އަވަސް ވީކެންޑް

އަންހެނުން އަދި ފިރިހެނުންގެ ކޯޓްގައި ވެސް ޗެމްޕިއަނެއް!

އައިމިނަތު ޝިއުރާ އަކީ ތައާރަފެއް ބޭނުންވާ ވަރަށް ވުރެ ބޮޑަށް މަޝްހޫރުކަމާއި ކާމިޔާބީގައި މެޑަލް ޖަހާފައިވާ މޫނެކެވެ. ކުޅިވަރުގެ ދަނޑަށް އޭނާ ވަނީ އުމުރުން އެންމެ އަށް އަހަރުގަ އެވެ. އެންމެ ފުރަތަމަ އޭނާ ނެރުނީ ދުވާ ޓްރެކަކަށެވެ. މާ ބާރަށް ދުވާތީކީއެއް ނޫނެވެ. އެކަމަކު އޭރު ވެސް، އޭނާގެ ކިބައިގައި ސްޓައިލްއެއް ހުރީމަ އެވެ.

އެއަށް ފަހު މިއަދަށް 20 އަހަރުވީ އެވެ. މިއަދު ޝިއުރާ އަކީ މުޅި ރާއްޖެ ވެސް ފަހުރުވެރިވާ ފެންވަރުގެ ނަމެކެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް އޭނާ އަކީ "ޗެމްޕިއަނެކެވެ."

ނެޓްބޯޅަ އާއި ބާސްކެޓްބޯޅަ އަދި ހޭންޑްބޯލް ފަދަ ކުޅިވަރުތަކުގައި އަންހެނުންގެ ކޯޓުތައް ފަތަހަކުރުމަށް ފަހު މިއަދު އޭނާ އަކީ އެއް ވަނަ ޑިވިޝަނުގައި ފިރިހެން ބާސްކެޓް ބޯޅަ ޓީމެއް ވެސް ޗެމްޕިއަނަކަށް ބަދަލުކޮށްފައިވާ ފަހުރުވެރިވި ބާރުގަދަ ނަމެކެވެ.

ޝިއުރާ ވަނީ އޭނާގެ މި އާދަޔާހިލާފު ކެރިއަރުގައި ހުރިހާ ރަހައެއް ވެސް ތަޖުރިބާކޮށްފަ އެވެ. އެކަމަކު ކުޅިވަރުގެ މައިދާނުގައި އައިމިނަތު ޝިއުރާގެ މާނަ އަކީ "ކާމިޔާބީ" އެވެ. ނުވަތަ "ނަމްބަ ވަން" އެވެ. ދެ ވަނަ ނުވަތަ ތިން ވަނަ އޭނާ އަށް ލިބުނު އެވޯޑް ހަފުލާއެއް މި ރާއްޖެއަކު ނުބާއްވަ އެވެ. އޭނަ ކުޅޭ ނަަމަ ނުވަތަ އެވޯޑަށް ވާދަކުރާ ނަމަ ތަށި އެއީ އަބަދުވެސް ޔަގީން އެއްޗެކެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑަށް ޝިއުރާ ދިން ހާއްސަ އިންޓަވިއު އެވެ.

އެންމެ ފުރަތަމަ ވެސް ހިނގާ މި ދުވަސްކޮޅުގެ އަޕްޑޭޓަކުން ފަށައިގަންނަމާ؟ ޝިއުރާ ތިއީ ކުޅިވަރުގެ ތަފާތު ދަނޑުތަކަކުން ފެންނަ މޫނެއް. ކޮން ކަމެއް މި ދުވަސްކޮޅު ކުރިއަށް ދަނީ؟

"މި ދުވަސްކޮޅު މަސައްކަތް މި ކުރަނީ ނެޓްބޯލް ކޯޗިންގައި، މެއިންކޮށް. އެއީ އިންޓަ ސްކޫލް ޕޭރެންޓްސް ޓީޗާސް ނެޓް ބޯލް މުބާރާތެއް. އަޅުގަނޑު މި އުޅެނީ މާފަންނު މަދަރުސާގައި. ދެން އޭގެ އިތުރުން ހޭންޑް ބޯލް އިންޓަ އޮފީސް މުބާރާތުގެ މަސައްކަތުގައި ވެސް އެބައުޅެން. ކުރިއަށް އެބައޮތް ބާސްކެޓް ޓޯނަމެންޓެއް ވެސް."

