ފިނިޕޭޖް

ހާދަރު: ވަތަނީ ލޯތްބާއި ލެއިން ކަޅިވެފައި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަދާ ފުރަތަމަ ފިލްމު "ހާދަރު" ގެ ޓްރެއިލާ ލޯންޗުކޮށްފި އެވެ.

މިރޭ ކަޅުތުއްކަލާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ޓްރެއިލާ ލޯންޗްކޮށްދެއްވީ ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސިފައިންގެ ކަލްޗާގައި ހިމެނެނީ ހަމައެކަނި ބަޑި ހިފައިގެން އަދުއްވުންނާ ކުރިމަތިލުން ނޫން ކަމަށާއި ދިވެހިންގެ ދީނާއި ސަގާފަތް އަދި ބަސް ކުރިއެރުވުން ހިމެނޭ ކަމަށެވެ. އަދި ހާދަރު އަކީ ޤައުމީ ފިލްމެއް ކަމަށާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަން ހާދަރު ގެ ސަބަބުން އަމިއްލަ ނަފްސަށް ޤަބޫލުކުރެވިގެން ދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެމްއެންޑީއެފަކީ ބްރޭންޑެއް ކަމަށާއި ސިފައިންގެ އުފެއްދުންތަކުގައި ކޮލިޓީ އަދި ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ސާފުކޮށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިޖުތިމާއީ އެހެނިހެން މައްސަލަތަކަށް ބިނާކޮށް ކުރިއަށް އޮތްތަނުގައި އެހެނިހެން ފިލްމުތައް ހަދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވި އެވެ.

އަންނަ މެއި މަހު ރިލީޒްކުރާ މި ފިލްމް ޝޫޓް ކޮށްފައިވަނީ ލ. އަތޮޅުގަ އެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ސިފައިންގެ ޑްރާމްތައް ތައްޔާރުކޮށްގެން ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ އަޝްހަރު ވަހީދެވެ. މި ފިލްމަކީ ނޮވެމްބަރު ތިނެއް ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ދިމާވި ހާދިސާތަކުގެ މައްޗަށް ހަދާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން އަށް ހަތަރު މަސް ދުވަސް ހޭދަވި އިރު މި ފިލްމުގައި، ދިވެހި ފިލްމެއް ހަދަން ބޭނުންކުރި އެންމެ ބޮޑު ސެޓު ބޭނުންކޮށްފައިވެ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މުހައްމަދު ޝައްމޫން، ފަސީހް އަހުމަދު، ޝަބާނާ މުހައްމަދު، އައިޝަތު މާޖިދާ ހިމެނެ އެވެ. މިފިލްމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރެވެ. ވާހަކަ ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދެވެ.