ވިޔަފާރި

އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ ރިޕޯޓު ނެރުން ލަސްވެއްޖެ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ މާލީ އަހަރުގެ ބައެއް މައުލޫމާތު ނުނިމިގެން އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުން ލަސްވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ކޮންސޮލިޑޭޓެޑް ފައިނޭންސް ސްޓޭޓްމަންޓް ތައްޔާރު ކުރުމުގައި ދިމާވި، ދައްޗަކާ ގުޅިގެން އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ހިސާބުތައް އާއްމު ކުރުން ލަސްވެފައިވާ ކަމަށެވެ. އަދި މި ކަމަށް ހައްލު ލިބުނުހާ އަވަހަކަށް ރިޕޯޓް ޝާއިއުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައިވާ ގޮތުން ޕަބްލިކް ކުންފުނިތަކުން އަހަރު ނިމޭތާ، ހަތަރު މަސް ދުވަހުގެ ތެރޭގައި އެ އަހަރެއްގެ މާލީ ހިސާބު އާއްމު ކުރަން ޖެހެ އެވެ. މި ތާރީހަށް ރިޕޯޓް އާއްމު ނުކޮށްފިނަމަ އެ ކުންފުންޏެއް 30،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. މިގޮތުން މީގެ ކުރިން ބައެއް ކުންފުނިތައް ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.