ފިނިޕޭޖް

ޑޮކްޓަރެއްގެ ޔުނީފޯމުގައި ފެނުނަސް ލަވަކިޔާނެ

"ދެން ލަވަ ހުށަހަޅައިދޭނީ އަޅުގަނޑުމެންގެ ޑޮކްޓާ ލައިޝާ" މޯލްޑިވިއަން އައިޑޮލްގެ ޝޯއެއް ކުރިއަށް ދިޔަ ކޮންމެ ރެއެއްގައި ކަހަލަ ގޮތަކަށް ޝޯގެ ހޯސްޓުން ކަމަށްވާ މޫސާ ވަސީމާއި އައިޝަތު މައުރީނާ މި ޑައިލޮގްކޮޅު ތަކުރާރު ކުރެ އެވެ. މިކަމާއި ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް ރައްދުވެފައިވެ އެވެ.

ނަމަވެސް ޑޮކްޓަރަކަށް ވުމުގެ ހުވަފެންތައް ދެކެމުން އައި ބައިވެރިޔާ ލައިޝާ އަށް މިކަމުން ލިބިގެން ދިޔައީ އުފަލެކެވެ. އެންމެ ފަހުން ހަގީގަތުގައި ވެސް އޭނާގެ ނަމުގެ ކުރިއަށް ޑޮކްޓާ ލުމަށް ފުރުސަތު ލިބުނީ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް ކާމިޔާބުކުރެވި ޑޮކްޓަރުކަން ކިޔަވަންދާން ހާއްސަ ސްކޮލަޝިޕެއް ވެސް ލިބުނީ އެވެ.

ލައިޝާއަށް ނޭނގި އައިޑޮލްގައި ބައިވެރިވާން ނަން ފޮނުވީ އޭނާގެ މަންމަ އެވެ. އޭނަ ހުރީ މިފަދަ މުބާރާތަކަށް ތައްޔާރުވެގެންނެއް ނޫނެވެ. މަންމަ ބުނެގެން އޮޑިޝަންގައި ބައިވެރިވި ނަމަވެސް މުބާރާތަށް ހޮވުނު ހިސާބުން ފެށިގެން އޭނާ އުންމީދުކުރީ މުބާރާތް ކާމިޔާބު ކުރާށެވެ. ޑޮކްޓަރަކަށް ވުމަށް އޭނާ ދެކެމުންދާ ހުވަފެނުގައި ހަގީގީ ކުލަ ޖައްސާށެވެ. އެކަމަކު އައިޑޮލްގެ އެހެން ބައިވެރިންގެ ވެސް ކުޅަދާނަ ހުނަރު ފެނިފައި މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެ އެވެ.

"އަސްލު ދިސް ވޯޒް އަން އެކްސްޕެކްޓެޑް، ލައި ހަމަ އެއްގޮތަކަށްވެސް ހިތަކަށް ނާރުވަން ދެޓް އައި ވުޑް ވިން ދިސް، އެކަމަކު އަސްލު މީގައި މުހިންމު ރޯލެއް އަދާކުރީ މީހުންގެ ސަޕޯޓު ކަންނޭނގެ. އައި އޭމް ސޯ ގްލޭޑް، މިހާ ހިސާބަށް އައިއިރު މީހުން ލައިއަށް ވަރަށް ލޯބި ދީފި، އެއީ ލައި އެންމެ އުފާވާ ކަމަކީ" މޯލްޑިވިއަން އައިޑޮލްގެ ޓައިޓަލް ކާމިޔާބު ކުރުމަށްފަހު އެ އުފާވެރިކަންމަތީހުރެ އަވަސް އާ ވާހަކަ ދައްކަމުން ލައި ބުންޏެވެ. "ލައިގެ ނަން ގޮވިއިރު އަސްލު އޭތި ރިއަލައިޒެއް ނުވި. ލައި އެތަނަށް ބަލަން ހުރިއިރު އައި ވޯޒް ލައިކް އާން ދެން ކިހިނެއްބާ އޭ މިވަނީ. ދެން އެހެން ހިތަށް އަރާފައި ޓަސްލާފައި ލައިޝާ ޖުނައިދު އޭ ބުނުމުން އައި ވޯޒް ލައިޓް ވަޓް އޭ. އެހެންވޭ ހެއްޔޭ؟ އައި ވޯޒް ލައިކް ޔޭ، ދެން ނޭނގެ ވަރަށް އެހެންކަހަލަ ފީލްއެއް ކުރެވުނީ. އައިމް އޯވާ އެކްސައިޓެޑް ނައު. ލައި ހީކުރީ އަޕާޓް ފްރޮމް މީ އައިތޯޓް އަނެއް ދެ ބައިވެރިން ކުރެން ބައިވެރިއެކޭ ހޮވޭނީ. އެހެން ހިތަށް އަރުވައިގެން ހުރީ"

ޑޮކްޓަރެއްގެ ޔުނީފޯމުގައި ފެނުނަސް ލަވަކިޔާނެ

ލައިޝާގެ އުއްމީދަކީ ސާޖަން އަކަށްވުމެވެ.

"އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް. މާނަ އަކީ، އެމްބިޝަން އަކީ ކޮބައިތޯއޭ ސުވާލުކުރަން ފެށީއްސުރެ އަޅުގަނޑު ބުނަމުން އައީ ވާން ބޭނުންވަނީ ޑޮކްޓަރަކަށޭ. ކުރީގަ ސްކޫލަށް ދިޔައީމަ އަހާނެ، ވަޓްސް ޔުއާ އެމްބިޝަންއޭ. ދެން ބައެއް ކުދިން ބުނާނެ ލޯޔަރު، ޕައިލެޓް އެކަހަލަ ގޮތަކަށް ދާނީ. އެގޮތަށް ލައި އަށް ބުނެވިފައި އިންނަނީ ޑޮކްޓަރު އަބަދުވެސް،" މީގެކުރިން އަވަސް އަށް ދިން އިންޓަވިއު އެއްގައި ޑޮކްޓަރަކަށް ވުމާއި ބެހޭގޮތުން ލައިޝާ ބުންޏެވެ.

"ޖޮބެއް ގޮތަކަށް ނޫން ޑޮކްޓަރުން އެ މަސައްކަތްކުރަނީކީއެއް. ބީން އަ ޑޮކްޓާ އިޒް އަ ލައިފްސްޓައިލް. ޔޫ ނެވާ ސްޓޮޕް ބީން އަ ޑޮކްޓާ. އަބަދުވެސް ޖޮބްގަ އުޅޭނީ ދޯ. އެހެންވީމަ އަޅުގަނޑަށް ހީވަނީ ވަރަށް ތަފާތުވާނެހެން. ޕްލަސް، ހެލްޕިން ސަމްވަން އެލްސް މޭކްސް މީ ހެޕީ."

މުސްތަގްބަލްގައި ކުޅަދާނަ ޑޮކްޓަރެއްގެ ޔުނީފޯމުން ލައިޝާ ފެނުނަސް އޭނާގެ ލަވަތައް އަބަދުވެސް އޭނާގެ ސަޕޯޓަރުންނަށް އިވޭނެ އެވެ. މޯލްޑިވިއަން އައިޑޮލް އާއެކު ލައިޝާގެ މިޔުޒިކީ ހަޔާތްވެސް ފެށުނީ އެވެ.

"އިރާދަކުރެއްވިއްޔާ ފެންނާނެ، މި ސީން އަކުން އިރާދަކުރެއްވިއްޔާ ނުގެއްލޭނެ. ބަޓް ޔުއާ ގޮއިން ޓު ސީ މީ އޭޒް އަ ޑޮކްޓާ އެންޑް އަ ސިންގާ." ލައި ބުންޏެވެ.

ލަވަކިޔުމުގެ އިތުރުން ލައިޝާ އަކީ މިއުޒިކްގެ ބައެއް އިންސްޓްރުމެންޓްތަކަށް ވެސް ފަރިތަ ހުނަރުވެރިއެކެވެ. އެގޮތުން ބޮޑުބެރާއި ޑްރަމްސް ވެސް ޖަހަ އެވެ. ޓްރަމްޕެޓް ވެސް ކުޅެ އެވެ.

ގިޓާ ކުޅެން ދަސްކުރީ އެމެރިކަން އައިޑޮލް އިން ވިދާލި ކްރިސް އެލެންގެ ހުނަރުވެރިކަން ފެނިގެންނެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވިއްޖެ ނަމަ ލައިޝާ ހަދާނީ ކިހިނެތްތޯ މީގެކުރިން އަވަސް އިން ކުރި ސުވާލަށް ޖަވާބުދެމުން ލައިޝާ ބުނީ "މި ދާއިރާގައި ކުރިއަށް ދަންޏާމު އަޅުގަނޑު ބޭނުންވަނީ އިންޓަނޭޝަނަލް ވެލަން ކުޑަކޮށް. އިންޑިއާގައި ނަމަވެސް. ދިވެހި ރާއްޖޭގައި އަދި ކަންތައް ހުރި ގޮތުން ނެތް ފުރުސަތުތަކެއް. އިންޓަނޭޝަނަލީ މީހުން ބަލައިގަންނަ ކަހަލަ އާޓިސްޓަކަށްވުން އެންމެ ބޮޑު ޑްރީމަކީ މިއުޒިކްގައި. ރާއްޖޭގެ ހާލަތު ހުރި ގޮތުން ހީއެއް ނުވޭ އެހާ އަވަހަކަށް އެހިސާބަށް ދެވިދާނެ ކަމަށް،" މިހެންނެވެ.

ދެ ވަނަ ސީޒަނުގައި ބައިވެރިވާން ބޭނުން ކުދިންނަށް ހާއްސަ މެސެޖެއް

މޯލްޑިވިއަން އަިޑޮލްގެ ދެވަނަ ސީޒަން އެއް އޮންނާނެ ކަން ޕީއެސްއެމުން މިރޭ ވަނީ އިއުލާނުކޮށްފަ އެވެ. ސްޕޮންސާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވާލާފަ އެވެ. މި ސީޒަންގައި ބައިވެރިވާން ބޭނުން ކުދިންނަށް ލައިޝާ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ.

އެއީ މީހުން ކޮންމެ އެއްޗެއް ކިޔަސް އެކަމަކީ ރަނގަޅުކަމެއް ކަމަށް ފެންނަންޏާ އެކަން ކުރުމެވެ. އެހެން މީހުން ކިޔާފާނެ އެއްޗަކަށް ޖެހިލުންވެ ކުރަން ބޭނުން އެތައް ކަމެއް ނުކުރެވި ތިބޭ މީހުން ތިބޭ ކަމަށް ލައިޝާ ބުންޏެވެ.