ބޭރު ކުޅިވަރު

ބަޔާން ބަލިކޮށް، އެތްލެޓިކޯ ފައިނަލަށް

ޖަރުމަނުގެ ބަޔާން މިއުނިކް އަވޭގޯލުގެ ތަފާތުން ބަލިކޮށް، ޗެމްޕިއަންސް ލީގު ފައިނަލަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފި އެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުން 2-1އިން މޮޅުވީ ބަޔާން އެވެ. ނަމަވެސް ދެ މެޗުގެ ނަތީޖާއިން އެތްލެޓިކޯ އަށް ކުރި ލިބުނީ އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗު 1-0އިން ކާމިޔާބުކޮށްފައިވާތީވެ އަވޭ ގޯލުގަ ތަފާތުންނެވެ.

ރޭގެ މެޗުގައި ދެ ޓީމަށް ލިބުނު ޕެނަލްޓީ ވެސް ނާކާމިޔާބުވި އެވެ. އެންޓޯނިއޯ ގްރިއެޒްމަން އެތްލެޓިކޯ އަށް 1-1އިން އެއްވަރުކޮށްދިނުމުގެ ކުރިން ބަޔާން އަށް ލިބުނު ޕެނަލްޓީ ކީޕަރު އޮބްލަކް ދިފާއު ކުރީ ތޯމަސް މުލާ ޖެހުމުންނެވެ. ބަޔާންގެ މުލާ މި މުބާރާތުގައި އެންމެ ފަހުން ޖެހި ދެ ޕެނަލްޓީ ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން މެޗު ނިމެން ދަނިކޮށް ފެނާންޑޯ ޓޮރޭޒް ޕެނަލްޓީ އޭރިޔާ ތެރެއަށް ވައްޓާލުމުން ލިބުނު ޕެނަލްޓީ އޭނާ ޖެހުމުން ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ދިފާއު ކުރި އެވެ.

މި މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނިޓްގައި ޒަބީ އަލޮންސޯ އެވެ. އަދި ފަހު ލަނޑު ޖަހައިދިނީ ރޮބަޓް ލެވޮންޑޯސްކީ އެވެ.

މި މުބާރާތުގެ ފައިނަލުގައި އެތްލެޓިކޯއާ ދެކޮޅަށް ކުޅޭނީ ސްޕޭނުގެ ރެއާލް މެޑްރިޑް ނުވަތަ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެވެ. މި ދެ ޓީމު މިރޭ މެޑްރިޑުގެ ދަނޑަށް ނުކުންނައިރު ސިޓީގެ ދަނޑުގައި އެއްވަރުވީ 0-0އިންނެވެ.