ޝިއުރާ އަބަދުވެސް ފާހަގަކޮށްލެވެނީ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި. ދެ ވަނަ ތިން ވަނައެއްގައެއް ވެސް ނޫން. އަބަދުވެސް އެއް ވަނައިގައި، އޭރަކު ފާހަގަކޮށްލެވޭ ކޮންމެ ކުޅިވަރެއްގައި ވެސް. އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަކީ ނުވަތަ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމިހުރުމަކީ ކޮން ކަހަލަ އިހްސާސްތަކެއް ކުރެވޭ ކަމެއްތަ؟

"ކުޅިވަރުގެ ދާއިރާގައި މި ކާމިޔާބީތައް ލިބި ނަމްބަ ވަންއަކަށްވެފައި ހުއްޓަސް، އަސްލު ޝިއުރާ އަށް ވުރެ މާ މޮޅެތި ކުޅުންތެރިން ވެސް އެބަތިބި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ދުވަހަކު ވެސް ބޭނުމެއް ނުވޭ ޝިއުރާ މިއީ އެންމެ މޮޅު މީހާ އަށް ވާކަށެއް. ދެން އެގޮތަށް ނުވެސް ދެކެން. ދެން މިހާ ގިނަ ދުވަހު މިގޮތުގައި ދެމިހުރެވުނީ ވަރަށް ގިނަ ބައެއްގެ އެހީއާ އެކީގަ."

"އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނާތީ އަޅުގަނޑު އެބަޖެހޭ ވަރަށް ބޮޑު ރޯލްމޮޑެލްއަކަށްވާން ހުރިހާ އެންމެނަށް ވެސް. ކުޅޭ މީހުންނަށް ވެސް އަދި ބެލުންތެރިންނާއި ކުޑަކުދިންނަށް ވެސް. ލިބޭ އެންމެ ބޮޑު އުފަލަނީ، ތިމަންނަމެން ބޮޑުވެގެން ބޭނުންވަނީ ޝިއުރާ ކަހަލަ މީހަކަށް ވާށޭ ބުނާ އަޑު އިވުން. އެހެންވީމަ އަބަދުވެސް ބޭނުންވޭ އެކުދިންނަށް ޑިސިޕްލިންއެއް ދައްކަން. ރޯލް މޮޑެލް އަކަށް ވާން ޖެހޭނެ ކަމަށް ގަބޫލުކުރުން އެއީ އެންމެ ބޮޑު ޗެލެންޖަކީ."

އެހެންވީމަ މިވަރަށް ގިނަ ކާމިޔާބީތައް ލިބިފައިވާ މީހަކަށްވީމަ އަޅުގަނޑުމެން ހިތަށް އަރަނީ ބަލިވުމަކީ ނުވަތަ ނާކާމިޔާބީގެ ރަހަ ޝިއުރާ އަށް އެނގެނީ ކިހާވަރަށް ހެއްޔޭ؟ އަބަދުވެސް އެއް ވަނަ ނުވަތަ އެންމެ މޮޅު ކުޅުންތެރިޔާ ތިއީ. އޭގެ އިދިކޮޅުގައި ކުރެވުނީ ކޮން ތަޖުރިބާއެއް؟

"އެއް ވަނައިގަ އެކަކު ހުރުން، ދެން ބައެއް މީހުން ގަބޫލުކޮށްފާނެ، ކުރިއެރުމެއް ނޫނޭ އެއީ ކުޅިވަރެއްގައި ނަމަ. އަޅުގަނޑު ވެސް އަސްލު ބޭނުންވޭ އެހެން ކުޅުންތެރިން ވެސް މި އެވޯޑް އުފުލައިލަން. ނުވަތަ ކޮންމެ އެވޯޑެއް ވެސް."

