ބޭރު ކުޅިވަރު

ވިޔަރެއާލްއާ ދެކޮޅަށް ކުޅެން ލިވަޕޫލްގެ ޗާން ފިޓްވެއްޖެ

ޔޫރޮޕާ ލީގުގައި މިރޭ ސްޕޭނުގެ ވިޔަރެއާލްއާ ދެކޮޅަށް ކުޅެން ލިވަޕޫލްގެ ޖަރުމަނު މިޑްފީލްޑަރު އެމްރޭ ޗާން ފިޓްވެއްޖެ އެވެ.

ލިވަޕޫލް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ނުކުޅެ ހުރި ކުޅުންތެރިޔާ މިރޭ ފުރަތަމަ 11ގައި ކުޅުވަން ކޯޗު ޔާގެން ކްލޮޕް ވަނީ ނިންމައިފަ އެވެ. އަދި ކޮންމެހެން ވެސް މޮޅުވާންޖެހޭ މެޗުގައި ފޯވަޑް ޑެނިއަލް ސްޓަރިޖް ވެސް ފެނުން އެކަށީގެންވެ އެވެ.

ކްލޮޕް ބުނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވިޔަރެއާލްގެ ދަނޑުގައި އެންމެ ފަހު ވަގުތު 1-0އިން ބަލިވެފައިވީ ނަމަވެސް ލިވަޕޫލް މި މެޗަށް ނުކުންނާނީ ވަރަށް ބޮޑަށް ކުރިއެރުމަކާއެކުގައި ކަމަށެވެ.

ނަމަވެސް ވިޔަރެއާލްގެ ކޯޗު މާސެލީނިއޯ ވަނީ ލިވަޕޫލަށް ބަހުގަ ހަމަލާތައް އަމާޒުކޮށްފަ އެވެ. އޭނާ ބުނީ އޭނާގެ މުޅި ޓީމުގެ އަގަށްވުރެ ލިވަޕޫލްގެ ކްރިސްޓިއަން ބެންޓެކޭގެ އަގުވެސް ބޮޑު ކަމަށެވެ. މިހެންވެ ލިވަޕޫލަށް ހުރިހާ ގޮތަކުން ވެސް ޕްރެޝަރު ބޮޑު ކަމަށެވެ.

މި މެޗަށް ވިޔަރެއާލްގެ މުޅި ޓީމު ވަނީ ފުޓްވެފަ އެވެ. އަނިޔާގައި އެންމެ ފަހުން ތިބި ފޯވަޑް ހޫލިއޯ ބަޕްޓިސްޓާ އާއި ޑިފެންޑަރު އެރިކް ބައިލީ ވެސް މިހާރު ފިޓްވެއްޖެ އެވެ.