ޕީއެސްއެމް

އެންޓަނާއެއް ވެއްޓި ދިވެހި ރާއްޖޭގެ އަޑުގެ ހިދުމަތް ކެނޑިއްޖެ

Apr 27, 2016
2

ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ދުރަށް ފޮނުވަން ބޭނުން ކުރާ އެއް އެންޓަނާ ދަނޑި ވެއްޓުމާ ގުޅިގެން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަޑުގެ މީޑިއަމް ވޭވްގެ ހިދުމަތް މުޅި ރާއްޖެއިން ކެނޑިއްޖެ އެވެ. އެންޓާނާ ދަނޑި ވެއްޓުނު ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

"އަވަސް" އަށް ކަށަވަރުވެފައިވާ ދިވެހިރާއްޖޭގެ އަޑު ދުރަށް ފޮނުވުމަށް ހެންވޭރު އަޑިޕާކްގައި ބޭނުން ކުރާ ދެ އެންޓާނާގެ ތެރެއިން އެއް އެއްޓަނާ ވެއްޓުނީ އެ އެންޓަނާ ކޮޅަށް ޖެހުމަށް ބޭނުންކޮށްފައިވާ ލަނބުރާން ކެނޑިގެނެވެ.

މި އެންޓަނާ ވެއްޓުމާ ގުޅިގެން މީޑިއަމް ވޭވްގެ ހިދުމަތް މުޅި ރާއްޖެއިން ކެނޑިފައިވާއިރު އަޑުގެ އިންޖިނޭރުން ގެންދަނީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންނެވެ. ދިވެހި ރާއްޖޭގެ އަޑު ހިދުމަތް ކެނޑުނު ނަމަވެސް އަޑުގެ އެފްއެމާއި އަދި ސްޓްރީމިންގެ ހިދުމަތަކަށް ބަދަލެއް ނާދެ އެވެ.

މި ހާދިސާއާ ގުޅިގެން ޕީއެސްމާއި އަޑުގެ އެއްވެސް ވެރިއެއްގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ. މިއީ ނޮވެމްބަރު 3، 1988 ގެ ފަހުން ދިވެހި ރާއްޖޭގެ އަޑުގެ ހިދުމަތް މުޅި ރާއްޖެއިން މެކެނޑުނު ފުރަތަމަ ފަހަރެވެ.

މި އެންޓަނާ ވެއްޓުނު އިރު ދިވެހި ރާއްޖޭގެ އަޑުގެ ފްރެކިއުއެންސީ ދިނުމަށް ރާޅުގަނޑު ސަރަހައްދުގައި ޖަހާފައިވާ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާގެ އެހީއެއް ދޭން ޖަޕާނުން ނިންމައިފި އެވެ. އެ ޕްރޮޖެކްޓަށް ދޭ 50.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމާފައި ވަނީ މުޅިން އާ ޒަމާނީ ޓްރާންސްމީޓަރުތަކާއި އާރުއެފް އިކުއިޕްމަންޓްތަކާއި އޯޑިއޯ ޓެސްޓް އިކުއިޕްމަންޓްތައް އަދި އެކަމަށް ބޭނުންވާ ސައިޓް ތިލަފުށީގައި ގާއިމްކުރުމަށެވެ.

އަދި މިރޭ އެންޓަނާ ވެއްޓުނު އިރު މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖް އެޅުމަށް ޗައިނާގެ ސީސީސީސީ އިން އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ސައިޓްގައި ބޮޑެތި އަދި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.