"ދެން ކުޅިވަރަކީ ކާމިޔާބީ އާއި ނާކާމިޔާބީ ވެސް އެކްސްޕީރިއަންސްކުރަން ޖެހޭ ކަމެއް. ޝިއުރާ އަށް ވެސް ހުރީ ހެޔޮވަރު ވަރަކަށް ނާކާމިޔާބީއާ ވެސް ކުރިމަތިވެފައި. ހާއްސަކޮށް މެޗުތަކުން ބަލިވުން. އަދި އޭގެ އިތުރުން 2013 ގައި އޮޕަރޭޝަނެއްކޮށްގެން އެ އަހަރު އެއްކޮށް ކުޅުމާ ދުރުގައި ހުންނަން ޖެހިގެން އެފަހަރުގެ އެވޯޑް ޝޯ އަށް ދިޔައީ ގެސްޓެއްގެ ގޮތުގައި. ދެން އެފަހަރު އެވޯޑެއް ހިފަހައްޓާލައިގެން ސްޓޭޖުމަތީގައި ނެތުންވީ ވަރަށް ތަފާތު ތަޖުރިބާއަކަށް. މިސްވި ވަރަށް ބޮޑު އެއްޗެއް. އެތަނުގައި އެގޮތަށް ނުހުރެވުނީމަ. އެކަމަކު އުފާވޭ އެހެން މީހުންނަށް އެވޯޑް ލިބުނީމަ ވެސް. އަދި އެއީ ޝިއުރާ އަށް ވެސް މުޅިން ތަފާތު އެކްސްޕީރިއަންސެއް ކުރެވުނު ކަމެއް."

"މެޗުތަކުން ބަލިވާއިރު ވެސް ޝިއުރާ އަށް ރަނގަޅަށް ކުޅެވުނަސް ޓީމު ބަލިވުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން."

މިވަރުގެ ބޮޑު ފޯރިއެއް ކުޅިވަރަށް ޖެހުނު ގޮތާއި އެންމެ ފުރަތަމަ މި ދާއިރާ އަށް ޝައުގުވެރިވި ގޮތް އަދި ފުރުސަތު ލިބެން ފެށި ގޮތް އަހަރެމެންނަށް ކިޔައިދީބަލަ؟

"ޝިއުރާ ގަބޫލުކުރާ ގޮތުގައި ކުޅިވަރުގެ ދާއިރާ އަށް އަޅުގަނޑު ވެއްދީ އެންމެ ފުރަތަމަ ކިޔަވަން އުޅުނު ސްކޫލުން. ބާރަށް ދުވާ ކުދިންނާއި ރީއްޗަށް ދުވާ ކުދިންނަށް އޭރު ދޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް އަޅުގަނޑަށް ވެސް ދިނީ. އެއީ މާ ރީއްޗަށް ދުވާ ކަމަށް ބުނެ. ޕީއޭ ގަޑީގައި ބޭރަށް ނުކުމެ ދުވަން އުޅެނިކޮށް އެކަން ފާހަގަކުރެވެނީ. ފުރަތަމަ ގެންދިޔައީ އެތުލެޓިކްސް އަށް. ދެން އެތަނުން ނެޓްބޯޅައިގެ ތެރެއަށް ވަދެވުނީ. އޭރު އުޅެނީ ޖަމާލުއްދީން ސްކޫލްގައި."

"އެއަށް ފަހު ނެޓްބޯޅަ ކުޅެން ފެށިގޮތަށް 2005 ވަނަ އަހަރާ ހަމަ އަށް އެގޮތަށް ކުޅުނު ކުޅިވަރަކީ ނެޓްބޯޅަ. އެއަށް ފަހު ބާސްކެޓް ކުޅެން ފެށީ."

