މޯލްޑިވިއަން އައިޑޮލް

ސަޕްރައިޒްތަކާއެކު އައިޑޮލްގެ ގްރޭންޑް ފިނާލޭ ހޯމަ ދުވަހުގެ ރޭ!

ރާއްޖޭގެ އެންމެ ފުރަތަމަ އައިޑޮލް ހޮވަން ބާއްވާ "މޯލްޑިވިއަން އައިޑޮލް" ގެ ގްރޭންޑް ފިނާލޭ އަންނަ ހޯމަދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ކަމަށް ޝޯ ބާއްވާ ޕީއެސްއެމުން ބުނެފި އެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިން ވަނީ ހޮވާފައެވެ. އެއާއެކު ބެލުންތެރިންގެ ހިތްތަކުގައި ޝޯއާ މެދު ވަނީ ކުރިޔަށްވުރެ ބޮޑު ޝައުގުވެރިކަމެއް އުފެދިގެން ގޮސްފައެވެ. އަންނަ ހޯމަ ދުވަހުގެ ރޭ މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ އޮންނާނެކަން އިއުލާން ކުރުމާއެކު ދެން އެންމެ އަވަހަށް އިންތިޒާރު ކުރެވޭނީ އެ ރެއަށް ކަން ޔަގީނެވެ. ގްރޭންޑް ފިނާލޭއަކީ މިއަހަރުގެ މޯލްޑިވިއަން އައިޑޮލްގެ އެންމެ ފަހު ރެއެވެ.

މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ބެލުންތެރިން ޝުއޫރުތަކުން ފުރުވާލަދިން ހުށަހެޅުންތަކާއި ގެސްޓުން ފެނިގެން ގޮސްފައިވާއިރު، ހޯމަ ދުވަހުގެ ރޭ ބާއްވާ ގްރޭންޑް ފިނާލޭގައި މިހާތަނަށް އެ ސްޓޭޖުން ނުފެންނަވަރުގެ އެތަކެއް ސަޕްރައިޒެއް ފެނިގެންދާނެ ކަމަށް އައިޑޮލްގެ ޓީމުން ބުންޏެވެ. ހާއްސަ ގޮތެއްގައި އެއްވަނަޔަށް ދާ ލަވަކިޔުންތެރިއާއަށް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދާއިރު ރަނާއަޕް ލަވަކިޔުންތެރިޔާ އާއި ތިން ވަނައަށްދާ ލަވަކިޔުންތެރިޔާއަށް ވެސް ބޮޑެތި އިނާމްތަކެއް ލިބޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްއަކީ މިހާތަނަށް ރާއްޖޭގައި ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯ އެވެ. އެ ޝޯގެ ފައިނަލިސްޓުންނަށް ހޮވިފައިވަނީ ޝަލަބީ، ލައިޝާ އަދި އިޝާނެވެ. ގްރޭންޑް ފިނާލޭގައި މި ބައިވެރިންގެ ފަރާތުން މޮޅު އަދި ގިނަ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މީގެ ކުރިން މުބާރާތުގައި ވާދަކޮށް ކަޓައިގެންދިޔަ ބައެއް މޫނުތައް ވެސް ފެނިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

ފީއެސްއެމުން ބުނީ، އެ ޝޯގެ ނަތީޖާ މީގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ ހާމަކުރި ނަމަވެސް ގްރޭންޑް ފިނާލޭއަކީ މާ ގިނަ ވަގުތު އެކަމަށް ހޭދަވާ ބޮޑު ރެއަކަށް ވާތީ ހޯމަދުވަހަށް ފިނާލޭ ޝެޑިއުލް ކުރީ ކަމަށެވެ.