ބޮލީވުޑް

ޕްރިޔަންކާ، ރައީސް އޮބާމާ އާ ބައްދަލުކޮށްފި

ހޮލީވުޑްގައި އަމިއްލަ މަގާމެއް އުފައްދައި ނަން ފައްކާ ކުރަމުން އަންނަ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ، ހާއްސަ ދައުވަތެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުންނާއި ބައްދަލުކުރައްވައިފި އެވެ.

ޕްރިޔަންކާ މިހާރު ޝޫޓް ކުރަމުން އަންނަ ހޮލީވުޑް ފިލްމް "ބޭވޮޗް ރީ ބޫޓް" ގެ ފިރިހެން ތަރިއާއެކު ވައިޓް ހައުސްއަށް ގޮސްފައިވަނީ ހާއްސަ ފަރިއްކޮޅަކަށެވެ. އެއީ ވައިޓްހައުސްއިން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެނުއަލް ވައިޓްހައުސް ކަރެސްޕޮންޑެންޓްސް ޑިނާ ނައިޓެވެ.

އޮބާމާ އާ ބައްދަލު ކުރެއްވުމަށްފަހު ޕްރިޔަންކާ ވަނީ އޭނާގެ އިހުސާސްތައް ޓްވިޓާގައި ބަންޑުންކޮށްލާފައެވެ. އޮބާމާއަކީ ވަރަށް މިޒާޖު ރަނގަޅު މަޖާ މީހެއް ކަމަށާއި އެ ދެކަނބަލުންނާއި ބައްދަލުވީތީ ނުހަނު އުފާކުރާ ކަމަށް ޕްރިޔަންކާ ބުންޏެވެ. ކަޅުކުލައިގެ ވެސްޓާން ހެދުމެއްގައި ހުރި ޕްރިޔަންކާއާއެކު ފަސްޓްލޭޑީ މިޝޭލް އާއި އޮބާމާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގެ ގިނަ ބައެއްގެ ސަމާލުކަން އަތުލާފައިވެ އެވެ.

ކޮންމެ އަހަރަކުވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ފަސްޓް ލޭޑީ މިޝެއިލް އޮބާމާ ދެއްވާ މި ފަރީކޮޅުގައި ބޮލީވުޑްއާއި އަދި އެނޫންވެސް ދާއިރާތަކުގައި ވިދާ ތަރިން އަދި ސިޔާސީ ބޭފުޅުން ބައިވެރިވެ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު އެ ޑިނާގެ ދައުވަތު ޕްރިޔަންކާ އަށް ދިން އިރު، ޕްރިޔަންކާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރުތަރިން ކަމަށްވާ ބްރޭޑްލީ ކޫޕާ، ލޫސީ ލިއު އާއި ޖޭން ފޮންޑާ އަދި ގްލެޑީސް ނައިޓަށް ވެސް ވަނީ ދައުވަތު ދީފަ އެވެ.


ޕްރިޔަންކާ މިހާރު އަންނަނީ އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ"ގެ އާ އެޕިސޯޑްތަކުގެ ޝޫޓިން އާއި އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް"ގެ ވެސް މަންޒަރުތައް ނަގަމުންނެވެ.

ވައިޓްހައުސް ކަރެސްޕޮންޑެންޓްސް ޑިނާ ނައިޓަކީ އެމެރިކާގެ ނަން ހިނގާ މީހުންނާއި ހޮލީވުޑްގެ މަޝްހޫރުތަރިންގެ އިތުރުން ނޫސްވެރިން ވެސް ބައިވެރިޔާ ހަފްލާއެކެވެ.