ބޭންކް އޮފް މޯލްޑިވްސް

ބޭރަށްދާ މީހުނަށް ޑޮލަރު ވިއްކަން ބީއެމްއެލްއިން ބާޒާރު ބްރާންޗް ހާއްސަކޮށްފި

May 4, 2016
4

ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރުވިއްކުމަށް ބީއެމްއެލް ބާޒާރު ބްރާންޗް ޚާއްޞަކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް އެ ބޭންކުން ވިއްކަމުން އަންނަ ޑޮލަރު އެއް ތަނަކުން ގަންނަން ލިބޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށާއި މާލޭ ސިޓީ ގައި ދެން ބީއެމްއެލް އިން ޑޮލަރު ވިއްކާނީ އެ ބޭންކުގެ ބާޒާރު ބްރާންޗުން ކަމަށެވެ.

ބޭންކުގެ މި ނިންމުމާއެކު ރާއްޖެއިން ބޭރަށްދާ ފަރާތްތްތަކަށް މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ޑޮލަރު ވިއްކަން ބާޒާރު ބްރާންޗްގައި ހާއްސަ ކައުންޓަރު ތަކެއް ހުންނާނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވިއްކާނީ ގިނަވެގެން 500 ޑޮލަރެވެ. ކުރިން ވެސް އޮތް އުސޫލުން ޑޮލަރު ވިއްކާނީ ޕާސްޕޯޓާއި ޓިކެޓް ގެންދިއުމުންނެވެ. ޑޮލަރު ވިއްކާނީ ބޭންކުގެ ޚިދުމަތް ދޭ ގަޑިތަކުގައެވެ.

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް އެމްއެމްއޭ ގެ އިސް ނެގުމާއެކު އެންމެ ފުރަތަމަ ޑޮލަރު ވިއްކަން ފެށި ބޭންކަކީ ބީއެމްއެލް އެވެ. އެ ބޭންކަކީ އެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ބޭންކަށްވާއިރު މަހަކު 10،000 އަށްވުރެ ގިނަ ދަތުރުވެރިންނަށް ބޭންކުން ޑޮލަރު ވިއްކަ އެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލު ގެނައީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށާއި ބޭންކުން ޑޮލަރު ވިއްކަމުން އަންނަ ގޮތް ބެލުމަށްފަހު، ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަކަމާއެކު މި ޚިދުމަތް ދިނުމުގެ ގޮތުން ވަކި ޚާއްސަ ޓީމެއް އެއް ބްރާންޗެއްގައި ގާއިމްކޮށް މިގޮތަށް ނިންމީ ކަމަށެވެ.

މި ގޮތަށް ނިންމި ނަމަވެސް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ވިއްކާ ޑޮލަރު ފިޔަވައި އެހެން ބޭނުންތަކަށް ޑޮލަރު ވިއްކުމުގެ ޚިދުމަތްް އޮންނާނީ ކުރިން ވސް އޮތް ގޮތަށެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކުމަކީ ވަރަށް މުހިންމު ޚިދުމަތެއް. މިހާރު މި ޚިދުމަތް ދެމުން އަންނަގޮތަށް ވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެ ގޮތެއް ބެލުމަށްފަހު ބޭންކުން ނިންމީ އެއް ބްރާންޗަކުން ޑޮލަރު ވިއްކުމަށް. މިކަމުގެ ސަބަބުން މާލޭގައި ހުރި އަޅުގަނޑުމެންގެ ބްރާންޗްތަކުން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ޖުމްލަގޮތެއްގައި ރަނގަޅުވެގެންދާނެ." ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.