ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ފުލުހަށް ހާޒިރު ކުރަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ނުކުރެވިވާ މައްސަލައިގެ "ފޯކަސް" ގެއްލުވާލުމުގެ ގޮތުން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރު ވުމަށް މިއަދު ވަނީ ޗިޓް ފޮނުވާފަ އެވެ. މާދަމާ ރޭ 8:15 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވާ ކަން މުއިއްޒު ވަނީ އަވަސްއަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލާގައި މުއިއްޒު ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެކަމާއި ގުޅިގެން ޣައްސާން ވިދާޅުވީ އެއީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ނުކުރެވި އޮތް މައްސަލައިގެ ފޯކަސް ގެއްލުވާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަޕޯޓަކަށް ވެސް އަދި މުއިއްޒުގެ އަޒުމަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން އަޅުއްވައިދެއްވި ފްލެޓްތައް ހައްގުވެރިންނަށް ހަވާލުނުކުރައްވާ، މައްސަލައިގެ ފޯކަސް ގެއްލުވާލަން މުއިއްޒު ޕޮލިހަށް ގެންދެވިދާނެ. ރައީސް ޔާމީންގެ ސަޕޯޓަކަށް ވެސް އަދި ޑރ. މުއިއްޒުގެ އަދި ޕީޕީއެމްގެ އަމާޒަކަށް ވެސް ބަދަލެއް ނާންނާނެ." ޣައްސާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ދިޔައީ ބަލަމުންނެވެ. އަދި މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމި އެވެ.