މޯލްޑިވިއަން އައިޑޮލް

އިޝާން ބުނަނީ ދެން ފެންނާނީ އަލީ ރަމީޒެއްގެ ގޮތުގައި ނޫން ކަމަށް

މޯލްޑިވިއަން އައިޑޮލް އަށް އިޝާން ތައާރަފްވުމާއެކު އަލީ ރަމީޒުގެ ލަގަބު ދެވުނު ދެ ވަނަ ބައިވެރިޔާއަށް މުހައްމަދު އިޝާން ވެގެން ދިޔަ އެވެ. އަލީ ރަމީޒުގެ ނަމްބަރު ވަން ފޭނެއްވެސް މެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދަތުރުގައި އިޝާން ކީ ގިނަ ސޯލޯ ލަވަތަކަކީ އަލީ ރަމީޒުގެ ލަވަތަކެވެ.

އިޝާނަކީ ހަމައެކަނި އަލީ ރަމީޒުގެ ފޭނެއް ނޫނެވެ. އޭނާ އަކީ ޑެތު މެޓަލް ފޭންއެއް ވެސް މެއެވެ. ޑެތު މެޓަލް ބޭންޑެއް ވެސް އޭނާގެ އެބައޮތެވެ. އެއީ އެފޯމަސް އެވެ. އެކަމަކު އޮޑިޝަނުން ފެނިގެން ދިޔަ ގިނަ ސޯލޯ ޕާފޯމެންސްތަކުގައި އިޝާން އިހްތިޔާރުކޮށްފައިވަނީ އަލީ ރަމީޒުގެ ލަވަތަކެވެ. އެ ކަމަކު އެލަވަތައް އިޝާން ހުށަހަޅައިދީފައިވަނީ އަމިއްލަ ގޮތްތަކެއްވެސް ހިމަނައިގެންނެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ރޭ ނިމުނު އިރު މިފަހަރުގެ ޓައިޓަލް ނުވަތަ މޯލްޑިވިއަން އައިޑޮލް އަކަށް ހޮވިފައި މިވަނީ ލައިޝާ އެވެ. އިޝާން ދިޔައީ ތިން ވަނަ އަށެވެ. މިއީ އިޝާންގެ ފޭނުން އެއްގޮތަކަށްވެސް ދެރަވާންވީ ކަމެއް ނޫނެވެ. މިއީ މުބާރާތެކެވެ. އެއް ވަނަ ލިބޭނީ ކޮންމެސް އެކަކަށެވެ. ތިން ވަނަ ލިބުނު ކަމުގައި ވިޔަސް އިޝާން އަކީވެސް އަދި ދެވަނަ އަށް ދިޔަ ޝަލަބީ އަކީވެސް "ވިނާ" އެއް ކަމަށް ޖަޖުން ބުންޏެވެ. އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރަނީވެސް އެހެންނެވެ.

މޯލްޑިވިއަން އައިޑޮލްގެ މި ދަތުރެއްގައި އަލީ ރަމީޒުގެ ލަވަތަކެއް މި ވަރަށް ކަވާކުރި ދެ ވަނަ ލަވަކިޔުންތެރިޔަކު ވެސް ނެތެވެ. އޮޑިޝަނުގައި ޖަޖުންނާއި ބެލުންތެރިންގެ ހިތް އޭނާ އަތުލީ އަލީ ރަމީޒުގެ ކްލެސިކް ހިޓެއް ކަމުގައިވާ "އައިޝާ" އިންނެވެ.

އެއަށް ފަހު ގްރޭންޑް ފިނާލޭގެ ޕާފޯމިން ނައިޓްގައި ވެސް އޭނާ ސްޓޭޖު ކަތިލީ އަލީ ރަމީޒުގެ ލަވައަކުންނެވެ. އެއީ އަލީ ރަމީޒުގެ އެންމެ މަޝްހޫރު ލަވަ، "ނިންދެވީތި މޭމަތީ" އިންނެވެ.

ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް އިޝާން އަކީ ވަރަށް އުންމީދީ ލަވަކިޔުންތެރި އެކެވެ. މި މުބާރާތް "ވިން" ކުރަން އިޝާން ވަރަށް މަސައްކަތް ކުރި އެވެ. ލައިޝާ އަދި ޝަލަބީ އަކީ އިޝާން އަށް "ބީޓް ކުރެވިދާނެ" ދެ ބައިވެރިން ކަމަށް އިޝާން ގަބޫލުކުރެ އެވެ. އަދި އެ ދެބައިވެރިންނަށް އިޝާން ބީޓް ކުރެވޭނެ ކަމަށްވެސް ގަބޫލުކުރެ އެވެ.

