ވެމްކޯ

ވެމްކޯއިން ކުނި މެނޭޖްކޮށް "ރަނަށް" ބަދަލު ކުރަނީ!

ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަނު (ވެމްކޯ) އަކީ އެކަށީގެންވާ ގޮތަކަށް އަދި ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖް ކުރަން ސަރުކާރުން އުފައްދާފައިވާ ކޯޕަރޭޝަނެކެވެ. އެ ކޯޕަރޭޝަނުން މިހާރުވަނ މާލޭގައި ކުނި މެނޭޖްކުރަން ޒަމާނީ ގޮތްތަކެއް ގެނެސް އަމަލުކުރަން ފަށާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އާއިރު ހަރަކާތް ހުއްޓިފައި އޮތް މި ކޯޕަރޭޝަނަށް ހަރަކާތް ގެނުވައި މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރަން އެ ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފަ އެވެ. މިހާރު ވެމްކޯއިން ވަނީ ކުނި މެނޭޖްކުރަން ފަށައި ކުނިން އާމްދަނީ ހޯދުމުގެ މަސައްކަތްތަށް ވެސް ތައްޔާރުވާން ފަށާފައެވެ.

ހަގީގަތުގައި މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރަން ވެމްކޯއާ ހަވާލުކުރި އިރު މާލެ އާއި މާލޭގެ ސަރަހައްދުގެ ކުނީގެ ވާހަކައަކީ ދައްކަން ފަސޭހަ ބޮއްސުން ލާފައިވާ "ގޮނޑެ" ކެވެ. ސަބަބަކީ ކުރިން މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރުމުގައި އަހަރަކު 300 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އެންމެ ރަނގަށް މަސައްކަތްކޮށް ކުނި މެނޭޖްކުރެވިފައެއް ނެތުމެވެ. ކައިރިވާން ހެޔޮނުވާވަރުގެ މައްސަލައަކަށް ކުނީގެ މައްސަަލަވެފައި އޮތުމެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފުއާދު ވިދާޅުވި ގޮތުގައި ކުނި މެނޭޖްކުރަން ވެމްކޯއާ ހަވާލުކުރި އިރު އެކަމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ވެސް ވެހިކަލެއް ވެސް ވެމްކޯއަކު ނެތެވެ. ފެންނާން ހުރި ހުރިހާ އެއްޗެއްސަކީ ވެސް ހަލާކުވެ ވީރާނާވެފައި ހުރުމުން ގޮނޑަށް ގެންދަންވެފައި ހުރި ތަކެއްޗެވެ.

"މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކުރި އިރު 95 ޕަސަންޓް ވެހިކަލްތައް ހުރީ ޝަޓް ޑައުންވެފައި. އެންމެ ފުރަތަމަ ވެމްކޯއިން މަސައްކަތް ކުރީ ކުނި ނައްތާލަން ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ގޮތް ހުއްޓުމެއްނެތި ކުރިއަށް ގެންދަން. މާލެ އާއި ވިލި މާލެ ފުރަތަމަ ހަވާލުވީ،" ފުއާދު ވިދާޅުވި އެވެ.

ވެމްކޯގެ މަސައްކަތް ފަށާ މިހާރު އެ މަސައްކަތް ކުރިއަށް ގެންދަނީ މާލޭގެ ދެ ސަރަހައްދަކުން ކުނި ބޭރުކުރު ކޮށްގެންނެވެ. ކުނި ނައްތާލަން ފެށީ އިމާރާތް ކުރުމާއި ވިޔަފާރިތަކުން އުފެދޭ ކުނި ބަލްކުކޮށް ޕިކަޕްތަކުގައި ގެންގޮސް އެމްޕީއެލް ސަރަހައްދުގައި އޮންނަ ލޭންޑިން ކްރާފްޓެއްގައި ތިލަފުއްޓަށް ގެންގޮސް އަދި ގެތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި ދޯނިތަކުގައި ތިލަފުއްޓަށް ގެންގޮސް ރޯކޮށްގެންނެެވެ. މާލޭގެ އިތުރުން ވިލި މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރު މާލެއެކޭ އެއްގޮތަށެވެ .ހަފްތާއަކު ދެ ފަހަރު ތިލަފުއްޓަށް ގެންގޮސް އަންދައިގެންނެވެ.

ކުނި އާމްދަނީ ހޯދުމުގެ މަސައްކަތް ކުރިއަށް

"ކުންޏަކީ ރިސޯސެއް، މިއީ ވަސީލަތެއް ކަމަށް ބަލައިގެން ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުސަތު އޮތް އެއްޗެއް. އެހެންވީމަ މި ކޯޕަރޭޝަނުން މިކަމަށް އިންވެސްޓު ކުރަމުން މިދަނީ،" ފުއާދު ވިދާޅުވި އެވެ.

މިކަމަށް އިންވެސްޓް ކުރަން ވެމްކޯއިން ވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލާފަ އެވެ. ފުރަތަމަ ކަމަކީ މާލެ އެތެރޭގެ ކުނި އުފުލައި ދިނުމުގެ މަސައްކަތެވެ. ޒަމާނީ ވެހިކަލްތަކުގައި ވެމްކޯއިން މަސައްކަތް ފެށުމުން ބިދޭސީން ލައްވާ އެކި އަގުތަކުގައި ކުނި އުކާލުމަށް ނިމުމެއް އަންނާނެ އެވެ، އަދި ޕިކަޕްތަކަށް އަޅައިގެންވެސް އުކާލުމަށް ނިމުމެއް އަންނާނެ އެވެ.

