ބޭރު ކުޅިވަރު

ބައިގޯލަކުން ސިޓީ ކަޓައި ރެއާލް ފައިނަލަށް

މެންޗެސްޓާ ސިޓީގެ ފާނާންޑޯ ބައިކޮޅަށް ޖެހި ގޯލުން 1-0އިން މޮޅުވެ، ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

މި މަހުގެ 28ގައި އިޓަލީގެ މިލާނުގައި ކުޅޭ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ އެތްލެޓިކޯ މެޑްރިޑެވެ. މިއީ ސްޕޭނުގެ މެޑްރިޑަށް ނިސްބަތްވާ ވާދަވެރި މި ދެ ޓީމު މި މުބާރާތުގެ ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ ދެ އަހަރު ކުރިން މި ދެ ޓީމު ކުޅުނު ފޯރިގަދަވި ފައިނަލް މެޗުން މޮޅުވެ، ތަށި އުފުލާލީ ރެއާލް މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވިއިރު މި ދެ ޓީމު ސިޓީގެ ދަނޑުގައި ކުޅެގެން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ނަމަވެސް އެ މެޗާ ހިލާފަށް ގެރެތް ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި ލަނޑުޖަހަން ރެއާލް އަށް ލިބުނު ގިނަ ފުރުސަތުތައް ބޭކާރުވިއިރު ގޯލާ އަމާޒުކޮށް ސިޓީ އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ.

މެޗަށް ފަހު ގެރެތް ބޭލް ބުނީ ރެއާލް މެޑްރިޑަށް ބަދަލުވުމުން އޭނާ މެޗުއާވެއްޖެ ކަމަށާއި ޓީމު ނެރެމުންދާ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.