ހަބަރު

މިދިއަ އަހަރު ރާއްޖެ އައި ޓޫރިސްޓުން 2.7 ބިލިއަން ޑޮލަރު ހޭދަކުރި

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި އަދަދު، 2013 ވަނަ އަހަރަށް ވުރެ 22 ޕަސެންޓް އިތުރުވެ، 2.7 ބިލިއަން ޑޮލަރު (41.6 ބިލިއަން ރުފިޔާ) އަށް އަރާފައިވާ ކަމަށް ތަފާސްހިސާތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި 1.2 މިލިއަން ޓޫރިސްޓުން ހޭދަ ކޮށްފައިވާ ކަމަށް އަންދާޒާ ކުރެވިފައި ވަނީ 2.7 ބިލިއަން ޑޮލަރެވެ. އެއީ 2013 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރި 1.1 މިލިއަން ޓޫރިސްޓުން ހޭދަ ކުރި، 2.2 ބިލިއަން ޑޮލަރަށް ވުރެ، 500 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

މިދޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އައީ ޗައިނާއިންނެވެ. އެގޮތުން ރާއްޖެ އައި ޓޫރިސްޓުންގެ 30 ޕަސެންޓް އައީ ޗައިނާ އިންނެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން އައި، ޖަރުމަނުން އަށް ޕަސެންޓް ޓޫރިސްޓުން އައިއިރު، ޔޫކޭ އިން އައީ ހަތް ޕަސެންޓް ޓޫރިސްޓުންނެވެ. ރަޝިޔާއިން ހަ ޕަސެންޓް ޓޫރިސްޓުން، އިޓަލީން ފަސް ޕަސެންޓް އަދި އިންޑިއާއިން އައީ ހަތަރު ޕަސެންޓް ޓޫރިސްޓުންނެވެ. އެ ގައުމުތަކަކީ ރާއްޖެ އައި ޓޫރިސްޓުންގެ 60 ޕަސެންޓެވެ.

މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުން ގާތްގަނޑަކަށް ރާއްޖޭގައި ހޭދަކޮށްފައި ވަނީ ހަ ދުވަހު އެވެ. ޓުއަރިޒަމް މިނިސްޓްރީން މިހާރު އަމާޒުކޮށްފައި ވަނީ މިއަހަރު، 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށެވެ.