މާލޭގައި ގަވައިދާ ހިލާފަށް ހިނގާ ވެހިކަލް ގަރާޖްތަކާއި ވޯކްޝޮޕްތަކުގެ ތެރޭގައި ކުށްކުށަށް އަރައިގަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ މާލޭގެ ސަލާމާތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީއާއެކު މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގެ ތެރޭގަ އެވެ. އެ ގޮތުން ރަޖިސްޓްރީ ކުރުމަކާ ނުލައި މާލެގައި ގަވާއިދާ ހިލާފަށް ވެހިކަލް ގަރާޖާއި ވޯކްޝޮޕާއި ގުދަން ފަދަ ތަންތަން ހިންގާ ކަމަށާއި އެފަދަ ތަންތަން ބޭނުންކޮށްގެން ވައްކަމާއި ގުޅުންހުރި ބައެއް ކުށްތައް ކުރަމުންދާ ކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކަންކަން ހުއްޓުވަން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ބުނީ އެފަދަ ތަންތަން ފާހަގަކުރަމުން އަންނަ ކަމަށާއި އެފަދަ ބައެއް ތަންތަނުގެ މައުލޫމާތުތައް ސާފުކޮށް ނިމުމާއެކު ފިޔަވަޅު އަޅާނެ ކަމަށެވެ.