އަހުމަދު ރިލްވާން

ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތުވި ދެމީހުން އަލުން ހައްޔަރުކޮށްފި

ނޫސްވެރިޔާ، އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ގޭބަނދުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި އެވެ.

އެ މައްސަލާގައި މިމަހު ކުރީކޮޅު 29 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކު ހައްޔަރު ކުރުމަށް ފަހު، އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމެވުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެމީހުން ވަނީ 10 ދުވަހަށް ގޭ ބަންދަށް ބަދަލު ކުރަން އަމުރުކޮށްފަ އެވެ. އެހެން ނަމަވެސް އެ އަމުރު ހައި ކޯޓުގައި ޕީޖީ އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ 10 ދުވަހުގައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ރިލްވާން ގެއްލުވައިލި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފުލުހުން ވަނީ "އަވަސް" އަށް ކަށަވަރުކޮށްދީފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުގީގަށް 608 ދުވަހަސް ފަހު ފުލުހުން ބޭއްވި ޕްރެސްގައި ބުނެފައި ވަނީ، ރިލްވާން އެރުވި ކަމަށް ތުހުމަތު ކުރެވޭ ރަތްކުލައިގެ ކާރުގެ ޑިކީގެ ތެރޭގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރެއިން ފެނުނު ފަސް އިސްތަށިން ކުރެ، އެއް އިސްތަށިން ނެގި ޑީއެންއޭ ސާމްޕަލް ރިލްވާން މަންމަގެ ޑީއެންއޭ އާ ދިމާވާ ކަމަށެވެ. އަދި އޭނާ ގެއްލުނު ރޭ ކުޑަހެންވޭރު ގޭންގަށް ނިސްބަތްވާ، ސުވައިދު ކިޔާ މީހަކު މާލޭގައި ރިލްވާންގެ ފަސްފަހަތުން ގޮސް ފާރަލީކަން ސީސީޓީވީ ފްޓޭޖްތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.