ބޮލީވުޑް

ރިތިކާއި ކަންގަނާގެ ކޯޅުން: ސުޒާން ވެސް ސަޕޯޓްކުރަނީ ރިތިކަށް!

Apr 28, 2016

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ކަންގަނާ ރަނާވަތުގެ ހުރިހާ ސިއްރެއް ބޭޒާރުވެ، ދެމީހުންގެ ދެމެދުގައި މިހާރު ވަނީ ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ.

ދެމީހުން އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމުތައް އަޅުވައި، ދެމީހުންގެ ވެސް ވަކީލުން މެދުވެރިކޮށް އެކަކު އަނެކަކަށް ނޯޓިސް ފޮނުވައި ސްޓޭމަންޓްތައް އަންނަނީ ނެރެމުންނެވެ.

ކޮންމެ ދުވަހަކު މިދެތަރިންގެ އާކަމެއް މީޑީއާއަށް ފެންމަތިވަމުން އަންނައިރު، މީގެ ދެތިން ދުވަސްކުރިން ވަނީ ޕާޓީއެއްގެ ތެރެއިން ރިިތިކާއި ކަންގަނާ އެކަކު އަނެކަކު ގައިގައި ބައްދައިގެން ހުންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. މިފޮޓޯ އާންމުވުމާއެކު ރިތިކް ވަނީ 2010 ވަނަ އަހަރު ބޭއްވި މިޕާޓީގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. މިފޮޓޯތަކުގައި ރިތިކާއި ކުރީގެ އަންހެނުން ސުޒާންގެ އިތުރުން އެކްޓަރު އަރްޖުން ރާމްޕަލް އާއި އޭނާގެ އަންހެނުން މެހެރް ޖެސިއާ ވެސް ފެނެ އެވެ.

ރިތިކް އާއި އޭނާގެ ގާނޫނީ ޓީމުން ވަނީ ހަދާފައިވާ ފޮޓޯތައް އާންމުކޮށްފައިވަނީ ކަންގަނާ ކަމަށާއި މިއީ ރިތިކް އާއި އޭނާގެ ދެމެދުގައި ގުޅުމެއް އޮތް ކަން މީހުންނަށް ސާބިތުކޮށްދޭން ކޮށްގެން އުޅޭކަމެއް ކަމަށް ބުނެ އޭނާއަށް އިތުރު ސްޓޭޓްމަންޓެއް ފޮނުވާފަ އެވެ. އެ ސްޓޭޓްމެންޓް ފޮނުވާފައިވަނިކޮށް ރިތިކްގެ ކުރީގެ އަންހެނުން ސުޒާން ވަނީ ރިތިކް އާއި ކަންގަނާގެ ކޯޅުމުގައި އޭނާ ސަޕޯޓްކުރަނީ ރިތިކަށް ކަން ހާމަކޮށްފަ އެވެ.

ރިތިކް އާއި ކަންގަނާ ބައްދައިގެން ހުންނަ ފޮޓޯއެއްގެ ގޮތުގައި ދައުރުވަމުން އަންނަ ފޮޓޯ އަކީ ހަދާފައިވާ ފޮޓޯ އެކެވެ. މިފޮޓޯގެ އަސްލު ފޮޓޯގައި ކަންގަނާ، އަރްޖުން އާއި ރިތިކް އާއި އަދި އެހެން ދެއެކުވެރިއަކާ އެކު ނަގާފައިވާ ފޮޓޯއެކެވެ.

އެރޭގެ ޕާޓީގެ ތެރެއިން ނަގާފައިވާ އެފޮޓޯ އާއެކު ސުޒާން ކުރި ޓްވީޓެއްގައި ވަނީ އެފޮޓޯއަކާއި ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯއެއް ކަމަށާއި ދޮގުވާހަކަތަކުގައި މާބޮޑު ބުރަދަން ހުންނަ ކަމަށް ބުނެފަ އެވެ. އަދި އޭނާ އާންމުކުރި ފޮޓޯއަކީ އެކަން ސާބިތުކޮށްދޭން ކުރި ކަމެއް ކަމަށާއި މިމައްސަލައިގައި އޭނާ ސަޕޯޓްކުރާނީ ރިތިކަށް ކަމަށް ވެސް ބުނެފަ އެވެ.

ކަންގަނާ އާއި ރިތިކްގެ ކޯޅުން ފެށިފައިވަނީ މީޑިއާގައި ރިތިކަށް ނިސްބަތްވާ ގޮތަށް "ސިލީ އެކްސް" އޭ ކަންގަނާ ކިޔާފައިވާތީ އެވެ. ކަންގަނާ، ރިތިކްގެ އަބުރު ގެއްލޭ ފަދަ ގޮތަށް މީޑިއާގައި ވާހަކަދައްކާފައިވާތީ ރިތިކް ވަނީ އޭނާގެ ގާނޫނީ ވަކީލު މެދުވެރިކޮށް ކަންގަނާ އަށް މާފަށް އެދުމަށް ލީގަލް ނޯޓިސްއެއް ފޮނުވާފަ އެވެ. އަދި ރިތިކް އަށް ކަންގަނާ ފޮނުވި ޖަވާބުގައި ވަނީ އޭނާ މީޑިއާގައި ވާހަކަދައްކާފައިވަނީ އެއްވެސް މީހަކަށް ނިސްބަތްކޮށް ވަކި މީހެއްގެ ނަން ބޭނުންކޮށްފައި ނޫން ކަމަށާއި ރިތިކް ވަނީ އޭނާ އަށް އޭނާއަށް ބިރުދައްކަން މަސައްކޮށްފައި ކަމަށް ބުނެ، އޭނާގެ ވަކީލުން މެދުވެރިކޮށް 21 ސޮފްހާގެ ޖަވާބެއް ރިތިކަށް ފޮނުވާފަ އެވެ.

"ކްރިޝް 3" ކުޅުނު ފަހުން ލޯބީގެ ގޮތުން މިދެތަރިން ގުޅިގެން އުޅުނު ކަމަށް ކަންގަނާ ބުނަމުން އަންނައިރު ރިތިކް އެކަމަށް އިންކާރު ކުރެ އެވެ.