ބޭންކް އޮފް މޯލްޑިވްސް

މިސްރާބު ހުރީ ރަނގަޅަށް، މިއަހަރު އިތުރަށް އިންވެސްޓް ކުރާނަން: ބީއެމްއެލް ސީއީއޯ

  • ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ
  • އިގްތިސާދު ވަރުގަދަ ކުރަން އިންވެސްޓްކުރާނެ
  • މާލީ ގޮތުން ބޭންކް އޮންނާނީ ވަރުގަދަ ކޮށް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް މިހުރީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ދިވެހި އިގްތިސާދުގެ ކުރިއެރުމަށް މިއަހަރު އަދިވެސް އިތުރަށް އިންވެސްޓް ކުރާނެ ކަމަށް ގައުމީ ބޭންކްގެ ސީއީއޯ، އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ބޭންކްގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތައް އާންމު ކުރުމާ ގުޅިގެން ބީއެމްއެލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކުރައްވާ، ދެއްވި މެސެޖެއްގައި ހީލީ ވިދާޅުވީ، ބޭންކް މިހާރު ދަނީ މާލީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި އެ ކުރިއެރުންތައް ބޭބްކުން ދަމަހައްޓަމުން ވެސް އަންނަ ކަމަށެވެ. އަދި ބޭންކް ދެމި އޮންނާނީ މާލީ ކުރިއެރުންތައް ހޯދައި ބޭންކްގެ ހިއްސާދާރުންނާއި ކަސްޓަމަރުން ހިތްހަމަ ޖެހޭ ބޭންކެއްގެ ގޮތުގައި ކަމަށް ވެސް ހީލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލީ ކުރިއެރުންތަކުގެ ނަތީޖާއަކަށް ވާނީ މި އަހަރުގެ ތެރޭގައި ބޭންކުން އިތުރު އިންވެސްޓްމަންޓްތަކެއް ކުރުމެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި މާލީ ގޮތުން އިގްތިސާދު ވަރުގަދަ ކުރުމަށް ފޯކަސް ކޮށްގެން މިއަހަރު އިތުރު އިންވެސްޓްމަންޓްތައް ބޭންކުން ކުރާނެ ކަމުގެ އުފާވެރި ހަބަރު ދެއްވާ ކަމަށް ހީލީ ވިދާޅުވި އެވެ.

"ބޭންކް މިއަންނަނީ ދުވަހެއް ދުވަހަކަށް މާލީ ގޮތުން އިތުރަށް ވަރުގަދަ ވަމުން. ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މިއަހަރު ބޭންކުން ވިޔަފާރިތަަކަށާއި އަމިއްލަ ފަރާތްތަކާއި މާލީ ގޮތުން އިގްތިސާދު ވަރުގަދަ ކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުން ދާނެ. މި ބޭންކް އިހުލާސްތެރި ކަމާއި ސާބިތު ކަމާ އެކު މަސައްކަތް ކުރަމުން ދާނީ ހިއްސާދާރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާނެ ބޭންކެއްގެ ގޮތުގައި،" ހީލީ ވިދާޅުވި އެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 932 މިލިއަން ރުފިޔާ ލިބި، ކޮންމެ ހިއްސާއަކަށް ހަތް ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ބޭންކުން ވަނީ، ފައިދާ 90 ޕަސެންޓް އިތުރުކޮށް 281 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދާފަ އެވެ.