މޯލްޑިވިއަން އައިޑޮލް

ގްރޭންޑް ފިނާލޭގައި ތިން ބައިވެރިން ފޭވަރިޓް އާޓިސްޓުންނާއެކު!

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ މޯލްޑިވިއަން އައިޑޮލްގެ އެންމެ ފޯރިގަދަ ޝޯތަކަށްފަހު މިހާރު މިއޮތީ ގްރޭންޑް ފިނާލޭ އައިސްފަ އެވެ. ޝޯ ނިމެނީ އެވެ. ޖަޖުން މާކްސްދޭ ހުރިހާ ލަވަތަކެއްވެސް ކިޔާ ނިންމާލައިފި އެވެ. ތަފާތު އެކި ތީމްތަކަށް ލަވަ ކިޔަމުންގޮސް ބައިވެރިންގެ އެންމެ ފޭވަރިޓް ލަވަތައްވެސް ކިޔައިފި އެވެ. ބައިވެރިންގެ ފޭވަރިޓް ވާހަކަތައްވެސް ގެނެސްދީފި އެވެ.

ބައިވެރިންގެ ފޭވަރިޓް ކަންތައްތަކަށް ޝޯގެ ތެރެއިން ފުރުސަތު ލިބުނުއިރު ބައިވެރިންގެ ފޭވަރިޓް އާޓިސްޓުންނާއެކު ޝޯގައި ލަވަ ކިޔުމުގެ ފުރުސަތެއް އަދި ނުލިބެ އެވެ. މޯލްޑިވިއަން އައިޑޮލް ނިމުމުގެ ކުރިން މި ފުރުސަތުވެސް ލިބޭނެ އެވެ. އެންމެ ފަހު ޝޯގަ އެވެ. ގްރޭންޑް ފިނާލޭގަ އެވެ. ބައިވެރިން ދަނީ އެބައިވެރިއެއްގެ ފޭވަރިޓް ލަވަކިޔުންތެރިޔާ އާ އެކު ލަވަ ކިޔަން ތައްޔާރުވަމުންނެވެ. ފެވަރިޓުންނާއެކުގެ އިތުރުން ކޮންމެ ބައިވެރިއަކު ސޯލޯ ލަވައެއްވެސް ކިޔާނެ އެވެ.

ގްރޭންޑް ފިނާލޭ ޝޯ އަކީ ސްޕަރައިޒުން ފުރިގެންވާ ޝޯ އެކެވެ. ހާއްސަ އެތައް ކަމެއް ޝޯގައި ފެނިގެންދާނެ ކަމަށް ޕީއެސްއެމުން މައުލޫމާތުދެ އެވެ. މި ރޭގެ ޝޯގައި އިޝާން ރާފިޔަތާއެކު ލަވަ ކިޔާއިރު ޝަލަބީ ލަވަ ކިޔަނީ މީރާ އާ އެކު އެވެ. އަދި ލައިޝާ ލަވަ ކިޔަނީ ޝަމްއޫނާ އެކުގަ އެވެ.

"ޝަލަބީ މީރާއަށް ވުރެވެސް މޮޅު"

މިއީ މީރާ ޝަލަބީ ސިފަކުރާ ގޮތެވެ. މޯލްޑިވިއަން އައިޑޮލް ކުރިންވެސް ޝަލަބީ މީރާއަށްވުރެ މޮޅު ކަމަށް މީރާ ބުންޏެވެ. ޝަލަބީ އައިޑޮލްގައި ބައިވެރިއިރުވެސް ޝަލަބީ ވަރަށް ދުރަށް އަންނާނެ ކަމަށް ގަބޫލުކުރެވުނު ކަމަށް މީރާ ބުންޏެވެ. އެކަމަކު މިހާ ބޮޑު ކުރިއެރުމެއް ހޯދާނެ ކަމަށް މީރާ ހިއެއް ނުކުރެ އެވެ.