"އިޝާން ގަބޫލުކުރާ ގޮތުގައި އިޝާން ބީޓް ކުރަން އުޅެފިއްޔާ ކުރެވިދާނެ ވަރު ދެކުދިން ހަމަ އެއީ، އެ ކުދިންނަށް އިޝާންވެސް ބީޓު ކުރެވޭނެ. ޗެލެންޖެއް ދެވޭނެ ކަމަށް އިޝާން ގަބޫލުކުރަން. އެކަމަކު އިޝާން ގަބޫލުކުރަން މީ ހަމަ އެންމެ ފެއާ ނަތީޖާ" މޯލްޑިވިއަން އައިޑޮލް ނިންމާލުމަށްފަހު އަވަސް އާ ވާހަކަ ދައްކަމުން އިޝާން ބުންޏެވެ.

އިޝާން ބުނީ އިޝާންގެ ބެސްޓް ނުދޭ ވާހަކައެއް ނޫނެވެ. އެންމެ ފަހު ޕާފޯމެންސާ ހަމައަށް އިޝާން އައީ އޭނާގެ ބެސްޓް ޕާފޯމެންސް ދައްކަމުންނެވެ. އޭގެ ނަތީޖާ އަކީ ރާޅު ބޯއީ ނޫނަސް ގިނަ އަންހެން ކުދިން ތަކެއްގެ ހިތުން އިޝާން އަށް ނިކަން މަތީ މަގާމެއް ލިބުމެވެ.

އިޝާން ލަވަކިޔުންތެރިޔަކަށް ބަދަލުކޮށްލީ ބޭންޑެކެވެ. އެންމެ ފުރަތަމަ އޭނާ އަކީ ލަވަކިޔަައި އުޅުނު ޒުވާނެއް ނޫނެވެ. މިހާ މޮޅަށް ލަވަކިޔޭކަމެއް ވެސް ނޭނގެ އެވެ. ނުވަތަ އާންމުންގެ ތެރޭގައި މިގޮތަށް ލަވަކިޔަން އެންމެ ކުރިން ލަދުގަންނަނީ އެވެ. އިޝާން އަށް ލަވަކިޔަން ޖެހުނީ މަޖުބޫރުވެގެންނެވެ.

އިޝާން ބުނީ އޭނާ އާއި މިއުޒިކްގެ ވާހަކަ ފެށިގެން އަންނަނީ ގޭގައި ބޮޑުބޭބެއަކު ގެންގުޅުނު ގިޓައެއް ވަގަށް ނަގައިގެން ކުޅެން ދަސްކުރި ހިސާބުން ކަމަށެވެ.

އަލީ ރަމީޒުގެ ގިނަ ލަވަތަކަކުން މޯލްޑިވިއަން އައިޑޮލް ނިންމާލިއަސް އިޝާން ދެން ފެންނާނީ އަލީ ރަމީޒްގެ ލަވަތަކަކުން ނޫނެވެ. އިޝާން ދެން ފެންނާނީ އިޝާންގެ ގޮތުގަ އެވެ. މޯލްޑިވިއަން އައިޑޮލްގައި އަލީ ރަމީޒުގެ ކިބައިން ހިތްވަރު ލިބިގަނެ މުބާރާތް ނިމުނުއިރު އިޝާން މިވަނީ އިޝާން ހާއްސަ ސްޓައިލެއް ހޯދާފަ އެވެ.

"އިޝާން ދެން ފެންނާނީ އިޝާންގެ ގޮތުގައި، އަލީ ރަމީޒުގެ ގޮތުގައި ދެން ނުފެންނާނެ" އިޝާން ބުންޏެވެ. އިޝާންގެ މިއުޒިކް ކެރިއާ އޭނާގެ އިންތިޒާރުގައި އެބަ ހުއްޓެވެ. ފާގަތިކަމާއި އުޖާލާ ކަމާއެކީގަ އެވެ.

ކުރިއަށް އޮތްތަނުގައިވެސް އިޝާންގެ ލަވަތައް އިވޭނެ އެވެ.