ސެލެބްރިޓީއަކާ ވައްތަރުވުމަކީ ލިބޭ އުފަލެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އަދި އެއީ ތިމާ މަޝްހޫރުވާނެ ކަމެއް ވެސްމެ އެވެ. އެހެން މީހަކު ކުރާ މަސައްކަތުގެ ފޮނިކޮޅު ވެސް ބޯލެވޭ ކަމެކެވެ. އާމްދަނީ ވެސް ހޯދޭ ކަމެކެވެ.
އިންޑިއާގެ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިނާ ވައްތަރު މީހުންތަކެއް އިންޑިއާގައި އެބަ އުޅެ އެވެ. ބައެއް މީހުން ދަނީ އޭގެ ފައިދާ ވަރަށް ރަނގަޅަށް ނަގަމުންނެވެ. ފައިސާ ވެސް ހޯދަމުންނެވެ. ތަރިންގެ މަޝްހޫރުކަމުން އާމްދަނީ ލިބެނީ މި މީހުންނަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ބަލާލަމާ ހެއްޔެވެ؟
މިއީ އަރުޖުންގެ ގެއްލިފައިވާ ކޮއްކޮ ބާ؟
ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރި އަރުޖުން ކަޕޫރްގެ މަޝްހޫރުކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އޭނާގެ ކެރިއާގެ ޕީކް ދުވަސްވެރޭ ވެސް ބުނެވިދާނެ އެވެ. ގިނަ ފިރިހެން ކުދިންގެ އޭނާގެ ސްޓައިލްތައް ވެސް ވަނީ ކޮޕީކުރަން ފަށާފަ އެވެ. އެގޮތުން އަރުޖުންގެ ސްޓައިލްތައް ކޮޕީކުރަމުން ދިޔަ މުންބާއީގެ ޒުވާނެއް މިވަނީ އަރުޖުންނާ ވައްތަރުވެ މަޝްހޫރުވެފަ އެވެ. ޓްވިޓާގައި އޭނާ ވަރަށް މަޝްހޫރެވެ. އެންމެ ސަބަބަކަށްޓަކައި އަރުޖުންނާ ވައްތަރު ގޮތެއް ހުންނާތީ އެވެ. އަޅެ ވައްތަރު ނޫން ހެއްޔެވެ؟
މީނަ ހަމަ ރަންބީރާ ވައްތަރީ!
ދެން މިއޮތީ އެންމެ ގިނަ އަންހެން ކުދިން ހިތްކިޔާ ރަންބީރު ކަޕޫރުގެ ވާހަކަ އެވެ. އޭނާއާ ވައްތަރު ޒުވާނެއް ވެސް އެބަ ހުއްޓެވެ. މި ޒުވާނާ އަކީ ރަންބީރަަށްވުމަށް ވަރަށް މަސައްކަތްކުރާ ޒުވާނެކެވެ. ރަންބީރާ ވައްތަރު ގޮތެއް ހުރުމުން އެކަމުގެ ފައިދާ މީނާ ވެސް ދަނީ ނަގަމުންނެވެ. އަންހެން ކުދިން މީނާއަށް ހިތްކިޔަނީ ވެސް އެހެނެއް ނޫނެވެ. ރަންބީރާ ވައްތަރުވީމާ ވަނީވެސް އެހެންތާ އެވެ.
ޕްރިޔަންކާއެއް ނޫން އެކަމަކު ޕަރްނިތީއާ ވައްތަރު!
މި ފަހަރު މިއޮތީ ޕްރިޔަންކާ ޗޯޕްރާގެ ކޮއްކޮ ޕަރްނިތީ ޗޯޕްރާއާ ވައްތަރު އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ޕްރިޔަންކާ އާއި ޕަރްނިތީ ވައްތަރު ނޫން ނަމަވެސް މި އަންހެން ކުއްޖާއާއި ޕަރްނިތީ ވަރަށް ވައްތަރެވެ. ތިބެނީ ހަމަ ދާދި އެއްކަހަލަ ގޮތަކަށެވެ.
