މާއެނބޫދޫ

މާއެނބޫދޫ ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި

ދ. މާއެނބުދޫ ބަނދަރު ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވައިފި އެވެ. މިއީ އެރަށުގައި ހެދި ފުރަތަމަ ބަނދަރެވެ.

ބަނދަރު ހުޅުވައިދެއްވުމަށް ރައީސް އެރަށަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ. ރައީސް އެ ބަނދަރު ހުޅުވައިދެއްވުމުގެ ގޮތުން މިއަދު ވަނީ ބަނދަރު ސަރަހައްދުގައި ހުރި މޮނިއުމެންޓެއްގައި ހަރުކޮށްފައިހުރި ރިބަންފަށް ކަނޑައިދެއްވާފަ އެވެ.

މާއެނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ސަސް-އީ/ސެނޮކް ޖޮއިންޓް ވެންޗާއިންނެވެ. މި މަސައްކަތް ހަވާލުކުރީ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ އުތުރުން 800 ފޫޓު ދިގު 220 ފޫޓު ފުޅާ ބަނދަރެއް ވަނީ ހަދާފަ އެވެ. ޖުމްލަ 42 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ބަނދަރު މަޝްރޫއަށް ހަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

މި މަޝްރޫއުގައި ދަށުން، 190 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ޖަފާފައިވެ އެވެ. އަދި 158 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި 262 މީޓަރުގެ ކޮންކްރީޓް އެއްގަމުތޮށްޓެއް ޖެހުމާއި ބަނދަރުގެ ފަޅު އަދި ނެރު މެދުދިޔައިން ތިން މީޓަރު ފުނަށް ކޮނެފައިވެ އެވެ. އޭގެ އިތުރުން ނެރުބައްތި ޖަހައި، އެއްގަމުތޮއްޓާއި ވިދިގެން 15 ފޫޓުގެ ޕޭވްމަންޓެއް ވެސް ވަނީ ހަދާފަ އެވެ.