"ހިތް ޖެހުނު ހިސާބަކީ، ސްކޫލްގައި އުޅެނިކޮށް ސްކޫލްގެ ނެޓްބޯޅަ ޓީމަށް އަޅުގަނޑު ނެގީ ގްރޭޑް ހަތަރެއްގައި އުޅެނިކޮށް. އާންމުކޮށް ސިލެކްޓްކުރާނީ ގްރޭޑް ފަހެއްގެ ކުދިން. ދެން ވަރަށް މަޖާ ކަމަކަށްވީ އެ ތަޖުރިބާ. ވަކިން ހާއްސަކޮށް އޭރު އޮންނަ ކެއުންތަކާ އެއްޗެހި ބޮޑަށް ކަމުދިޔައީ މާ ބޮޑަށް."

އެހެންވީމަ ތި ޝައުގުވެރިކަމެއް ނުވަތަ މި ކުޅިވަރުތަކަކަށް ހިތް ޖެހިގެން ކުރިއަށް ދާން ބޭނުންވާނެތާ އެހެން މީހުންގެ އެހީ އާއި ހިތްވަރު ވެސް. ކޮބައިތަ އެންމެ މުހިންމު މީހަކީ؟

"އެންމެ ބޮޑު އިންސްޕިރޭޝަނަކީ ޝިއުރާގެ މަންމަ. މަންމަ އަޅުގަނޑަށް ދޭ އެއްބާރުލުން މިހެން ކިޔައިދީގެން ހީއެއް ނުވޭ މީހަކަށް ގަބޫލުކުރެވޭނެހެނެއްވެސް. އޮފީހުގައި އުޅެފައި ކުޅެން ދާންވާ ގަޑިއަށް މަންމަ ތައްޔާރުކޮށްދޭނެ ޖޯޒީ ވެސް. އަދި އިންޖަރީއެއްވިޔަސް، އައިސް އެޅުމުގައި ވެސް އުޅޭނީ މަންމަ. މެޗަކުން ބަލިވިޔަސް ވަރަށް ހިތްވަރުދޭނެ މަންމަ. އަދި ޝިއުރާގެ ހުރިހާ މެޗެއް ބަލަން ދާނެ މަންމަ. އެހެންވީމަ މިހާ ހިސާބަށް އައިއިރު އެންމެ ބޮޑު ހިތްވަރަކީ މަންމަ."

ފަސޭހަކަމެއް ނޫންކަން ނޭނގެ އެއް ފެންވަރެއްގައި އަބަދު ހުރުމާއި ކާމިޔާބީ ތަކުރާރުކުރުން އެއީ. އަހަރެމެންނަށް ކިޔައިދީ ބަލަ މިއަދު ހުއްޓި ތިހިރަ ހިސާބަށް އައުމަށް ކުރަން ޖެހުނު ސްޓްރަގްލް؟

"ރާއްޖޭގައި ކުޅިވަރު ކުޅޭ އެންމެންގެ ވެސް ހަމައެކަނި ކެރިއާއަކީ ކުޅިވަރެއް ނޫން. އެހެން ކަމެއް ކުރަމުން ސްޓްރަގްލްކުރަން މިޖެހެނީ. އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ވަރަށް ގިނަ ކުޅުންތެރިންގެ އެންމެ ބޮޑު ސްޓްރަގްލްއަކަށް ވާނެހެން ރަސްމީ ވަޒީފާއެއްގައި އުޅެމުން ކުޅެން ދިއުން. ފުލްޓައިމްކޮށް ކުޅިވަރުގެ ތެރޭގައި އުޅޭނެ ފުރުސަތެއް ނުލިބޭ. ޖެހޭ ވަޒީފާއެއް ވެސް އަދާކުރަން."

