ބޮލީވުޑް

ރަންބީރު ސުޕަހީރޯއެއްގެ ގޮތުގައި ފެނިގެންދާ ފިލްމު މަޑުޖައްސާލައިފި

Apr 30, 2016

ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ހަޔާތުގެ ކަންތައްތައް ދަނީ އެންމެ ރަނގަޅަކަށޭ ނުބުނެވޭނެ އެވެ.

މިއަހަރުގެ ކުރީކޮޅު ރަންބީރާއި ބަތަލާ ކެޓްރީނާ ކައިފް ރުޅިވެފައިވާއިރު، މިހާރު ރަންބީރު އަތުގައި އޮތީ އެންމެ ދެފިލްމެވެ. އެއީ އޭނާ އަލަށް ޕްރޮޑިއުސްކޮށް އަދި އެކްޓްވެސް ކުރާ "ޖައްގާ ޖާސޫސް" އާއި ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" އެވެ.

މިދެފިލްމުގެ ތެރެއިން "ޖައްގާ ޖާސޫސް" ގެ މަސައްކަތް ނުނިމި، ފިލްމު ރިލީޒްކުރާ ދުވަސް ދެފަހަރެއްގެ މަތިން ލަސްކޮށްފަ އެވެ. މިފިލްމު ޖޫން އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް ފިލްމުގެ ގިނަ މަންޒަރުތަކެއް އަދިވެސް ޝޫޓްނުކުރެވެ އެވެ.

މީގެއިތުރުންވެސް އެންމެފަހުން ރަންބިރުގެ ރިލީޒްވި ހަތަރު ފިލްމަށް ވެސް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާއިރު، އޭނާގެ ކުރިއަށް އޮތް ދެފިލްމު ކާމިޔާބުވުން ކެރިއަރަށް ވަރަށް މުހިންމެވެ.

ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރު އެންމެ އިންތިޒާރުކުރަމުން އައި ޑައިރެކްޓަރު އަޔާން މުކަރްޖީގެ ސުޕަހީރޯ ފިލްމު އުފެއްދުން ވަނީ މަޑުޖައްސާލާފަ އެވެ.

ބުނެވޭ ގޮތުގައި ރަންބީރު ސުޕަހީރޯއެއްގެ ރޯލު ކުޅުމަށް ހަމަޖެހިފައި އޮތް މިފލްމުގެ ޕްރޮޑިއުސްކުރާ ކަރަން ޖޯހަރަށް އިންޑިއަން ސުޕަހީރޯ ފިލްމު އުފައްދައިގެން ފައިދާނެ ވާނެ ކަމަށް ނުފެނުނީ އެވެ. އަދި ހޮލީވުޑްގައި ސުޕަހީރޯ ގިނަ ފިލްމުތަކެއް އުފައްދަނީ ވަރަށް ބައިވަރު ރިސޯސަސް ބޭނުންކޮށްގެން ކަމަށްވާތީ ކަމަށް ވެސް ވެ އެވެ. މީގެއިތުރުންވެސް ޑައިރެކްޓަރު ރެމޯ ޑިސޫޒާ އަންނަނީ އެކްޓަރު ޓައިގާ ޝްރޮފް ހިމަނައިގެން ސުޕަހީރޯ ފިލްމެއް އުފައްދަމުންނެވެ.

އަޔާން އަކީ ރަންބީރުގެ ވަރަށް ގާތް އެކުވެރިއެކެވެ. މީގެކުރިން ރަންބީރު ވަނީ އޭނާ ޑައިރެކްޓުކުރި "ވޭކް އަޕް ސިދް" އާއި "ޔޭޖަވާނީ ހޭދިވާނީ" ކުޅެފަ އެވެ. މިދެފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.