"ޝަލަބީ އާ މީރާ އެންމެ ފުރަތަމަ ދިމާވިއިރު ވަރަށް ކުޑަވާނެ. 16 އަހަރު ކަންނޭނގެ ވާނީވެސް. މީރާ އާ ޔާމިންނަށް ޝަލަބީގެ ލަވައެއް އަޑުއިވިގެން ޝަލަބީގެ ފްރެންޑަކަށް ގުޅައިގެން ޝަލަބީ އާ ފުރަތަމަ މީޓް ކުރީ، އޭރުވެސް ޝަލަބީ މީރާ ގަބޫލުކުރާ ގޮތުގައި މީރާ މެންނަށް ވުރެންވެސް މާ ޓެލެންޓެޑް. އެކަމަކު އޭރު ކުޑަވީމަ އެހާ ބޮޑަށް ޓެލެންޓު ގެންގުޅޭކަށް ނޭނގެ. އެކަމަކު އޭރުވެސް ވަރަށް ޓެލެންޓެޑް. މާ މޮޅު" މީރާ، ޝަލަބީ ސިފަ ކުރަނީ މިހެންނެވެ.

ލަވަ ކިޔުމުގެ ދާއިރާގައި މިރާގެ ފަރާތުން ފުލް ސަޕޯޓުދޭން މީރާ ހުރީ ތައްޔާރަށެވެ. މީރާގެ އައިޑޮލްއަކީވެސް އަދި ފެވަރިޓަކީވެސް ޝަލަބީ އެވެ. ނަމަވެސް ދެން ތިބި ކުދިންނަކީވެސް މޮޅު އަދި ޓެލެންޓެޑް ކުދިންކަމަށް މީރާ ގަބޫލުކުރެ އެވެ. ޝަލަބީގެ އިތުރުން މޯލްޑިވިއަން އައިޑޮލްގެ އެހެން ބައިވެރިންނަށްވެސް މީރާ އާ އެކު ލަވަ ކިޔަން މީރާ ތައްޔާރެވެ. އެކުދިންނަށް ފުރުސަތުދޭންވެސް ތައްޔާރެވެ. މިހާރުވެސް މުބާރާތުން ވަކިވެގެން ގޮސްފައި ތިބި ބައެއް ކުދިންނަށް މީރާ އާއެކު ލަވަ ކިޔަން މީރާ ވަނީ ވާހަކަދައްކާފަ އެވެ.

ޝަލަބީ މީރާ އާއެކު މީގެކުރިން ދެ ލަވައެއް ރިކޯޑުކޮށްފައިވެ އެވެ. އެއީ މީރާ، ޔާމިން، އަޝްރާ ޝަލަބީ އެކު ކިޔާފައިވާ "ބުނެބަލާ" އަދި މީރާ އާ ޝަލަބީގެ "ނޭނގި ވެވޭ" އެވެ.

މޯލްޑިވިއަން އައިޑޮލް އަކީ ލަވަ ކިޔަން ނުކުންނަށް ބޭނުންވާ ކުދިންނަށް " ގޯލްޑެން އޮޕޮޗުނިޓީ" އެއް ގޮތަށް މީރާ ސިފަކުރެ އެވެ. މިފަދަ ޕްލެޓްފޯމަކުން ނުކުންނަ ކުދިންނަށް ލަވަ ކިޔުމުގެ ދާއިރާގައި އުޖާލާ މުސްތަގްބަލެއް އެބައޮތް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މިރޭ ގެ ޝޯގައި މީރާ އާ ޝަލަބީ ކިޔަން ނިންމާފައި އޮތީ ދެމީހުންގެވެސް ފެވަރިޓް ލަވައެކެވެ. އަމިއްލަ ރާގުގެ އަރާމު ލަވަ އެއް ކަމަށް މީރާ ބުންޏެވެ. އެލަވަ އަކީ ސަޕްރައިޒެކެވެ.

ޝައްމު އާއި ލައިގެ ޖޯޑު، ތަފާތުވާނެ!