ވެމްކޯއިން ހުރިހާ ގޭގެއަކަށްވެސް ކުނި އުކާލައިދޭނީ އެއް އަގަކަށެވެ. އަދި ހުރިހާ ވިޔަފާރިތަކަށް ވެސް އެއް އަގަކަށެވެ. ވެމްކޯއިން މިމަސައްކަތް ފެށުމުން މާލޭގައި އާންމު ލައްވާ ކުނި އުކުން މަނާވާނެ އެވެ. އެކަމަށް ބޭނުންވާ ވެހިކަލްތައް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ވެމްކޯއިން ދަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ސިނާއީ އަވަށުގައި ކަލެކްޓިވް ސާވިސް އެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އޭރުން ސިނާއީ އަވަށުގައި ޓްރާންސްފާ ސްޓޭޝަނެއް ގާއިމްކޮށް ހުރިހާ ކުންޏެއް ކޮމްޕްރެސްކޮށް ކޮންޓޭނާ ތަކުގައި ތިލަފުއްޓަށް ގެންދެވޭނެ އެވެ. އަދި އެކުނިތައް ތިލަފުއްޓަށް ގެންގޮސް ސީދާ އެންދުމުގެ ބަދަލުގައި އަންދާނީ އިންސިނިރޭޓާ ބޭނުންކޮށްގެން ކޮންމެހެން އަންދަންޖެހޭ ކުންޏެވެ. އެހެނިހެން ކުނި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލާނީ އެވެ.

"މިހާރު ނިންމާފައިވާނީ ރާއްޖެއިން ބޭރަށް ޕްލާސްޓިކް އެކްސްޕޯޓު ކުރަން. އަދި ޕޭޕާ އާއި ދަގަނޑު ވެސް. މިއީ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަންކަން. ކޯޕަރޭޝަންގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން އެންމެ ފައިސާއެއް ވެސް ހަރަދުނުކޮށް ވިޔަފާރި އުސޫލުން މިކަންކޮށް އާމްދަނީ ހޯދުން. މިއީ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމެއް." ފުއާދު ވިދާޅުވި އެވެ.

ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހަދާ ސިނާއީ އަވަށުގެ މަސައްކަތް ދެމަސް ދުވަސްތެރޭ ނިމުމަށްފަހު މާލެ ތެރޭގައި ކުނީގެ އެއްވެސް މަސައްކަތެއް ހިނގާތީ ނުފެންނާނެ އެވެ.

ދެ އަހަރު ތެރޭ މުޅި ރާއްޖެއަށް ފުޅާ ކުރާނެ

ވެމްކޯއިން ކުރަނީ ހަމައެކަނި މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތެއް ނޫނެވެ. ހުޅުމާލޭގެ ކުނި މެނޭޖްކުރުމާއި ހަވާލުވާން ވެސް މިހާރު ހުރިހާ ތައްޔާރުވެފަ އެވެ. އަދި ރާއްޖެ ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ރ. ވަންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް މިހާރުއެވަނީ އެއްކޮށްހެން ނިންމާފަ އެވެ.

"ވަންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުން ނ، ރ، ބ، ޅ، މިހަތަރު އަތޮޅުގައި އުފެދޭ ކުނި މެނޭޖް ކުރާނެ. އެއީ އެ ސަރަހައްދުގެ ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްތައް ހިމަނައިގެން އެރަށްތަކުން އުފެދޭ ކުނި ވަންދޫއަށް ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލާނީ." ފުއާދު ވިދާޅުވި އެވެ.

ވެމްކޯއިން މިހާރުވަނީ އައްޑޫ އަދި ފުވައްމުލަކުގެ ވޭސްޓް މެނޭޖްމެންޓް ސެންޓާގެ މަސައްކަތްވެސް ފަށާފަ އެވެ. އަދި ހއ، ހދ، ށ ގެ ކުނި ވަންދޫއަށް ގެންގޮސް ނައްތާލުމުގެ ޕްލޭން އެއްވެސް ދަީ ކުރަމުންނެވެ. ކުރިއަށް އޮތް ދެއަހަރު މުޅި ރާއްޖެއަށް ވެމްކޯގެ ހިދުމަތް ފުޅާ ވެގެން ދިއުމަކީ އަމާޒެކެވެ.

ވެމްކޯގެ މަސައްކަތް ފުޅާކުރާއިރު އެކަމަށް ރައްޔިތުން ހޭލުންތެރިކުރަން އެކޯޕަރޭޝަނުން ހަނދާން ނައްތައެއް ނުލަ އެވެ. އަންނަ ތްރީއާރް ދުވަހު އެވެއާނެސް ކެމްޕޭން ފަށަން މިހާރުދަނީ ތައްޔާރުވަމުންނެވެ. ތްރީއާރް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އޮގަސްޓު 16 ވަނަ ދުވަހެވެ.