އެމްޓީސީސީ

ދަތުރުފަތުރަށް އެމްޓީސީސީން 26.5 މިލިއަން ރުފިޔާ އިންވެސްޓްކޮށްފި

May 2, 2016

ދަތުރުފަތުރުގެ ހިދުމަތް ތަރައްގީ ކުރަން އެމްޓީސީސީން މިދިޔަ އަހަރު 26.5 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދަތުރުފަތުގެ ހިދުމަތް ތަރައްގީ ކުރުމުގެ ގޮތުން އެ ކުންފުނިން މިދިޔަ އަހަރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައޭ) އާއި ހުޅުމާލެ އާ ދެމެދު ބޭނުން ކުރުމަށް 44 ގޮނޑީގެ ބަހެއް ގެނެސް ބޭނުން ކުރަން ފަށާފައިވެ އެވެ. އަދި 200 މީހުންގެ ޖާގައިގެ ފެރީއަކާއި 90 މީހުންގެ ޖާގައިގެ ފެރީއެއްގެ ހިދުމަތް ވެސް ފަށާފައިވެ އެވެ.

އެ ކުންފުނިން މިދިޔަ އަހަރު ދަތުރު ފަތުރުގެ ހިދުމަތް ފުޅާ ކުރުމަށް ކޮށްފައިވާ 26.5 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކީ އެމްޓީސީސީން ކުރި އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. މި ރިޕޯޓުގައިވާ ގޮތުން 2013 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 62 މިލިއަން ރުފިޔާގެ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ވަނީ ސަބްސިޑީ ދީފަ އެވެ. އެގޮތުން މި ދާއިރާއިން އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު 100 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން މި ދާއިރާއިން ފައިދާގެ ގޮތުގައި ލިބުނީ އެންމެ ހަތަރު މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ 47.8 ޕަސެންޓާއި އާއްމުންގެ 44.7 ޕަސެންޓް އަދި އުވާލާފައިވާ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ގެ 7.5 ޕަސެންޓުގެ ހިއްސާވާ ކުންފުންޏެކެވެ.