ބަރަކް އޮބާމާ

ރިޔާސަތަށްފަހު ދެން ކުރާނީ ކީއް؟

May 2, 2016

ގައުމެއްގެ ވެރިޔަަކަށްވީމާ އާދައިގެ ރައްޔިތަކަށް ނުކުރެވޭ ގިނަ ކަންތައްތަކެއް އެ ވެރިޔާއަށް ފަހިވެގެންދެ އެވެ. ހަމަ އެހެންމެ، ވެރިޔަކަށްވީމާ އާދައިގެ ރައްޔިތުންނަށް ލިބޭ އެތަށް ފަސޭހައަކުން އެ ވެރިޔާ މަހުރޫމުވެގެންވެސް ދެއެވެ. މިކަން އެންމެ ބޮޑަށް ތަޖުރިބާ ކުރާނޭ އެކަކަށް ވާނީ އެމެރިކާގެ ރިޔާސަތާއި ހަވާލުވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް، ރިޔާސީ ދައުުރު ނިމި، އަލުން އާދައިގެ ރައްޔިތަކަށް ބަދަލުވާ ރައީސަށް އެކަމަށް "އެޖަސްޓް" ވުމަކީ ކިހާ ފަސޭހަކަމެއްބާ އެވެ؟

އެމެރިކާ އިން 1959 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސުންނަށް ޕެންޝަނެއް ދެއެވެ. އަދި، ކުރީގެ ރައީސުންގެ ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ ބޭފުޅަކަށް ވަކި އޮފީހެއް ގާއިމްކޮށްފައިވެ އެވެ. ދެހާސް ބާރަވަނަ އަަހަރު ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ގާނޫނަށް ގެނައި ބަަދަލުގެ ސަބަބުން ކޮންމެ ރައީސަކަށް ދައުލަތުން 199,700 ޑޮލަރުގެ ޕެންޝަނެއް ލިބި ވަޑައިގަންނަވަ އެވެ. އަދި، ރައީސްކަން ކުރައްވާފައިވާ ބޭފުޅާ އާއި އާއިލާއަށް ސީކްރެޓް ސާވިސްގެ ހިމާޔަތް ލިބިދެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެމެރިކާގައި ރިޔާސީ ދައުރު ނިންމަވާ އާދައިގެ ދިރިއުޅުމެއްގައި މިހާރު އުޅުއްވަމުންދަނީ ހަތަރު ބޭފުޅެކެވެ. އެ ހަތަރު ބޭފުޅުންގެ ތެރެއިން ޖިމީ ކާޓާ އާއި ޖޯޖް އެޗް ޑަބްލިއު ބުޝް އަކީ މިހާރު އުމުރުފުޅުން 90 އަހަރާ ގާތްކުރާ އުމުރެއް ގުނަމުންދާ ބޭފުޅުންނެވެ. ބިލް ކްލިންޓަނާއި ޖޯޖް ޑަބްލިއު ބުޝް 70 އަހަރު ވާން ގާތްވެފައިވާއިރު، ކްލިންޓަން އަމާޒު ހިފާފައި ހުރީ އަނބިކަނބަލުން ހިލަރީ ކްލިންޓަނާއެކު އަލުން ވައިޓްހައުސަށް ވަޑައިގަން "ފަސްޓް ހަސްބަންޑް" ގެ މަގާމު ހޯދެއްވުމަށެވެ.

މި ހަތަރު ބޭފުޅުން މިހާރު ވަނީ ސިޔާސީ ދާއިރާ އާއި ދުރުވެފަ އެވެ. މިހާތަނަށް ސިޔާސީ ޕްލެޓްފޯމަަކަށް އަރާވަޑައިގެން ވާހަކަފުޅު ދައްކަވާފައިވަނީ ހަމައެކަނި ކްލިންޓަނެވެ. އެއީވެސް، އަނބިކަނބަލުންގެ ރިޔާސީ ކެމްޕޭންގަ އެވެ. ވެރިކަމާއި ބެހުމާއި މިހާރުގެ ވެރިންނާއި، ވެރިންގެ ސިޔާސަތުތަަކަށް ފާޅުގައި ފާޑުކިޔުމަކީ އެ ބޭފުޅުން އަމަލުކުރައްވާ ގޮތެއް ނޫނެވެ.

މި ލިސްޓަަށް ދެން އެންމެ އަވަހަށް އިތުރުވެގެންދާނީ ވެރިކަމުގެ ފަހުގެ ދުވަސްތައް ގުނަމުންގެންދަވާ މިހާރުގެ ރައީސް ބަރަކް އޮބާމާ އެވެ. މިއަހަރު ވައިޓް ހައުސް އިން ނިކުތް ކަމުގައިވީ ނަމަވެސް، އޮބާމާ އާއި އޭނާގެ އާއިލާ ވޮޝިންޓަންގައި އިތުރު ދެއަހަރު ހުރުމަށް ވަނީ ނިންމާފަ އެވެ.

ވައިޓްހައުސް އިން ރޭ އާންމުކޮށްފައިވާ ވީޑިޔޯގައި މި ދެ އަހަރު އޮބާމާ ކުރައްވާނެ މަސައްކަތާއި ބެހޭ ގޮތުން އޭނާ އަމިއްލައަށް ސުވާލު އުފައްދަ އެވެ. ދެން ފެނިގެންދަނީ އެކި މީހުންގެ ހިޔާލުު ހޯދާ، އެކި މަސައްކަތް އަމިއްލައަށް ކުރުމަށް އޮބާމާ އަމިއްލައަށް އުޅެގަންނަ ތަނެވެ.

މި ވީޑިޔޯގައި ސީއެންއެންގެ ވުލްފް ބްލިޓްޒާ، ނައިބު ރައީސް ޖޯ ބައިޑެން، ސެނެޓްގެ ކުރީގެ ރައީސް ޖޯން ބޯނާ، އަދި އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ ފެނިގެންދެ އެވެ.