް ނިންމަން،" މުއިއްޒު ވިދާޅުވި އެވެ.

މުޅި ސަރަހައްދު ހިއްފަސޭހަ ތަނަކަށް ވާނެ!

މާފަންނު ސަރަހައްދަށް ގިނަ ބަދަލު ތަކެއް އައިސް ރަސްފަންނާއި ތިން ރުއްޕާކުގެ އިތުރުން ރައިވެރިބޭ މައިޒާން ތަރައްގީވެފައިވާ އިރު ދެން މަދު ވަނީ މި ކަޑަތަކެވެ. ބައެއް ފަހަރު އެ ހުރިހާ ހިތް ގައިމު ތަންތަނުގެ ކައިރީ އެފަދަ ގޮތަކަށް އަޅައި ނުލާ ތަނެއް އޮތުމަކީ މީހުން އެހާ ދެކޭ ހިއްވާނެ މަންޒަރެއް ނޫނެވެ. ކޮންމެއަކަސް މުއިއްޒު ވިދާޅުވީ އެސަރަހައްދު ތަރައްގޫ ކުރާނީ ތޮއްޖެހިފައި ހުރި ބައި ކުޑަކޮށް ޖާގަ ބޮޑުކޮށް ކަމަށެވެ.

އެތަން ތަރައްގީ ކުރެވިގެން އަންނަ އިރު އަމީނީ މަގުންނާއި އެތާ ފަހަތުގައި އޮންނަ މަގުންވެސް ވަދެވޭނެ ކަމަށާއި އެތަނުގެ ދެ ފަރާތުގައި ކާރާއި ސައިކަލު ޕާކު ކުރަން ރޮޓަރީ ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިހާރު އެތަނުގައި ހުރި 40 ކެފޭތައް ތަޅާލައި ޖާގަ ބޮޑުކޮށް 25 ނުވަތަ 27 ފުޑް ކޯޓު އަޅާނެ އިރު އޭގެ ސަބަބުން ކަސްޓަމަރުންގެ ކެޕޭސިޓީ އިތުރުވެ ބަދިގެ ސަރަހައްދު ތަނަވަސް ވެގެންދާނެ ކަމަށް އެ މިނިސްޓަރު އިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައިވެރިބޭ މައިޒާން ތަރައްގީ ކުރަން އުޅުމުންވެސް މީހުން ބުންމުން އައީ އެޕާކަށް އަންނާނެ ބަޔަކު ނުވާނޭ. ނަމަވެސް އެކަން ވެސް ދިޔައީ ވަރަށް ކާމިޔާބުކޮށް. ނަމަވެސް މިހާރު އެ ޕާކު ތަރައްގީ ކުރުމާއި ގުޅިގެން ހާބަރު ކަޑަތައް ހުންނަނީ ރަނގަޅު ގޮތަކަށް ނޫން އެހެންވެ އެތަން ފުޑް ކޯޓެއް ގޮތަށް ތަރައްގީ ކުރަން އަޅުގަނޑުމެން ވަނީ ނިންމައިފަ،" މުއިއްޒު ވިދާޅުވި އެވެ.