ފުލުހުންގެ ފްލެޓު އަޅަން ހަވާލު ކޮށްފައިވާ އައިލެންޑް އެކްސްޕާޓްގެ އަތުން ޕްރޮޖެކްޓް ނަގަން ނިންމައި، އަގު މަގު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިކޮށް ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމަށް 2013 ވަނަ އަހަރު ފްލެޓު އަޅަން ފެށި ނަމަވެސް އެތަން ނުނިމި ވަނީ ގިނަ ދުވަސް ތަކެއް ވެފަ އެވެ.
އެހެންވެ އެތަނުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ އަތުން ނަގަން ނިންމައި ކޮށްފައިވާ އިއުލާނެއްގައި ބުނީ ޕޮލްކޯގެ ފަރާތުން ހުޅުމާލެ، ފޭސް އެކެއްގައި އިމާރާތް ކުރަމުންދާ ހައުސިންގް ޕްރޮޖެކްޓް މިހާރުގެ ކޮންޓްރެކްޓަރު އަތުން ނަގަށް ކަނޑައާޅާފައިވާތީވެ، އެ ޕްރޮޖެކްޓަށް ގަނެވިފައިވާ މުދަލާ ހިދުމަތްތައް ދެނެގަތުމަށްޓަކައި ވެލުއޭޝަން އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވެލައްވާ އަދި އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް ޕްރީބިޑް މީޓިން އޮންނާނީ މިމަހު 21 ވަނަ ދުވަހުގެ 14:00 ގައި އިސްކަންދަރު ކޮށީގަ އެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މިމަހުގެ 23 ވަނަ ދުވަހުގެ ދުވަހުގެ 14:00 ގައި އިސްކަންދަރު ކޮށި އެއް ނަމްބަރު ށެވެ.
ފުލުހުންނަށް ހާއްސަކޮށްގެން އަޅާ 300 ފްލެޓް ލިބޭނެ މީހުން، 2013 ވަނީ ކަނޑައަޅާފަ އެވެ. އަދި ފައިސާ ދެއްކުމަށްޓަކައި 2014 ވަނަ އަހަރު "ބްލޫސް ސްކީމް" ގެ ނަމުގައި ސްކީމެއް ދީ ދަނީ ފްލެޓަށް ފައިސާ ވެސް ދައްކަމުންނެވެ. މި ފްލެޓުގެ ބޮޑު ބައެއް ނިމި މިހާރު ކުރަން ހުރީ އިންޓީރިއާގެ މަސައްކަތް ތަކެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ. އަދި މިތަން ދިގުލައިގެން ދާނީ އެތަށް ފަހަރު މި މައްސަލަ ހޫނުވެ ޝަކުވާ ފުނިޖެހިފައިވެ އެވެ.