ފިނިޕޭޖް

އައިޑޮލް ހޮވުމަށް ލިބުނު ފަހު ފުރުސަތުގައި ވޯޓުލާނީ ކާކަށް؟

މޯލްޑިވިއަން އައިޑޮލްގެ އެންމެ ފަހު ޕާފޯމެންސް ޝޯ ރޭ ފެނިގެން ދިޔައިރު ކޮންމެ ބައިވެރިޔަކު ވެސް ވަނީ ދެ ލަވަ ހުށަހަޅައިދީފަ އެވެ. ރޭ ބައިވެރިންނަށް ލަވަ ހުށަހަޅައިދިނީ އެ ބައިވެރިން އެންމެ ގަޔާވާ، އެ ފަންނާނުންގެ އަމިއްލަ ހޮވުންތައް ނޫނީ، "މައި ޗޮއިސް" މި ތީމަށެވެ. ތީމްގެ ދަށުން ކޮންމެ ބައިވެރިޔަކަށް ވެސް ވަނީ އެ ބައިވެރިޔަކު ބޭނުން ލަވައެއް ކިޔުމަށް ފުރުސަތު ލިބިފަ އެވެ.

މި ފުރުސަތު ބައިވެރިން ދިނީ ބެލުންތެރިންނާއި ޖަޖުންގެ ހިތްތައް އަތުލުމުގެ އެންމެ ފަހު ފުރުސަތަށް ވެސް ވާތީ އެވެ. ރޭގެ ހުށަހެޅުންތަކުގެ މުހިންމު ކަން އެހާމެ ވެސް ބޮޑެވެ. ފުރަތަމަ މޯލްޑިވިއަން އައިޑޮލް ހޮވާނީ މިރޭ ބައިވެރިން ހުށަހަޅައިދޭ ލަވަތަކުގެ މައްޗަށެވެ.

ރޭ ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ޖަޖުން މިހާރު ވަނީ ވޯޓު ދީފަ އެވެ. ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފަ އެވެ. އެ ފުރުސަތު އަންނަ ހޯމަ ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ހުޅުވިފައި އޮންނާނެ އެވެ.

އިޝާން ހިތްތައް ފަތަހަކުރި!

ރޭ އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. ހުށަހަޅައިދިނީ އަލީ ރަމީޒުގެ "ނިންދެވީ ތިމޭމަތީ" މި ލަވަ އެވެ. އިޝާން ހުށަހަޅައިދިން ލަވައާ މެދު ޖަޖުން ތިބީ ވަރަށް ހިންހަމަޖެހިފަ އެވެ. ރަނގަޅު ކޮމެންޓްތަކެއް ވެސް އިޝާންއަށް ލިބުނެވެ.

އިޝާން ދެވަނައަށް ހުށަހަޅައިދިނީ "ވަން ނައިޓް ސްޓޭންޑް"ގެ "އާފެށުން" މި ލަވަ އެވެ. އަމިއްލަ ރާގުގެ މި ލަވަ އިޝާން ހުށަހަޅައިދިން ގޮތާމެދު ޖަޖުން ތިބީ ހިންހަމަ ޖެހިފަ އެވެ. ޖަޖުން ބުނީ ލަވަ ވަރަށް ސަޅި ކަމަށެވެ.

ޝަލަބީގެ މަގުބޫލުކަންވީ އިތުރު!

"މައި ޗޮއިސް"ގައި ޝަލަބީ އެންމެ ފުރަތަމަ ހުށަހަޅައިދިނީ އަލީ ރަމީޒުގެ "އައިޝާ" މި ލަވަ އެވެ. އަމިއްލަ ގޮތަކަށް ލަވަ ބަދަލުކޮށްލާ، ޝަލަބީ ހުށަހަޅައިދިން ލަވަ ޖަޖުންނަށް ކަމުދިޔަ އެވެ. ރަނގަޅު ކޮމެންޓްތަކެއް ވެސް ލިބުނެވެ. އެ ލަވައިން ޝަލަބީ ވަނީ އޭނާގެ ފެންވަރު ދައްކާލާފަ އެވެ.

ޝަލަބީ ދެވަނައަށް ހުށަހަޅައިދިނީ ޝިއުޒްގެ "ހީވިއޭ" މި ލަވަ އެވެ. މި ލަވައަކީ ޝަލަބީއަށް ވަރަށް ރީތި ލަވައެކެވެ. މި ލަވައާއެކު ވެސް ޖަޖުންގެ ތައުރީފު ޝަލަބީއަށް ވަނީ ލިބިފަ އެވެ. އަދި ޖަޖުން ވަނީ ކުރިއަށް ދިޔުމަށް ޝަލަބީއަށް ހިތްވަރު ވެސް ދީފަ އެވެ.

ލައިޝާގެ ހުނަރު ދައްކާލި!

ލައިޝާ ރޭ އެންމެ ފުރަތަމަ ހުށަހަޅައިދިނީ ހިންދީ ލަވައެއް ކަމަށްވާ "މެތެނު ސަމްޖާ" މި ލަވައިގެ ރާގަށް ހަދާފައިވާ ދިވެހި ލަވައެކެވެ. "އެކުގައި ވާނީ" މި ލަވައަށް ޖަޖުންގެ އެހާ ރަނގަޅު ކޮމެންޓްތަކެއް ނުލިބެ އެވެ. ލައިޝާގެ ޗޮއިސް ކަމުނުދިޔައީ އެވެ. ލައިޝާ ގޯހީއެއް ނޫނެވެ.

ލައިޝާ ދެވަނައަށް ހުށަހަޅައިދިނީ "ކައްޗަށް އެޅި ބިންގާ" މި ލަވަ އެވެ. ކުރީ ލަވައާ ހިލާފަށް މި ލަވައިން ޖަޖުން ހެއްވާލި އެވެ. ކުޑަ އިއްބެ ވަނީ ސްޓޭންޑިން އޮވޭޝަނެއް ވެސް ދީފަ އެވެ. މި ލަވަ އުނޫޝާއަށް ވެސް ވަރަށް ކަމުދިޔަ އެވެ. ޖަޖުން ބުނީ މި ލަވައިން ކުރީގެ ލަވަ ހަނދާން ނެތުނު ކަމަށެވެ.