"އޭގެ ސަބަބުން ލާން ޖެހޭ އެފަޓް ވަރަށް ބޮޑުވޭ. ވަރަށް ގިނައިން ދިމާވާ ކަމެއް ހެނދުނު، ފަތިހު ޕްރެކްޓިސްކުރަން ޖެހުން ވެސް. ދެން އަދި ޕްރެކްޓިސް ނިންމާލާ ގޮތަށް ޖެހޭނެ އޮފީހަށް ދާން. ޕްރެކްޓިސްއެއް ނިންމާލާފައި އޮފީހަކަށް ގޮސް މަސައްކަތްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލައިގެން ނޫނީ ނުވާނެ ކަމެއް."

"އޮފީހަށް ދިޔައީމަ މެންޓަލީ ވަރުބަލިވޭ. ޕްރެކްޓިހަށް ދިޔައީމަ މެންޓަލީ ޕްލަސް ފިޒިކަލީ ވަރުބަލިވޭ. އެއީ އެންމެ ބޮޑު ސްޓްރަގްލްއަކީ، ދެ ކަމެއް ކުރަން ޖެހުން."

އަންހެނަކަށްވީމަ މި ދާއިރާގައި ވަކި އިތުރު ގޮންޖެހުންތަކެއް ނުވަތަ ހުރަސްތަކެއް ކުރިމަތިވާހެން ހީވޭތަ؟ ނުވަތަ އަންހެނަކަށްވީމަ އެބަހުރިތަ ކުޅިވަރުގެ ދާއިރާގައި ކުރިއަށް ދާން ގޮންޖެހުންތަކެއް؟

"އަންހެނަކަށްވީމަ ކޮންމެވެސް ވަރަކަށް އިޝޫޒް އުޅޭހެން ހީވަނީ ކުރިއަށް ދިއުމުގައި. ހަމައެކަނި ރާއްޖޭގައި އޮތް މައްސަލައެއް ވެސް ނޫން އެއީކީ. އެހެން ހުރިހާ ގައުމެއްގައި ވެސް އެކަން އޮތް ގޮތް. އެކަމަކު ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ އަށް ބަލަނީ ނަމަ، އެފަދަ ހުރަސްތަކެއް ނުވަތަ ގޮންޖެހުންތަކެއް ދިމާވެފައި ހުރީ ވަރަށް މަދުންކަން."

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ފިރިހެނުންގެ އެހީ އާއި އެއްބާރުލުން ލިބިގެން. ހަމައެކަނި އަންހެނަކަށް ވެގެން މިހައި ހިސާބަށް އައީއޭ ބުނުން ވާނީ ވަރަށް އަންފެއާ ކަމަކަށް."

"ދެން ބައެއް މީހުންނަށް ހީވަނީކަން ނޭނގެ އަންހެނަކަށް އެމީހަކު ވީމަ ބައެއް ކަންތައްތައް ނުކުރެވޭނެއޭ. އެއީހެން ޝިއުރާ އަށް ހީވަނީ ތަފާތުކުރުން ގެންނަ ހިސާބަކީ. އެއީ ބައެއް މީހުންގެ ވިސްނުމުގައި ހުންނަ މައްސަލައެއް. އަންހެނަކަށް ވީމަ ނުވާނެއޭ ވަކި ވަރަކަށޭ އެ ކަމެއް ކުރެވޭނީ ހީކުރުން."

އަހަރެމެންނަށް ކުޑަކޮށް ކިޔައިދީބަލަ ޝިއުރާގެ ކެރެކްޓާ. ކޮން ކަހަލަ މިޒާޖެއްގެ މީހެއް ކަމާއި ކޮން ކަހަލަ ފިކުރަކާއި ހިޔާލަކާއި ފޯރިއެއް ހުންނަ މީހެއްތަ ތިއީ؟ ކޮބައިތަ ތި ހިތްވަރާއި ފޯރި ނެރޭ ގޮތަކީ؟

