ޗެމްޕިއަންސް ލީގް

ތިން ފަހަރު ފޭލްވިޔަސް ގާޑިއޯލާ ހިތްހަމަޖެހިފައި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުގޮސް ތިން ފަހަރުމަތިން ފޭލްވި ނަމަވެސް ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ސީޒަނަސް ފަހު މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވާ ގަޑިއޯލާގެ ޓީމު ރޭ މުބާރާތުން ކެޓީ އެތްލެޓިކޯ މެޑްރިޑް އަތުންނެވެ.

"އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އެކަމަކު ކާމިޔާބު ނުވީ. އަހަރެންގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް މިކުލަބަށް އަހަރެންނަށްވީ އެންމެ ރަނގަޅަށް މަސައްކަތް ކުރިން. މިދިޔަ ތިން އަހަރު އަހަރެން ބޭނުންވި ކަންތައް ހާސިލެއްނުވި. އެކަމަކު ވެސް އަހަރެން ހިތްހަމަޖެހޭ. ދެން އޮތީ އަހަރެންގެ މަސައްކަތާމެދު މީހުން ދެކޭގޮތް ބެލުން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބަޔާންއާ ހަވާލުވީ މީގެ ތިން އަހަރު ކުރިން އެކުލަބު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނިކޮށެވެ. ނަމަވެސް އޭގެ ފަހުން އޭނާ ޓީމާ ހަވާލުވެ މިދިޔަ ތިން އަހަރު ވެސް ކެޓީ ސެމީ ފައިނަލުންނެވެ.

"ބައެއް ފަހަރު އަހަރުމެން ވަރަށް ރަނގަޅަށް ކުޅެން. އަނެއް ބައި ފަހަރު އަހަރުމެން ބޭނުންވާ ވަރަށް ނުކުޅޭ. އަހަރެންގެ އައިޑިއާ އަކީ އަބަދުވެސް އެޓޭކް ކުރުން. އަހަރެން ދެރަވޭ ކާމިޔާބު ނުވުމުން. ހަމައެއާއެކު އަހަރެން ފަހުރުވެރިވޭ މަސައްކަތާމެދު. އަހަރެންގެ ކުޅުންތެރިން ވަރަށް މަސައްކަތްކުރި،" ސްޕޭނުގެ ބާސެލޯނާގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކޯޗު ބުންޏެވެ.

އޭނާ ބުނީ މިދިޔަ ދެ އަހަރު ހޯދި ޖަރުމަނު ލީގު މި އަހަރު އަދި ކާމިޔާބު ނުކުރެވޭ ކަމަށާއި އެކަން ކުރުމަށް ހުރިހާ ކުޅުންތެރިންނަށް ހިތްވަރުދީފައިވާނެ ކަމަށެވެ.