އެމްޓީސީސީ

ފުރަަތަމަ ކްއާޓަރުގައި އެމްޓީސީސީގެ ފައިދާއަށް 30 މިލިއަން ރުފިޔާ

May 2, 2016
  • މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 71 މިލިއަން
  • 315 މިލިއަން ރުފިޔާގެ ވިޔަފާރިކުރި
  • މި ކްއާޓަރުގައި 11 މަޝްރޫއެއްގެ މަސައްކަތް

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި (ފުރަތަމަ ތިން މަސް ދުވަހު) އެމްޓީސީސީ އަށް 30 މިލިއަން ރުފިޔާ، ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ސަރުކާރާއި އާންމުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކްއާޓަރުގެ އެ ކުންފުނިން 315 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މި ކްއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 71 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި ލިިބިފައިވަނީ 35 މިލިއަން ރުފިޔާ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 41.66 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް ޖެހެނީ 59.71ރ. އެވެ.

އެމްޓީސީސީން ޖުމްލަ 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެގޮތުން މި ކްއާޓަރުގައި 11 އާ މަޝްރޫއެއްގެ މަސައްކަތް ފަށައި، ފަސް މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.