ބަނޑިދޫ

ބަނޑިދޫ ބަނދަރު ރައީސް ހުޅުވައިދެއްވައިފި

ދ. ބަނޑިދޫ ބަނދަރު ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވައިފި އެވެ. އެ ބަނދަރު ހުޅުވައިދެއްވުމަށް ރައީސް އެރަށަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ރައީސް އަށް އެ ރަށުވަނީ ކިޔާފަ އެވެ.

ރައީސް އެ ބަނދަރު ހުޅުވައިދެއްވުމުގެ ގޮތުން މިއަދު ހަވީރު އެ ރަށަށް ވަޑައިގެން ވަނީ ބަނދަރު ސަރަހައްދުގައި ހުރި ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަ ދެއްވާފަ އެވެ.

ބަނޑިދޫގެ ބަނދަރު ހަދާފައިވަނީ އެމްޓީސީސީއިންނެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 10 މާރިޗް 2014 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން ބަނޑިދޫގައި 1000 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރެއް ވަނީ ހަދާފަ އެވެ. ޖުމްލަ 52.3 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ރައީސް މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލަކީ ބަނޑިދޫ އެވެ. އިއްޔެ ރައީސް ވަނީ ކުޑަހުވަދޫގެ ބަނދަރާއި ތާރުއެޅި މަގުތައް ހުޅުވައިދެއްވާފަ އެވެ. އަދި މިއަދު ހެނދުނު މީދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވެ އެވެ. އޭގެފަހުން މާއެނބޫދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވައިދެއްވާފައިވެ އެވެ.