މި ރޭގެ ޝޯގައި ލައިޝާ، ޝައްމު އާއެކު ލަވަ ކިޔާއިރު ޗޫޒް ކޮށްފައިވަނީ ޝައްމުގެ ބޭންޑް، އިކުއެޓިކް ވައިބްސްގެ ލަވަ އެކެވެ. އަމިއްލަ ރާގުގެ ފޯރި ގަދަ މި ލަވަ ޝައްމު އާއި ލައިޝާ ކިޔާނީ އިކުއެޓިކް ވައިބްސްގެ ލައިވް މިޔުޒިކާ އެކުގަ އެވެ.

"އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑޮލްއިން ލައިޝާގެ ލަވަ އެއް އަޑު އިވުނީމަ ބޭންޑަށް ވަރަށް ކަމުދިޔަ ކޮންޓެސްޓެންޓެއް ލައި އަކީ. އެންމެ ފުރަތަމަވެސް ލަވައެއް އަޑު އިވުނީމަ ވަރަށް ފާހަގަކުރެވުނު ލައި، ކޮންމެ ޝޯ އެއްގައިވެސް ކިޔަނީ ތަފާތު، އެންމެ ހީނުކުރާ ކަހަލަ ލަވައެއް. ރިސްކު ތަކެއް ނަގަމުން އައީ ލައި. އެހެންވެ ބޭންޑަށް ވަރަށް ކަމުދޭ ލައި" ލައިގެ ހުނަރާ ބެހޭގޮތުން ސުވާލުކުރުމުން ޝައްމު ބުނީ މިހެންނެވެ.

"ލައިގެ ފަރާތުން ހުރިހާ ޓޭސްޓެއްވެސް ފެނިފައި ހުރީ، އެހެން ކޮންޓެސްޓުންނަކީވެސް ހަމަ ވަރަށް ވަރަށް މޮޅު ކުދިން، އެކަމަކު އެހެން ކުދިންނާ ލައި އާ ހުރި ތަފާތަކީ ލައި އައީ ކޮންމެ ރެއަކުވެސް އުނދަގު އެއްޗެއް ކިޔަމުން. ބޮޑު އުނދަގު އެއްޗެއް. އެހެންވެ ވަރަށް ކަމުދިޔަ. މި ޝޯގައި އަނެއްހެން ޝައްމުގެ ފެވަރިޓެއް ނެތް. ހުރިހާ ކުދިންވެސް ވަރަށް މޮޅު" ޝައްމު ބުންޏެވެ.

ޝައްމުއަށް އެންމެ ރަނގަޅު ސޯންގް ޗޫޒްއެއްވެސް ފެނިގެން ދިޔައީ ލައިގެ ފަރާތުންނެވެ. ޕާފޯމެންސް އަދި ވޯކަލީވެސް އެންމެ ރަނގަޅު ކޮންޓެސްޓެންޓެއްގެ ގޮތުގައި ޝައްމުއަށް ފާހަގަކުރެވުނީ ލައިޝާ އެވެ.

މޯލްޑިވިއަން އައިޑޮލްގައި ވާދަކުރި ކުދިންނަށް ޝައްމު މެންގެ ބޭންޑާއެކު ލަވައެއް ކިޔާލުމުގެ ފުރުސަތު ލިބިދާނެ ކަމަށް ޝައްމު ބުންޏެވެ.

"މިޔުޒިކް މަޑުމަޑުން ފަނޑުވަމުން ދަނިކޮށް މޯލްޑިވިއަން އައިޑޮލް މި އައީ، އަމިއްލަ ރާގުވެސް، ޝައްމުމެން އަބަދުވެސް މި މަސައްކަތް ކުރަނީ އަމިއްލަ ރާގު ކުރިއަރުވަން، މޯލްޑިވިއަން އައިޑޮލް އައީމަ ހޯޕެއް ލިބިއްޖެ އަނެއްކާވެސް. މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަންނޭންގެ އަމިއްލަ ރާގު ކުރިއަރުވާލަން" މޯލްޑިވިއަން އައިޑޮލް އާއެކު އަމިއްލަ ރާގަށް ކުރިއަރާނެ ކަމަށް ޝައްމު އުންމީދުކުރެ އެވެ. އެކަމަކު އައިޑޮލް ކުރިއަށްދާ ގޮތާމެދު ޝައްމު ހުރީ ވަރަށް ހިންހަމަ ޖެހިފަ އެވެ.