"ކެރެކްޓާ ވައިސްކޮށް ބަލާ ނަމަ، އަޅުގަނޑަކީ އެއްވެސް މީހަކާ ރުޅި މީހެއް ނޫން. އެންމެނާ ވެސް ސަކަރާތް ޖަހާނެ. ޝިއުރާގެ ރައްޓެހިން ޝިއުރާ އަށް ކިޔާނީ ވެސް ކޭސްޕާ. ކޭސްޕާ ދަ ފްރެންޑްލީ ގޯސްޓް، އެއީ އެންމެނާ ވެސް އެހާ ފްރެންޑްލީކޮށް އުޅެ ވާހަކަ ދައްކާތީ. އެހެންވީމަ ކުޅިވަރުގައި ވެސް ކުޅިވަރުން ބޭރުގައި ވެސް ނޫޅޭނެ ޝިއުރާ ރުޅި މީހެއް."

"ދެން އެއްވެސް ކަމެއްކުރަން ޖެހިލުމެއް ނުވާނެ. ކުޑައިރު ވެސް ޑެއާކުރާ ކަމެއް ކުރާ މީހެއް މިއީ. މިސާލަކަށް މަގުމައްޗަށް ވެއްޓިގެން ވެސް ޝިއުރާ ލަދެއް ނުގަންނާނެ. އެއީ ޝިއުރާ ހުރީ ވަރަށް ބައިވަރު ފަހަރު ވެއްޓިފައި."

ކުޅިވަރުގައި އުޅޭ ބައެއް އަންހެނުން ދަށްކޮށްލުމުގެ ސަގާފަތެއް މިހާރު ވެސް ކޮންމެވެސް ވަރަކަށް އެބައޮތް ރާއްޖޭގައި. ކުޅިވަރުގައި އުޅޭ އަންހެނަކު ބައެއް މީހުންގެ ހިޔާލުގައި ނުވާނެ އަންހެނަކަށް ވެސް. އެފަދަ ހިޔާލާ މެދުގައި ޝިއުރާ ދެކޭ ގޮތަކީ ކޮބާ؟

"އެއީ އަދި އަންހެނަކަށްވިޔަސް ފިރިހެނަކަށް ވިޔަސް، ވަކި ގޮތަކަށް ލޭބަލްކުރުމަކީ ޝިއުރާ ދެކޭ ގޮތުގައި ވަރަށް ދަށް ކަމެއް. ޝިއުރާ އަށް ހީވަނީ މިހާރު އެބައި ވަރަށް ބޮޑަށް ރަނގަޅުވެއްޖެހެން. ކުރީގަ އަންހެނުންނަށް އެކަހަލަ ފުރުސަތުތަކެއް ލިބިފައި ނެތީމަ ކިރިޔާ ވެސް ފުރުސަތެއް ލިބޭއިރަށް އޭރު ވަނީ ވަރަށް ބޮޑު ކަމަކަށް. އެކަމަކ މިހާރު ވަރަށްބައިވަރު އަންހެނުން އެބައުޅޭ ކުޅިވަރުގައި ވެސް."

ފިރިހެނަކަށް ކުރެވޭނެ ހުރިހާ ކަމެއް އަންހެނަކަށް ވެސް ކުރެވޭނެކަން ޝިއުރާ ތިދަނީ ކެރިއަރުގައި ސާބިތުކޮށްދެމުން. އެކަމަކު ވެސް ބައެއް މީހުންގެ ހިޔާލަކީ އެހެނެއް ނުއެއް ވާނެއޭ. ކޮބައިތަ ޝިއުރާގެ ހިޔާލަކީ؟

"ޝިއުރާ ގަބޫލުކުރަނީ އަންހެނަކަށް ވެސް ފުރުސަތު ދީފިއްޔާމު، އެންމެ ރަނގަޅަށް ފުރުސަތު ހޯދައި ދެވިއްޖެ ނަމަ އެމީހެއްގެ ކުޅަދާނަކަން ބޭނުންކޮށްގެން އެންމެ ކުރިއަށް ނުދެވެންވީ ސަބަބެއް ނެތޭ. ދެން ފިރިހެނަކަށް 50 ކިލޯ އުފުއްލިފަ، އަންހެނަކަށް 20 ކިލޯ ނުއުފުއްލޭނެއެކޭ އަޅުގަނޑެއް ނުބުނާނަން. އަންހެނަކަށް ވެސް އެވަރަށް ޓްރެއިން ވެގެން އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރަނީ."

