ހަބަރު

ނަޝީދަށް ހައި ކޯޓުން މިހާތަނަށް އަހަރެއްހާ ދުވަހުގެ ޗުއްޓީ ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު އެކި ފަހަރުމަތިން އެކި ތަންތަނަށް ވަޑައިގަތުމަށް އެދިވަޑައިގެން ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން މިހާތަނަށް 300 އަށް ވުރެ ގިނަ ދުވަސް ޗުއްޓީގެ ގޮތުގައި ދީފައިވާ ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.

އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ނަޝީދުގެ މައްޗަށް ހުުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ ބަލާ ބެންޗު ސައްހަތޯ ކަނޑައަޅައިދިނުމަށް އެދި ނަޝީދު 2013 ވަނަ އަހަރު ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު 15 ވަރަކަަށް ފަހަރު ޗުއްޓީ އަށް އެދިވަޑައިގެންނެވި ކަމަށެވެ.

"މިހާތަނަށް ފަނަރަ ވަރަކަށް ފަހަރު ވަނީ ޗުއްޓީ އަށް އެދިވަޑައިގެންފައި. އެއިން ކޮންމެ ފަހަރަކު ވެސް ވަނީ ޗުއްޓީ ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ފަހަރުމަތިން ނަޝީދަށް ދިން ޗުއްޓީގެ އަދަދު މިހާރު ވަނީ 300 ދުވަހަށް ވުރެ އިތުރުވެފައި ކަމަށެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލަ ހައި ކޯޓުގައި ލަސްވެގެން ގޮސްފައި ވަނީ އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ބަލަމުން ދާތީ އޭނާ އަހަރަކަށް ވުރެ ގިނަ ދުވަސް ސަސްޕެންޝަންގައި ހުންނެވުމާ ގުޅިގެންނެވެ. އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން މި އަހަރު ހައި ކޯޓުން ބެންޗު ބަދަލުކޮށް އަލުން މައްސަލަ ބަލަން ތާވަލްކުރުމާ އެކު ނަޝީދު އަނެއްކާވެސް ޗުއްޓީއަކަށް އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން ވަނީ މިފަަހަރު ޗުއްޓީއެއް ދެވެން ނެތް ކަމަށް ނަޝީދަށް އަންގައިވަ އެވެ.

ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާ ކުރަނީ ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެންނެވެ. ނަޝީދުގެ މައްޗަށް ކުރަނީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އެވެ.