ޗެމްޕިއަންސް ލީގް

ބަޔާން ބަލިކޮށް އެތްލެޓިކޯ ހަމަޖެހިލައިފި

ބަޔާން މިއުނިކް 1-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދިއުމަށް އެތްލެޓިކޯ މެޑްރިޑް ހަމަޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ އެތްލެޓިކޯގެ ޒުވާން ކުޅުންތެރިޔާ ސައުލް ނިގުއޭޒް އެވެ.
އޭނާގެ މި ލަނޑަށް ފަހު ފަހުހާފުގައި ފެނާންޑޯ ޓޮރޭޒް ބަޔާންގެ ގޯލަށް ޖެހި ބޯޅަ ސަލާމަތްވީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

މި މޮޅާއެކު އެތްލެޓިކޯއަށް ކޮންޓްރޯލް ލިބިފައިވާއިރު މި ދެ ޓީމު ކުޅެންޖެހޭ ފަހު މެޗު އޮންނާނީ ބަޔާންގެ ދަނޑުގަ އެވެ.

މި މެޗާބެހޭ ގޮތުން އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ އަމިއްލަ ދަނޑުގައި ބަޔާން ކުޅުމަކީ އެތްލެޓިކޯއިން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.

"މި މެޗުގެ ފުރަތަމަ ހާފު ވަރަށް އެއްވަރު. ދެ ވަނަ ހާފުގައި އެމީހުން ރަނގަޅަށް ކުޅުނު. ކޮންމެ ވަގުތެއްގައި ވެސް އެމީހުން ނަތީޖާ ބަދަލުކޮށްފާނެ. ދެން އަހަރުމެން ކުޅެން މިޖެހެނީ އެމީހުންގެ ދަނޑުގައި. އެމީހުންގެ ސަޕޯޓަރުން އެމީހުންނާއެކު ތިބޭނެ. އެކަމަކު މިއީ އަހަރުމެން ފަސްޖެހެންވީ ކަމެއްނޫން. އަދި އަހަރުމެން މިކަމަށް ފަރުވާތެރިވާން ވެސް ޖެހޭނެ،" ސިމިއޯނީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވާދަކުރާ އަނެއް ދެ ޓީމަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މި ދެ ޓީމު އިއްޔެރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.