މޯލްޑިވްސް ޕޮލިސް ސާވިސް

މޭޑޭގައި އެއްވެސް ހިނގާލުމަކަށް ފުރުސަތު ނުދޭނަން: ފުލުހުން

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ބައެއް ޖަމްއިއްޔާތަކުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވަން އިންތިޒާމުކުރަމުންދާ ކަމަށް ބުނާ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދޭން ފުލުހުން ނިންމައިފިއެވެ.

އިންޓާނަލް ސެކިއރިޓީ ކޮމާންޑުގެ ހެޑްޗީފްސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މާދަމާ ހަވީރު މާލޭގައި ބާއްވަން އިންތިޒާމު ކުރާ ހިނގާލުމުގެ މައުލޫމާތު މީޑިއާގެ ޒަރީއާ އިން ލިބިފައިވާ ކަމަށާއި އެފަދަ ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި ދުއްވާތަކެތި ދުއްވުން ހުއްޓި އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.

މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރަން ޖެހުމުން ދަތުރުފަތުރުގެ ނިޒާމަށް ދަތިތައް ފޯރައި ހިނގައިބިގައިވާ ފަރާތްތަކަށް ދަތިތައް ފޯރާތީ މިފަދަ ހިނގާލުންތައް ކުރިޔަށް ގެންދަން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށްވެސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.