"ފިރިހެނަކަށް ކުރެވޭ ކަމެއް އަންހެނަކަށް ވެސް ވަރަށް ފުރިހަމަ އަށް ކުރެވޭނެ ކަމަށް ޝިއުރާ ގަބޫލުކުރަނީ."

ޝިއުރާ އެބަ ފާހަގަކޮށްލެވޭ ވަކި ހާއްސަ ކުޅިވަރަކަށްވުރެ ބޮޑަށް އެކި ތަފާތު ކުޅިވަރުތަކުން. ހުރިހާ ދިމާލެއްގައި ވެސް ލީޑަރެއްގެ ގޮތުގައި. ކިހާ ބޮޑު ބުރައެއްތަ އެއީ؟ ކިހިނެތް ތަރައްގީކުރި ޓެލެންޓެއް މިއީ؟

"ކުޅިވަރުގެ ތެރޭގައި ލީޑަޝިޕް ނަގަން އެނގުނީ ނެޓްބޯޅައިގެ ތެރެއިންނޭ އަޅުގަނޑު ބުނާނީ. އުމުރުން 14 އަހަރުގައި ނެޓް ބޯޅަ ޓީމަކާ އެކު ރާއްޖެއިން ބޭރަށް ފުރަތަމަ ދިޔައީ. ދެން ގައުމީ ޓީމުގެ އަންޑަ 21ގައި ކެޕްޓަންކުރުމުގެ ފުރުސަތު ވެސް ލިބުނު. އެކަހަލަ ގޮތަކަށް ހެން ހީވަނީ މިއަދާ ހަމަ އަށް ވެސް މީހުންނާ ގުޅިގެން އުޅެން ދަސްވީ."

ވަރަށް ގިނައިން މި ފެންނަނީ އެއް ކުޅުންތެރިންތަކެއް އަންހެނުންނަށް ހާއްސަ ގިނަ ކުޅިވަރުގެ ތެރެއިން. މިސާލަކަށް ޝިއުރާ. އެއީ މައްސަލައެއްތަ ނުވަތަ އަންހެން ޓެލެންޓް ނުއުފެދެނީތަ؟

"ކުޅިވަރުގައި ރާއްޖޭގައި ފިރިހެނުންނަށް ވުރެ އަންހެނުން މަދު. މަދުވާ ސަބަބުތައް ބައިވަރު. ސްކޫލް ދައުރުގައި އެކަމަކު ފިރިހެން ޓީމުތަކާ އެއްވަރަށް އަންހެން ޓީމުތައް ވެސް ހުރޭ."

"އެކަކު ނުވަތަ އެއް ބަޔަކު މި ކުޅިވަރުތަކުގައި އުޅުން، އަޅުގަނޑު ވެސް ގަބޫލުކުރަން އެއީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫން. އެކަމަކު ރާއްޖޭގެ ނިސްބަތުން އަންހެނުން މި ދާއިރާގައި މަދުވީމަ މިހެން މިކަން އޮތުން ނުދެކެން މައްސަލައެއްގެ ގޮތުގައި. މިސާލަކަށް މެޗުތަކަށް ބެލި ނަމަވެސް އަންހެނުންނަށް އަހަރެއްގެ މައްޗަށް ކުޅެލަން މި ލިބެނީ ހަތަރު ފަސް މެޗު. އެހެންވީމަ އެހެން ކުޅިވަރުތަކަށް ވަގުތު ހޯދަން ވެސް ވަގުތު ލިބޭ."

