ބޮލީވުޑް

އުންމީދުކުރި ވަރަށްވުރެވެސް "ބާގީ" ތަފާތު

May 2, 2016
1

ހުކުރު ދުވަހު ރިލީޒްކުރި އެކްޝަން - ރޮމޭންޓިކް ފިލްމު "ބާގީ" ސިނަމާތަކާއި ހަމައަށް އައުމުގެ ކުރިން، ފިލްމު ކްރިޓިކުން ބުނަމުން އައީ މި ފިލްމަކީ އާދައިގެ ފެށުމެއް ލިބޭނެ ކަމަށް އުންމީދުކުރި ފިލްމެކެވެ. ނަމަވެސް ހުކުރު ދުވަހު ފިލްމު ރިލީޒްކުރުމާއެކު މިފިލްމު ވަނީ މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެގެން ގޮސްފަ އެވެ.

ސަބީރް ޚާން ޑައިރެކްޓަކޮށްފައިވާ މިފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ޒުވާން ދެތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ޝްރަދާ ކަޕޫރެވެ. އިންޑިއާ އާއެކު ދުނިޔޭކެ އެކި ގައުމުތަކުގައި 3094 ސްކްރީނެއްގައި މި ފިލްމު ދައްކަމުން އަންނައިރު ފުރަތަމަ ހަފްތާ ބަންދުގައި މި ފިލްމަށް ވަނީ 38 ކްރޯޑު ލިބިގެން ގޮސްފަ އެވެ. އެއީ ހުކުރު ދުވަހު 11.94 ކްރޯޑާއި ހޮނިހިރު ދުވަހު 11.13 ކްރޯޑް އަދި އާދިއްތަ ދުވަހު 15.51 ކްރޯޑެވެ.

"ބާގީ" ގެ ޓްރެއިލާ:

މިފިލްމަށް ތައުރީފުކުރަމުން ފިލްމު ކްރިޓިކުން ވަނީ 2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފުވި ފަހުން ދެވަނަ އަށް ކުޅުނު މި ފިލްމުން އޭނާގެ މޮޅު އެކްޓިން ހުނަރު ދައްކާލާފައިވާ ކަމަށާއި އޭނާގެ އެކްޝަން މަންޒަރުތަކަށް ތައުރީފު ހައްގުކަމަށް ވަނީ ބުނެފަ އެވެ. އަދި ޝްރަދާގެ ވެސް ގިނަ އެކްޝަން މަންޒަރުތަކެއް މިފިލްމުގައި ފެނިގެންދާއިރު މިއީ އޭނާގެ ފަރާތުންވެސް އުންމީދުކުރި ވަރަށް ވުރެން މޮޅު ޕާފޯމަންސްއެއް ކަމަށް ވަނީ ބުނެފަ އެވެ.

"ބާގީ" ރިލީޒްކުރުމުގެ ކުރިން ބެލެވިފައި އޮތީ މިދިޔަ ހަފްތާގައި ރިލީޒްވި ސުޕަސްޓާ ޝާހްރުކް ޚާންގެ "ފޭން" ގެ ސަބަބުން މިފިލްމަށް ބޮކްސް އޮފީހުގައި ދަތިތަކާއި ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް އުންމީދުކުރި ވަރާއި ގާތަށްވެސް އެފިލްމު ހިނގާފައި ނުވުމުން މިފިލްމަށް ފަސޭހަކަމާއެކު ބޮކްސް އޮފީސް ފަތަހަ ކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

މިފިލްމުގައި ވަނީ ކިހިނެއް؟

މިފިލްމަކީ އިންޑަނޭޝިއަން ހިޓް ފިލްމު "ދަ ރެއިޑް": ރިޑެމްޕްޝަން އާއި ތެލުގު ފިލްމު "ވަރްޝަމް" ގެ ވާހަކައިން އިންސްޕަޔާ ވެގެން އުފައްދާފައިވާ ޕްލޮޓެއްގެ މައްޗަށް ސަންޖީވް ދައްތާ ލިޔެފައިވާ ވާހަކައެކެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި އުޅުމުން އައި ރޮނީ (ޓައިގާ ޝްރޮފް) ނަމަކަށް ކިޔާ ޒުވާނަކު މާޝަލް އާޓްސް ދަސްކުރަން ކަލަރިޕައްޔައްޓު ގުރޫ އެއްގެ ކައިރިއަށް އޭނާގެ ބައްޕަ ފޮނުވާލެ އެވެ. ކަލާރީ ސްކޫލަށް ދިއުމުގެ މަގުމަތީގައި ވާރެޔާ ތެމިގެން ލަވަކިޔަން އިންނަ ސީއާ (ޝްރަދާ ކަޕޫރު) އާ ރޮނީއާ ދިމާވެ އެވެ. ފުރަތަމަ ފެނިލުމުން ވެސް ރޮނީ އަށް ސީއާ ދެކެ ލޯބިވެވޭއިރު ބެންކޮކަށް ނިސްބަތްވާ ގޭންގްސްޓާ ރާގަވް (ސުދީރް ބާބޫ) އަކީ ސީއާ އާ ހެދި މޮޔަވެފައި ހުންނަ މީހެކެވެ. އިއްތިފާގަކުން ރާގަވް ވަނީ ރޮނީ މާޝަލް އާޓްސް ދަސްކުރަންދާ ކަލާރީ ގުރޫގެ ދަރިއަކަށެވެ. ރޮނީއާ ސީއާ އެކަކު އަނެކަކު ދެކެ ލޯބިވާކަން އިނގޭ ހިސާބުން ލޯބި ހާސިލުކުރަން ގޭންގްސްޓާ ރާގަވް އާއި ރޮނީގެ ކުރިމަތިލުން ފެށިގެންދެ އެވެ.

އިންޑިއާގެ ކެރެލާގެ އިތުރުން ބެންގްކޮކްގައި މަންޒަރުތައް ނަގާފައިވާ މިފިލްމު އުފައްދާފައިވަނީ 35 ކްރޯޑުގެ ބަޖެޓަކުންނެވެ. އަދި ފިލްމުގެ ޕްރޮމޯޝަނަށް ވަނީ 12 ކްރޯޑް ހަރަދުކޮށްފަ އެވެ. ފިލްމުގެ ސްޓެލައިޓް ރައިޓްސް އާއި ލަވަތަކުގެ ރައިޓްސް ވިއްކައިގެން 25 ކްރޯޑް ލިބިފައިވާއިރު، ފިލްމު ސިނަމާތަކުގައި އަޅުވައިގެން 22 ކްރޯޑް ލިބުމުން ފިލްމަށް ކުރި ހަރަދު ފޫބެދޭނެ އެވެ. އެހެންކަމުން މިހާރުން އިއްޔެއިން ފެށިގެން ފިލްމު ހިނގަމުން އެދެނީ ފައިދާގަ އެވެ.

މިހާރު މިފިލްމަށް ލިބެމުންދާ ތަރުހީބު ލިބޭނަމަ މިހަފްތާގެ ތެރޭގައި 50 ކްރޯޑް ލިބުމާއި ގާތެވެ.