މިއުޒިކް

އެމެރިކަން އައިޑޮލް ޕްރޮޑިއުސް ކުރި ކުންފުނި ބަނގުރޫޓް ވެއްޖެ

އެމެރިކަން އައިޑޮލް އުފައްދާ "ކޯމީޑިޔާ ގްރޫޕް"އަށް ބޮޑެތި މާލީ މައްސަލަތަކެއް ކުރިމަތިވެ، އެ ކުންފުނި ބޭންކްރަޕްޓް ވެއްޖެކަން އެ ކުންފުނިން އިއުލާންކޮށްފި އެވެ. އެމެރިކާގެ މާލީ ގާނޫނުތައް ބުނާ ގޮތަށް އެ ކުންފުނިން މިހާރު ވަނީ ބޭންކްރަޕްސީ ކޯޓްގައި ފައިލް ވެސް ކޮށްފަ އެވެ.

ކޯމީޑިޔާ ގްރޫޕުން މިކަން އިއުލާންކޮށްްފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުންފުނި ބޭބްކްރަޕްޓް ވުމާ ގުޅިގެން، ބޭންކްރަޕްސީ އިއުލާން ކުރުމާ ގުޅޭ ގާނޫނުގެ، ޗެޕްޓާ 11 ގެ ދަށުން ބެންކްރަޕްސީ ޕްރޮޓެކްޝަން ލިޔެކުންތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. ކޯމީޑިޔާ އިން ބުނާ ގޮތުގައި އެ ކުންފުނި ބޭންކްރަޕްޓް ވުމުގެ މައިގަނޑު ސަބަބަކީ އެމެރިކަން އައިޑޮލް އިން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމެވެ.

މުޅި އެމެރިކާގައި ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކަން އައިޑޮލްގެ 15 ސީޒަން ދައްކާފައިވެ އެވެ. އަހަރަކު 20 މިލިއަން މީހުން އައިޑޮލް ބެލިކަމަށް ރިސާޗް ކުންފުނި ނީލްސެން އިން ބުނެފައިވެ އެވެ. އައިޑޮލް ދައްކަމުން އައި، ފޮކްސް ޗެނަލްގެ އެއްވަނަ ޝޯގެ ގޮތުގައި އައިޑޮލް އޮތް ނަމަވެސް، 2012 ވަނަ އަހަރުން ފެށިގެން އައިޑޮލްގެ މަގުބޫލުކަން ވަނީ އިންތިހާއަށް ދަށަށް ދާން ފަށައިފަ އެވެ. މިމަހުގެ ކުރީކޮޅު ދެއްކި ވަދާއީ ޝޯ ބަލާފައިވަނީ ވެސް އެންމެ 13.3 މިލިއަން މީހުންނެވެ.

މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ ކެރީ އަންޑަވުޑް، ޖޯޑިން ސްޕާކްސް، ކެލީ ކްލާކްސަންގެ ކެރިއާ ފަށާފައިވަނީ އެމެރިކަން އައިޑޮލްގެ ސްޓޭޖުންނެވެ. ގިނަ ބައެެއްގެ ކެރިއަ ފެށި އައިޑޮލްގެ މި ސްޓޭޖުގައި، ހާއްސަކޮށް އޮޑިޝަންތަކުގެ ތެރެއިން، ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންގޮސްފައިވެ އެވެ.

އެމެރިކަން އައިޑޮލް ޕްރޮޑިއުސް ކުރުމުގެ އިތުރުން، ކޯމީޑިޔާ ގްރޫޕުން ވަނީ ސޯ ޔޫޫ ތިންކް ޔޫ ކެން ޑޭންސް ފަދަ ޝޯތައް ޕްރޮޑިއުސްކޮށް، އައިޑޮލް އިން ތައާރަފްވި ގިނަ ބައެއްގެ އެތައް ހުނަރެއް ދުނިޔެއަށް ދައްކާފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްރެންޗައިސް އުސޫލުން ބާއްވާ ޝޯ، މޯލްޑިވިއަން އައިޑޮލް ޕީއެސްއެމް އިން ބާއްވަމުން އަންނަނީ އެ ޝޯ އުފައްދާ ކުންފުނި، ފްރެމެންޓަލް މީޑިއާ އާ ގުޅިގެންނެވެ. އައިޑޮލް ޝޯތަކުގެ ފެށުމަކީ ފްރެމެންޓަލް މީޑިއާ އިން އިނގިރޭސިވިލާތުގައި ބާއްވަމުން އަންނަ ޕޮޕް އައިޑޮލް އެވެ.