ދުންޔާ މައުމޫން

ރާއްޖެއާމެދު ގައުމުތަކުން ދެކޭ ގޮތް ދަނީ ބަދަލުވަމުން: ދުންޔާ

May 3, 2016
1

ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ ބަދުނާމުކޮށް، ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ދެކޮޅަށް ސަރުކާރާއި ދިވެހި ޚާރިިޖިއްޔާ އިން ކުރަމުން އަންނަ މަސައްކަތްތަކުން ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ލިބި، ގިނަ ބައެއްގެ ވިސްނުން ބަދަލުވަމުންދާ ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ދުންޔާ މިހެން ވިދާޅުވީ މިއަދު ޚާރިޖިއްޔާގައި ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.

މިނިސްޓަރ ދުންޔާ ވިދާޅުވީ ރާއްޖޭގެ ތަސައްވުރު ބަދަލުކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތަކީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އަަބަދުވެސް އިސްކަންދެމުންދާނީ އެކި ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާއެކު ގުޅުން ބަދަހިކޮށް، ހަގީގަތް ހާމަކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި، މި ސިޔާސަތުގެ ސަބަބުން، ރާއްޖެއާއި މެދު އޮތް ކުށް ހީތަށް ފިލައި ގިނަ ބަޔަކު ދެކެމުން އައި ގޮތް ބަދަލުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާޢްޖެ އާއި މެދު ފިޔަވަޅު އެޅުމަށް ގައުމަކުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގައުމަކަށް އެ ފިޔަވަޅު އެޅޭނެ ކަމަށް އިޝާރާތް ކުރައްވާ އެކަމަނާ ވިދާޅުވީ ފިޔަވަޅު އެޅުމަށް ދައްކާ ހުއްޖަތާއި އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކަކީ ނުބައްދަލު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރ ދުންޔާ ވިދާޅުވީ ރާއްޖޭގެ މައްސަލަތައް ހައްލުކުރުމަށް އެކި ފަރާތްތަކާއެކު މަޝްވަރާ ކުރެވި، އެ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައިވާނޭ ކަމަށެވެ. އަދި، މިހާޜު އޮތީ އެފަރާތްތަކުން އެހީތެރިވެދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ފާޑު ކިޔުމަކީ ފަސޭހަކަމެއް ކަމަށް ފާހަގަ ކުރައްވާ މިނިސްޓަރު ދުންޔާ ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖޭގައި ހަރުލެއްވުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދުންޔާ ވަނީ އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ދޭ "ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެވޯޑް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންނެވުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި، މާދަމާ ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދް އަލް ނަޙްޔާން މާދަމާ ރާއްޖެ ވަޑައިގަންނަވާނޭ ކަންވެސް ވަނީ އިއުލާން ކުރައްވާފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އެހީވުމަށް ރާއްޖެ ވަޑައިގެންނެވި އދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު މރ. ސެމިއުލް ތަމްރަތުގެ ޒިޔާރަތީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ތައްޔާރުކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.