ފިނިޕޭޖް

އައިޑޮލްގެ ގްރޭންޑް ފިނާލޭގައި އަބިޖީތު ބަޓަޗަރްޔާގެ ހުށަހެޅުމެއް

Apr 30, 2016
1

މޯލްޑިވިއަން އައިޑޮލް އަންނަ ހޯމަ ދުވަހުގެ ރޭ ނިމުމަކަށް އަންނައިރު އާދައިގެ ގޮތަކަށް މި ޝޯ ނިންމާލަން ޕީއެސްއެމް އިން ބޭނުމެއް ނުވެ އެވެ. އެހެންކަމުން ޝޯގެ އެންމެ ބޮޑު ސަޕްރައިޒް އަދި ކުރިއަށް އޮތީ އެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ އަބިޖީތު ބަޓްޗަރްޔާ ހޯމަ ދުވަހުގެ ރޭގެ ޝޯގައި ބައިވެރިވާނެ ކަމާއި ޕާފޯމްކުރާނެކަން ވެސް މި ވަނީ ކަށަވަރުވެފަ އެވެ. ޝޯގައި ޕާފޯމްކުރުމަށް ބަޓްޗަރްޔާ މާލެ އަންނާނީ މާދަމާ ހެނދުނު އެވެ.

އަބިޖީތު ބަޓްޗަރްޔާގެ ކެރިއަރުގެ ރަންޒަމާނަކީ 90ގެ އަހަރުތަކާއި ދެ ހާހުގެ ކުރީކޮޅެވެ. ބޮލީވުޑްގައި އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ސުޕަސްޓާރުންގެ "އަޑުގެ" ގޮތުގަ އެވެ. ވަކިން ހާއްސަކޮށް އެންމެ މަޝްހޫރު ޝާހުރުކް ޚާންގެ "އަޑު" ގެ ގޮތުގަ އެވެ.

ޝާހުރުކްގެ ފިލްމަކަށް ބަޓްޗަރްޔާ ފުރަތަމަ ފަހަރަށް ލަވައެއް ރިކޯޑްކޮށްދީފައި ވަނީ 1994 ވަނަ އަހަރު އެވެ. ޝާހުރުކްގެ މަޝްހޫރު ފިލްމުތައް ކަމުގައިވާ "ޔޭސް ބޮސް" އާއި "ޗަލްތޭ ޗަލްތޭ" އަދި "ބާދުޝާހް" އާއި "މޭ ހޫ ނާ" ފަދަ ފިލްމުތަކަކީ ބަޓްޗަރްޔާގެ މަޝްހޫރު އަޑުން ރިކޯޑްކޮށްފައިވާ ލަވަތައް ހިމެނޭ ފިލްމުތަކެވެ.

ޝާހުރުގް އިތުރުން ސައިފް އަލީ ޚާން އާއި ސުނިލް ޝެޓީ އާއި ރިތިކް ރޯޝަން އަދި އަޖޭ ދޭވްގާން ފަދަ ތަރިންގެ ފިލްމުތަކަށް ވެސް ބަޓްޗަރްޔާގެ އަޑުން ލަވަ ރިކޯޑްކޮށްފައިވެ އެވެ.

އަބިޖީތު ބަޓްޗަރްޔާގެ މިއުޒކް ކެރިއަރު ފެށީ 1970 ވަނަ އަހަރު އެވެ. އިންޓަވިއުތަކުގައި އޭނާ ބުނެފައި ވަނީ އޭނާގެ ލަވަކިޔުމުގެ ހުނަރު މުއްސަނދިކޮށް ލަވަކިޔުމުގެ ޓެކްނިކްތައް ދަސްކުރީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.