އެންސްޕާ

އެންސްޕާގެ މުވައްޒަފުން ނަޒާހަތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކޮށްފި

ކޮރަޕްޝަންގެ އަމަލުތަކުން މުއައްސަސާތައް ދުރުކޮށް، މުއައްސަސާތަކުން ދޭ ހިދުމަތްތަކާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގާއިމްކުރުމަށް އޭސީސީން އެކުލަވާލާފައިވާ ގައުމީ ނަޒާހަތްތެރިކަމުގެ ވައުދުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ސޮއިކޮށްފި އެވެ.

ގައުމީ ނަޒާހަތްތެރިކަމުގެ ވައުދުގައި މިހާތަނަށް އައިއިރު ސަރުކާރުގެ ގިނަ މުއައްސަސާތަކަކުން ވަނީ ސޮއިކޮށްފައެވެ.

ވައުދުގައި ސޮއިކުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތުދެއްވަމުން އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސާ މުޖުތަބާ އަލީ ޖަލީލް ވިދާޅުވީ، އެންސްޕާއިން ފޯރުކޮށްދޭ ޒިންމާއަކީ ރައްޔިތުންނާއި ސީދާ ގުޅުމެއް އޮންނަ ހިދުމަތަކަށް ވާއިރު، ނަޒާހަތްތެރިކަމާއެކު ހިދުމަތްދިނުމަށް މަސައްކަތްކުރުމަކީ އެ މުއައްސަސާއިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. މުވައްޒަފުން ކުރާ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ބާރުއެޅި ނަމަވެސް ގައުމީ ނަޒާހަތްތެރިކަމުގެ ވައުދު ފަދަ ވައުދެއްގައި ސޮއިކޮށްފައި އޮތުމަކީ އެކަމަށް ދެވޭ އިތުރު ބާރެއް ކަމަށެވެ.

"އެންސްޕާއަކީ ހަމަ އެކަނި ހެލްތު ކެއާގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ނޫންކަމެއް. ގާނޫނީ ގޮތުން އެންސްޕާއަށް އެބަ ލާޒިމްކުރޭ ގާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވޭ ފަރާތްތަކާއި އެކަނިވެރިމައިންނާއި އުރުން ދުވަސްވީ މީހުންނާއި މިފަދަ އެހެންވެސް އެލަވަންސް ތައް ދިނުން. މިފަދަ މަސައްކަތްކުރާ އިރު އަޅުގަނޑުމެން އަބަދުވެސް ބަލަން މުވައްޒަފުންނަކީ ނަޒާހަތްތެރި މަސައްކަތްކުރާ ބަޔަކަށް ހަދަން،" މުޖުތަބާ ވިދާޅުވި އެވެ.

އެންސްޕާއިން ބުނީ އެ މުއައްސަސާއިން ބޭނުންވަނީ ގަވާނަންސްގެ ދާއިރާއިން ރާއްޖެއަކީ ހޮވާލެވޭ ގައުމަކަށް ހެދުމަށް ކަމަށެވެ. އެހެންކަމުން އޭސީސީއަށް ހުރިހާ ފަރާތަކުން އެއްބާރުލުން ދިނުމަށް މުޖުތަބާ ގޮވާލެއްވި އެވެ.

އޭސީސީން ބުނީ، އެ ކޮމިޝަނުގެ ޒިންމާއަކީ ހަމައެކަނި ކޮމިޝަނަށް ހުށަހެޅޭ ކޮރަޕްޝަންގެ އަމަލުތައް ބަލައި، ކުށް ކުރާ ފަރާތާ މެދު ފިޔަވަޅު އެޅުން ނޫން ކަމަށެވެ. ކޮރަޕްޝަންގެ އަމަލެއް ހިނގުމުގެ ކުރިން އެ އަމަލެއް ހުއްޓުވައި އެކަމުން އެމީހަކު ނުވަތަ ބަޔަކު ސަލާމަތް ކުރުމަކީވެސް އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ. ހަމަ އެއާއެކު މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާ މެދު މުޖުތަމައުގައި އޮންނަ އިތުބާރު ހިފެހެއްޓުމަކީ ވެސް އެ މުއައްސަސާއާއި ގުޅިފައިވާ ކަމަކަށް ވީއިރު އެ ކޮމިޝަނުން ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތް ކާމިޔާބުވާނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

"މި ވައުދުގައި ސޮއިކުރުމަކީ މުއައްސަސާތަކަށް ނަޒާހަތްތެރިކަމުގެ މަތީގައި ދެމިތިބުމަށް ހަނދާންކޮށްދިނުމެއްގެ ގޮތުގައި ކުރާ ކަމެއް. އަޅުގަނޑުމެން އުންމީދުކުރަން، އެންސްޕާގެ ދަށުން މީހުންނަށް ދޭ ފައިސާތަކާއި ބެހޭ ތަފްސީލު އެ ފައިސާތައް ލިބެންޖެހޭ ފަރާތްތަކަށް ފެންނާނެ ފަދަ ގޮތަކަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރުމަށް. އިންޓަނެޓްގެ ޒަރީއާއިންވެސް އެނޫން ގޮތަށް ވެސް އެކަން ކުރެވޭނެ ގޮތް އެބަހުރި، އޭރުން އެންސްޕާއާއި މެދު އުފެދޭ ޝައްކުތައް މަދުވާނެ،" އޭސީސީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންސްޕާގެ ހުރިހާ މުވައްޒަފުން ވަނީ ވައުދުގައި ސޮއިކޮށްފަ އެވެ.