މޯލްޑިވިއަން އައިޑޮލް

"އަހަރެން ރާއްޖެ އަތުވެއްޖެއިން، މިއީ ބޮޑު ސަޕްރައިޒެއް"

  • މިއީ މުޅިން އާ ތަޖުރިބާއެއް
  • ދިވެހި ކުދިން ވަރަށް ހުނަރުވެރި
  • މި ފްރުސަތު އަބަދު ވެސް ހަނދާން ހުންނާނެ

ނަވާރަސަތޭކަ ނުވަދިހައިގެ ފަހުކޮޅު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެގެން އައި ސުޕާސްޓާ ވޮއިސްގެ ނަމުން މަޝްހޫރުވި އަބިޖީތް ބަޓްޗަރްޔާ އަކީ މިއަދުގެ ޒުވާނުންނަށް ފަރިތަ މޫނަކަށް ނުވެދާނެ އެވެ. ނަމަވެސް އޭނާގެ ހިތްގައިމު އަޑުގެ ޖާދުލުގައި ހިތް ފޮތިފޮތިކޮށްލައިގެން ތިބި ޒުވާން ކުދިން އަދިވެސް މަދެއް ނޫނެވެ. މެއިހޫނާ، ޗަލްތޭ ޗަލްތޭ ފަދަ ފިލްމުތަކަށް އަބިޖީތު ކިޔައިދީފައިވާ ލަވަތަކަކީ ދިވެހިންގެ މެދުގައި މިހާރުވެސް މަގުބޫލު ލަވަތަކެކެވެ.

ދިވެހިންގެ މެދުގައި އަދިވެސް މަގުބޫލު އަޑުގެ ވެރިޔާ މިއަދު މިވަނީ ރާއްޖެ އައިސްފަ އެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ ފިނާލޭގައި ބައިވެރިވުމަށް އަބީޖީތް އައި އިރު މިއީ އޭނާގެ ފޭނުންނަށާއި، މޯލްޑިވިއަން އައިޑޮލްގެ ބެލުންތެރިންނަށް އަދި ހުދު އަބީޖީތަށްވެސް ސަޕްރައިޒެކެވެ. މިއީ އޭނާ ދުވަހަކުވެސް އުންމީދުކުރި ފަދަ ފުރުސަތެއްވެސް ނޫންމެ އެވެ.

"މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ސޕްރައިޒެއް، ވަރަށް އުފާވެރި ސަޕްރައިޒެއް، އެއް ދުވަަހަކު އަހަރެންގެ ރައްޓެއްސަކު [ފަސީ] ގުޅާފައި ބުނީ މުމްބާއީއަށް ދާ ވަހަކަ. ދެން ދެމީހުން ދިމާވެގެން ވާހަކަ ދައްކަމުންގޮސް ފަސީ ބުނެފި ރާއްޖެ އަންނަން ވީހޭ، އޭރު އަހަރެން ހުރީ ރާއްޖެ އަންނަން ބޭނުންވެފަ، އަހަރެން އެންމެ ދާން ބޭނުން ގައުމުތަކުގެ ލިސްޓުގެ ނުދެވި އިނީވެސް ރާއްޖެ އެކަނި، ދެން ބުނެފި މި ވީކެންޑްގައި އާދެވެނޭހޭ، ދެން މިއައީ،" ރާއްޖެއައިސް އެއާޕޯޓް ވީއައިޕީ ލޯންޖުގައި ހުރެ "އަވަސް" އާ ވާހަކަ ދައްކަމުން އަބީޖީތް ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގައި "ސްޕެޝަލް ގެސްޓް" އަކަށް ވުމުގެ ފުރުސަތު އަބީޖީތް އަށް ލިބުނު އިރު މިއީ މުޅިން އާ ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ. އަދި މިހާތަނަށް އިންޑިއަލް އައިޑޮލްގައި ވެސް އޭނާ ޖަޖެއްގެ ގޮނޑީގައި ނީށީނދެ އެވެ. އެހެން ވީމަ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެއްވެސް ރިއަލިޓީ ޝޯ އެއްގައި ވެސް އަބީޖީތު މިހާތަނަށް ޖަޖުކަން ކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފްރެންޗައިޒް ރިއަލިޓީ ޝޯއަށް އަބީޖީތުވަނީ ތައުރީފު އޮއްސާފަ އެވެ.

"އިންޑިއާގައި ބާއްވާ ރިއަލިޓީ ޝޯ ތަކުގައި އަހަރެން ބައިވެރި ނުވަނީ އަހަންނަށް ގަބޫލު ނުކުރެވޭތީ އެ ޝޯތައް އަސްލު ރިއަލިޓީ ކަމަށް. ކޮންފިއުޒްވެފައި ހުންނަނީ އެއީ ހަމަ އަސްލު ރިއަލިޓީ ކަމަށް. އެކަމަކު މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ރިއަލިޓީ ޝޯ. އެހެންވީމަ ވަރަށް ޖެނުއިން ވާން ޖެހޭނެ، ވަރަށް ރިއަލް. މި ޝޯގައި މިތިބީ ވެސް ވަރަށް ގާބިލް ޖަޖުން، އެހެން ވީމަ މިކަހަލަ ބޮޑު ޝޯ އެއްގެ ގްރޭންޑް ފިނާލޭގައި ބައިވެރިވާން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް، މި ޝޯގެ ހަނދާން އަބަދުވެސް ހުންނާނެ، މީ ވައުދެއް،" އަބީޖީތު ބުންޏެވެ.

ޝޯގެ ބައިވެރިންނާއި ބެހޭގޮތުން އަބީޖީތު ބުނަނީ މިހާރު ތިބި ހުރިހާ ކުދިންނަކީ ވެސް ވަރަށް މޮޅު ކުދިންތަކެއް ކަމަށެވެ:

"އެމީހުން ކިޔާ ލަވަ އާއި އަހަރެމެން ކިޔާ ލަވަ ވަރަށް ތަފާތު، ސްޓައިލް ވެސް ވަރަށް ތަފާތު. އެކަމަކު މިތާނގެ މީހުންނަށް އަހަރުމެންގެ ލަވަތައް ކަމުދާތީ ވަރަށް އުފާވޭ، ދިވެހިން އަހަރުމެންގެ ލަވަތއް އަޑުއެހިއަސް އަހަރުމެންގެ ސްޓައިލް ދަސްކުރާކަށް ނުޖެހޭ، އެކަމަކު ދިވެހިންގެ ސްޓައިލް އަހަރެމެން ދަސްކޮށްފާނެ،" އަބީޖީތު ބުންޏެވެ.

މާދަމާރޭގެ ގްރޭންޑް ފިނާލީގައި އަބީޖީތުގެ ހާއްސަ ލަވަތަކެއް ވެސް ފެންނާނެ އެވެ. އަބިޖީތު ބަޓްޗަރްޔާގެ މިއުޒިކް ކެރިއަރު ފެށީ 1970 ވަނަ އަހަރު އެވެ. އިންޓަވިއުތަކުގައި އޭނާ ބުނެފައި ވަނީ އޭނާގެ ލަވަކިޔުމުގެ ހުނަރު މުއްސަނދިކޮށް ލަވަކިޔުމުގެ ޓެކްނިކްތައް ދަސްކުރީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.