ވިރާޓާ ވައްތަރީ ވާދަވެރި ގައުމުގެ ޒުވާނެއް!
މިހާރު އިންޑިއާގެ ހުރި އެންމެ މޮޅު އަދި އެންމެ އުއްމީދީ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ވައްތަރު މީހެއް ވެސް މިވަނީ މަޝްހޫރުވެފަ އެވެ. އެއީ ޕާކިސްތާނުގެ ޒުވާނެކެވެ. ކްރިކެޓްގައި އެންމެ ވާދަވެރި އިންޑިއާ އާއި ޕާކިސްތާނުގެ ސަޕޯޓަރުން ވަނީ މިކަމާ ވަރަށް މަޖާ ނަގާފަ އެވެ. ޕާކިސްތާނުން ބުނަނީ އެމީހުންނަށް ވިރާޓް ލިބިއްޖެ ކަމަށެވެ. އިންޑިއާއިން ބުނަނީ ޕާކިސްތާނަށް ލިބުނީ ފޭކް ވިރާޓެއް ކަމަށެވެ.
އެންމެ ކުރީގައި އިމްރާނުގެ ޑުބްލިކޭޓް!
އިމްރާނު ހާޝިމީއާ ވައްތަރު މީހާ އުޅެނީ މި އެންމެންނަށްވުރެ ވެސް ކުރީގަ އެވެ. އޭނާ ވަނީ އިންޑިއާގެ ރިއަލިޓީ ޝޯއެއްގެ ތެެރެއިން އިމްރާނާ ބައްދަލުކޮށް، އެކީގައި ނަށާފަ އެވެ. އެ ޝޯ ބެލި މީހުންނަށް ދެ މީހުން އޮޅޭވަރުވި އެވެ. ހަމަ އަސްލަށް ވެސް މި ދެ މީހުން ވައްތަރެވެ.
އެންމެ މަޝްހޫރީ ފޭކް ސައިފް
ސެލެބްރިޓީންއާ ވައްތަރު ވެގެން އެންމެ މަޝްހޫރު ކަމެއް ލިބުނީ ސައިފް އަލީ ހާންއާ ވައްތަރު މީހާއަށެވެ. އެމީހާގެ ފޮޓޯ އަދިވެސް ސޯޝަލް މީޑިއާގައި ބާރަށް ދައުރުވަމުންދެ އެވެ. އެމީހާއަކީ ޕާކިސްތާނު މީހެކެވެ. އެމީހާ އެންމެންގެ ސަމާލުކަމަށް އައި މީހަކު އޭނާގެ ފޮޓޯ ނަގާ ޓްވިޓާއަށް ޕޯސްޓުކުރުމުންނެެވެ.
ފޭކް ސަޗިންގެ އާމްދަނީ ރަނގަޅު!
އެންމެފަހު މީހަކަށް މި ބަލާލަނީ ފޭކް ސަޗިން ޓެންޑުލްކަރަށެވެ. ސަޗިންއަކީ އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ އެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ މީހެކެވެ. އިންޑިއާގައި އެންމެ ގިނަ ބްރޭންޑްތަކުގެ އެންބެސެޑާވެސްމެ އެވެ. ސަޗިންގެ ނަމުގައި ކޮންމެ އެއްޗެއް ވެސް ވިއްކެ އެވެ. އޯމޯއިން ފެށިގެން ސެންޓާ ހަމައަށެވެ. މިކަމުގެ ފައިދާ އޭނާއާ ވައްތަރު މީހާއަށް ވެސް ވަނީ ލިބިފަ އެވެ. ސަޗިންއާ ހަމައަށް ނުދެވޭ ކުންފުނިތަކުން ބޭނުންކުރަނީ މި މީހާ އެވެ. ސަޗިންގެ ނަމުގައި އެ ކުންފުނިތަކުން ވެސް ތަކެތި ވިއްކަ އެވެ. އާމްދަނީ ލިބެނީ ފޭކް ސަޗިންނަށެވެ.