ބޭރު ކުޅިވަރު

ސީޒަން ނިމެންދެން ސިމިއޯނީ ސަސްޕެންޑްކޮށްފި

ސްޕެނިޝް ލީގުގެ މި ސީޒަނުގެ ނިޔަލަށް އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ސަސްޕެންޑްކޮށްފި އެވެ.

އާޖެންޓީނާގެ ކޯޗު ލީގު ބާކީ ތިން މެޗަށް ސަސްޕެންޑް ކުރީ މަގާލާ އަތުން އެތްލެޓިކޯ 1-0އިން މޮޅުވި މެޗުގައި އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވަން ދަނޑަށް ބޯޅަ އެއްލުމަށް ބޯޅްހޮވާ ކުދިން ގާތުގައި ބުނުމާ ގުޅިގެންނެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ސިމިއޯނީ ވަނީ ބެންޗުން ވެސް ފޮނުވާލައިފަ އެވެ. އުމުރުން މިހާރު 45 އަހަރުގެ ކޯޗަށް މި ސަސްޕެންޝަނުގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ބެންޗުގައި އިނުމަށް ހުރަހެއްނެތެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި އެތްލެޓިކޯ މިރޭ ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ.

ސަސްޕެންޝަނުގެ ސަބަބުން ސިމިއޯނީ އަށް ބެންޗުގައި ނުއިދެވޭނީ ސްޕެނިޝް ލީގުގައި ރާޔޯ ވަޔެކާނޯ އާއި ލެވަންޓޭ އަދި ސެލްޓަވީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޯޗު ސަސްޕެންޑްކުރިއިރު އެތްލެޓިކޯ އޮތީ ލީގުގެ އެއްވަނާގައިވާ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ދެ ޓީމު ކުޅުނު ދެ މެޗުގެ ނަތީޖާ އާއި ފައިދާ ގޯލުގެ ތަފާތުންނެވެ.