ކޮންޓެސްޓުންގެ އިތުރަށް މޯލްޑިވިއަން އައިޑޮލްގައި ލައިވް މިޔުޒިކް ކުޅެމުންދާ ޕާމް ޓޯން އަށް ޝައްމު ވަނީ ތައުރީފު އޮއްސާފަ އެވެ. އެބޭންޑު ކުރަމުންދާ ބުރަ މަސައްކަތް ޝައްމު ފާހަގ ކުރި އެވެ.

އިޝާން އަދި ޝަލަބީގެ ފޭވަރިޓަކީ ރާފިޔަތު

ރާފިޔަތާއެކީ މިރޭގެ ޝޯގައި އިޝާން އަށް ލަވަކިޔަން ފުރުސަތު ލިބޭއިރު މިއީ ލަވަ ކިޔުމުގެ ކެރިއާގައި އިޝާން އެންމެ އުންމީދުކޮށްގެން ހުރި އެއް ކަންތަކެވެ. ޝަލަބީވެސް ރާފިޔަތާއެކު ލަވަ ކިޔާލަން ބޭނުންވެފައި ހުރިއިރު މި ފުރުސަތު އިޝާން އަށް ލިބުނީ ގުރުއަތުލައިގެންނެވެ. އިޝާން އަކީ އައިޑޮލްގެ އަލީ ރަމީޒޭ ބުންޏަށް ދޮގަކަށް ނުވާނެ އެވެ. އެންމެ ފަހުން އެ އުންމީދުތައްވެސް ފުރިހަމަ ވަނީ އެވެ. އެކަމަކު ގްރޭންޑް ފިނާލޭގައި ރާފިޔަތާއި އިޝާން ކިޔަން ނިންމާފައި އޮތީ އަލީ ރަމީޒުގެ ލަވައެއް ނޫނެވެ.

"އިޝާން އާ އެކު ލަވަ ކިޔާލަން މި ލިބުނު ފުރުސަތަކީ ވަރަށް ތަފާތު އެކްސްޕީރިއަންސެއް، އިޝާން އަކީ ވަރަށް ޓެލެންޓެޑް އަދި ކުރިއަށްދާން ވަރަށް މަސައްކަތް ކުރާ ކުއްޖެއް. ކުރިއަށް އޮތްތާނގައި މޮޅު ލަވަކިޔުންތެރިއަކަށް ވާނެ ކަމަށް އުންމީދުކުރެވެނީ" ރާފިޔަތު އިޝާން ސިފަކުރަނީ މިހެންނެވެ.

"މި ތިން ކުދިންނަކީވެސް މޮޅު ކުދިން، ތިން ކުދިންނަކީ ތިން ސްޓައިލްގެ ތިން ކުދިން. ހުރިހާ ކުދިންވެސް ވަރަށް ވަކި ކުއްޖެއް އެހެން ބުނާކަށް ނޭނގޭ. ނޭވާ ހިފާއްޓާލައިގެން މިއިނީ"

އިޝާން އަކީ އަމިއްލަ ކްރިއޭޓިވް ގޮތްތަކެއް ހުންނަ ކޮންޓެސްޓެންޓެއް ކަމަށާއި ކިޔާއިރު އަމިއްލަ ގޮތްތައް ބޭނުންވާ ކުއްޖެއް ކަމަށް ރާފިޔަތު ބުންޏެވެ. އަދި އިޝާން އަޑުއަހާ ބޮޑެތި ކްލޭސިކް ލަވަތަކަކީ ރާފިޔަތުގެ ހިތުން ހާއްސަ ޖާގައެއް އިޝާން އަށް ހުސްކުރެވުނު އެއް ސަބަބުވެސް މެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ކޮންްމެ ބައިވެރިއަކާއެކު ލަވަ ކިޔާލަންވެސް ރާފިޔަތު ހުރީ ތައްޔާރަށެވެ.