ނިއުރޭޑިއަންޓް

މެޗުގެ ކުރިން ނިއު ކަޓައިފި: ކޯޗް

ސިންގަޕޫރުގެ ބެލަސްޓިއާ ހަލްސާ އަތުން 3-0 އިން ބަލިވުމުގެ ކުރިން ވެސް ކުޅުންތެރިންގެ ނަޒަރުގައި އޭނާގެ ޓީމު އޮތީ އޭއެފްސީ ކަޕުން ކަޓާފައި ކަމަށް ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔްރޮދާން ސްޓޮއިކޯފް އިވަނޯފް ބުނެފި އެވެ.

"އަހަރުމެން އުއްމީދު ކަނޑާލައިފިން މެޗުގެ ކުރިން. މިހެންވީމަ އަހަރުމެން ނަފްސާނީ ގޮތުން ވަރަށް ދަށްކޮށްތިބީ،" ކޯޗު ބުންޏެވެ.
އޭނާ މިފަދައިން އިޝާރާތްކުރީ މި މެޗުގެ ކުރިން ނިއު ކުޅުނު ހަތަރު މެޗުގައި އެންމެ ދެ ޕޮއިންޓް ލިބި ގްރޫޕުގެ ފުލަށް ގޮސްފައި އޮތުމުންނެވެ.

ކޯޗު ބުނީ ބެލަސްޓިއާ މެޗަސް ނުކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ ކަމަށް ނިއު އަށް އިހުސާސްވި އަނެއް ސަބަބަކީ މުހިންމު ދެ ކުޅުންތެރިއަކު މި މެޗަށް ސަސްޕެންޑްވެފައި ތިބުން ކަމަށެވެ.

"އަހަރުމެންގެ މުހިންމު ދެ ކުޅުންތެރިން ސަސްޕެންޑްވެފައިތިބީ. ބެލަސްޓިއާ އަހަރުމެންނަށްވުރެ އޮގަނައިޒް، މާ ރަނގަޅަށް ކުޅުނު. އަހަރުމެން މިއުޅެނީ މިދިޔަ އަހަރަށްފަހު ޓީމު އަލުން ތައްޔާރުކުރުމުގެ މަސައްކަތުގައި،" ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕުން ނިއު ކަޓާފައިވާއިރު މުބާރާތުގައި ރާއްޖެއިން ވާދަކުރާ މާޒިޔާ އަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތްވެ. އެ ޓީމު އިއްޔެ އެއްވަރުވީ އިންޑިޔާގެ މޯހަން ބަގާންއާ ވާދަކޮށް 1-1އިންނެވެ.