މަސް ގަންނަ އަގު އެއްވަރެއްގައި ހިފަހައްޓައި ހަމަ އަގު މަސްވެރިންނަށް ދިނުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ދޭ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން މިހެން ބުނީ މިއަދު ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށެވެ. އޭގައި ބުނެފައި ވަނީ އަބަދުވެސް މަސްވެރިންނަށް ނަފާ އިތުރުވާނެ ގޮތްތައް ހޯދައިދީ މަސްވެރިންގެ ހިދުމަތުގައި ފަހަތަށް ނުޖެހި ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ހުރިހާ މަސްވެރިންނަށް ދޭ ކަމަށެވެ. އަދި މަސްވެރިންގެ އަތުން މަސް ގަތުމާއި މަސްވެރިނަށް ޑީސަލާއި އައިސް ވިއްކުމުގައި ކުންފުނިން އަބަދުވެސް ގެންގުޅެނީ މަސްވެރިންނަށް ހިތްވަރުދީ ފަސޭހަ މާހައުލެއް މަސްވެރިންނަށް ހޯދައި ދެވޭނެ އުސޫލުތަކެއް ކަމަށެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނިން ވިއްކާ ޑީސަލާއި އައިސްގެ އަގުތަކަށް ބަދަލު ގެންނަނީ އެކި ދުވަސްވަރު އެކި ހާލަތާ ގުޅިގެން ކަމަށާއި އެ ސިޔާސަތުގެ ދަށުން ފެބްރުއަރީ 26، 2016 ގައި އައިސްގެ އަގު އޭގެ ކުރިން ވިއްކަމުންދިޔަ އަގަށްވުރެ 310ރ. ހެޔޮކޮށްފައިވާނެ ކަމަށެވެ. އަދި އެސްޓީއޯގެ އެއްބާރުލުމާއެކު މާޗް 23، 2016 އިން ފެށިގެން 7.30ރ. އަށް ޑީސަލްގެ އަގުވެސް ކުޑަކޮށްފައިވާނެ ކަމަށާއި އެއީ ކުރިން ވިއްކި އަގަށްވުރެ 3.20ރ. ހެޔޮ އަގެއް ކަމަށެވެ.
"... ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ތާއަބަދު ވެއްޓެމުންދާއިރު ވެސް މިކުންފުނީގެ އެހެނިހެން ހަރަދުތައް ކުޑަކުރެވި، އެ ފައިދާ މަސްވެރިންނަށް ލިބިގެންދާނެހެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެއްވަރެއްގައި ހިފަހައްޓައި ހަމަ އަގު މަސްވެރިންނަށް ދިނުމުގައި ދިވެހި ސަރުކާރާ ގުޅިގެން ސަރުކާރުގެ އެއްބާރުލުމާއެކު ސާބިތުވެ އަބަދުވެސް ތިބުމަކީ ފަހަރުވެރި ކަމާއެކު މި ކުންފުނިން ފާހަގަ ކުރާ ކަމެކެވެ،" މިފްކޯއިން މިއަދު އާންމު ކުރި ބަޔާނުގައި ބުނެ އެވެ.