ބޮލީވުޑް

ސަލްމާންގެ ފިލްމު ކުޅެން ދިޕިކާ ބޭނުމެއް ނުވި

May 3, 2016
1

ޑައިރެކްޓަރު ކަބީރް ޚާން ދެން އުފައްދާ ފިލްމު "ޓިއުބްލައިޓް" ގައި ސުޕަސްޓާ ސަލްމާން ޚާނާއެކު ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ ދިޕިކާ ޕަދުކޯން ކަން ހާމަކުރުމާއެކު ވަނީ މިފިލްމު ކުޅެން ދިޕިކާ އެއްބަސްވީ ޝަރުތުތަކަކާ އެކު ކަމުގެ އަޑުތައް އަރާފަ އެވެ.

މިފިލްމު ކުޅެން ދިޕިކާ އެއްބަސް ވެފައިވަނީ މި ފިލްމުގައި އޭނާއަށް ވެސް ލީޑް ތަރި، ސަލްމާން އެކޭ އެއްގޮތަށް ބޮޑު ރޯލެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ނޫސްތަކުގައިވެ އެވެ. އަދި އޭނާއަށް ލިބޭ ސްކްރީން ޓައިމްވެސް ސަލްމާނާ އެއްވަރުވާން ޖެހެ އެވެ. އަދި ދިޕިކާ މިފިލްމު ކުޅެން ސޮއިކުރީ އޭނާގެ ހުރިހާ ޝަރުތަކަށް ޑައިރެކްޓަރު ކަބީރް ގަބޫލުވުމުން ކަމަށްވެ އެވެ.

ނަމަވެސް އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ދިޕިކާ ވަނީ މިފިލްމު ނުކުޅޭނެ ކަމަށް ބުނެ، ފިލްމު ދޫކޮށްލާފަ އެވެ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ މިފިލްމުން ހުށަހެޅުން ލިބުނު ހިސާބުން ފެށިގެންވެސް ފިލްމުގައި ކުޅެން ޖެހޭ ރޯލާ މެދު ދިޕިކާ އެއްވެސް ގޮތަކަށް ހިތްހަމައެއް ނުޖެހެ އެވެ. އަދި ދިޕިކާ ވަނީ ކަބީރް ކުރެން ފިލްމުގެ ސްކްރިޕްޓަށް ބަދަލުގެނެސް އޭނާގެ ރޯލު ބޮޑުކުރުމަށް އެދިފަ އެވެ.

އެންމެފަހުން ކަބީރް ދިޕިކާގެ އެދުމާއި އެއްގޮތަށް ފިލްމުގެ ސްކްރިޕްޓް ބަދަލުނުކުރަން ނިންމުމުން އޭނާ މިފިލްމު ދޫކޮށްލާފައިވާއިރު، މިފިލްމުގެ ބަތަލާގެ ރޯލުކުޅުމަށް ފިލްމު އުފައްދާ ފަރާތުން ޗައިނާ ދަރިކޮޅުގެ އެކްޓަރެއް ހޯދަމުން އަންނަ ކަމަށްވެ އެވެ. މިފިލްމަކީ އިންޑޯ-ޗައިނާ ބޯޑަރުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ޕީރިއަޑް ޑްރާމާ އެކެވެ. އަދި ވަރަށް އަވަހަށް މިފިލްމުގެ ލީޑް އަންހެން ތަރިއެއް ހޯދުމަށް އޮޑިޝަންތައް ބާއްވާނެ އެވެ.

ދިޕިކާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" ގެ މަންޒަރުތައް ނަގަމުންނެވެ. މިފިލްމުގެ ޝޫޓިން މިމަހުގެ ތެރޭގައި ނިމުމަށް ހަމަޖެހިފައިވާއިރު، ކުޅޭނެ އެއްވެސް ބޮލީވުޑްގެ ފިލްމެއް އޭނާގެ އަތަކު ނެތެވެ.