ކޮބައިތަ އަންހެނުންގެ ކުޅިވަރުތައް ރާއްޖޭގައި ކުރި އަރުވައި ތަރައްގީކުރަން މިހާރު ކުރަން ޖެހިފައިވާ މަސައްކަތްތަކަކީ؟

"ކޮންސިސްޓެންސީ. ކޮންމެ ކަމެއްގައި ވެސް ކޮންސިސްޓެންޓްވެގެން އެކަމަކަށް އިމްޕްރޫމަންޓްސް ގެނެވޭނީ. އެ ފުރުސަތު ލިބޭނީ ވެސް. އަހަރަކު ދެ މުބާރާތް އޮތީމަކާއެއް ކުރިއަރައިގެން ދިއުމުގެ ފުރުސަތެއް ކުޅުންތެރިންނަކަށް ނުލިބޭނެ. ގައުމީ ޓީމެއްގެ ޕްރެކްޓިސް ވެސް މި ފެށެނީ ދެ މަސް ދުވަހަށް ވީމަ ފުރަން. އެހެންވީމަ އެގޮތަށް ކަންތައްކޮށްގެން އެއްވެސް ކުޅިވަރެއްގައި ކާމިޔާބީއެއް ނުފެންނާނެ."

ޝިއުރާ އެ ވަނީ ވަރަށް ފަހުން ފިރިހެން ޓީމެއްގައި ހެޑް ކޯޗެއްގެ ގޮތުން މަސައްކަތްކޮށްފައި. އެއީ ޓީރެކްސް ބާސްކެޓްބޯޅަ ޓީމު. އެމީހުން ތަށި ނެގީ ޝިއުރާގެ ކޯޗުކަމުގެ ދަށުގައި ގޮސް. ކޮން ކަހަލަ ތަޖުރިބާއެއްތައެއީ؟

ވަރަށް ތަފާތު އެކްސްޕީރިއަންސެއް. ފިރިހެން ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމަކީ އެންމެ ފުރަތަމަ ބޭނުންވި މަގާމެއް ވެސް ނޫން. ދެން އެކަންވީ ވަރަށް ބޮޑު ޗެލެންޖަކަށް. އެ ޓީމުގައި އެސިސްޓަންޓް ކޯޗަކަށް ވެސް ހުރިން. އޭރު ވާގޮތަކީ ކުޅުންތެރިންނާއި ކޯޗާ ދެމެދުގެ މެދުވެރިއަކަށް ހުރީ. އެކަމަކު ފަހުން ކޯޗަކަށް ބަދަލުވީމަ ސީދާ ޝިއުރާ އަށް އެ ހުރިހާ މައްސަލަތަކެއް އަންނަނީ."

"މީގެ އިތުރުން ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަން ޖެހޭ ގޮތާއި މި ހުރިހާ ކަމެއް އަދި ސިމްޕަލް ކަންތައްތައް ވެސް ވަރަށް އުނދަގޫ ކަމަށްވީ. ވަރަށް ތަފާތު އެކްސްޕީރިއަންސެއް. ދުވަހަކު ވެސް ތަޖުރިބާކުރަން ޖެހިފައިނުވާ ޕްރެޝާ ހެންޑްލް ކުރަން ޖެހުނު ހެޑް ކޯޗެއްގެ ގޮތުގައި."

"ފާހަގަކޮށްލަން ބޭނުންނޭ އަޅުގަނޑު އެ މަގާމުގައި ހުރެގެން ހޯދި ކާމިޔާބީގެ ފަހަތުގައި ތިބީ ހުސް ފިރިހެނުންކަން ވެސް. އެ ކާމިޔާބީއެއް ނުލިބޭނެ ޓީމުގެ އެންމެންގެ ސަޕޯޓް ނުލިބިއެއް."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޯނި
  • މޭކަޕް އަދި ހިޖާބު ސްޓައިލް: އައިޝަތު ދީމާ / ބަލްގިސް
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • ވީޑިއޯ / އެޑިޓިން: އަހުމަދު ޝުރާއު
  • ސްޓޫޑިއޯ: ޑިޖިޓަލް ސްޓޫޑިއޯ