ބޭރު ކުޅިވަރު

ޒިދާނުގެ ފަޓުލޫނު ބޮޑުކުރަން ޖެހިއްޖެ

ރެއާލް މެޑްރިޑުގެ ކޯޗުކަމާ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒައިނުއްދީން ޒިދާން ހަވާލުވުމުން އޭނާގެ ހަރަކާތްތަކަށް އަމާޒުވެފައިވާ ލެންސްތައް ވަރަށް ގިނަ އެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޒިދާނަށް އިތުރު ކެމެރާތަކެއް ވެސް އަމާޒުވި އެވެ. އެއީ މެޗުގެ ވަކި ހިސާބަކުން އޭނާގެ ފަޓުލޫނު އިރައިގެންގޮސްފައިވާތީ އެވެ.

މިހެންވެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ރޭ ރެއާލް މެޑްރިޑް ޖާގަ ހޯދި މެޗުގައި އޭނާ ލައިގެން ހުރީ ކުރިން ލާ ސައިޒަށްވުރެ ބޮޑު ފަޓުލޫނެއް ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

އޭނާ މިހެން ބުނީ ކުރީ ދެ މެޗެއްގައި އޭނާ ލައިގެން ހުރި ފަޓުލޫނުގެ ފުރަގަހުން އިރައިގެން ގޮސްފައިވާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

ޖަރުމަނުގެ ވުލްފުސްބާގް އަތުން ރެއާލް 3-0އިން މޮޅުވި މެޗުގައި ޒިދާންގެ ފަޓުލޫނު އިރައިގެން ދިޔައީ ގޯލެއް ޖެހުމުން އުފާފާޅު ކުރަން އެނބުރިގަތްވަގުތު އެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އިނގިރޭސިވިލާތުގެ އިއްތިހާދު ސްޓޭޑިއަމުގައި ވެސް އޭނާގެ ފަޓުލޫނު އިރައިގެންދިޔައީ ޖެހި ބޯޅައެއް ގޯލާ އަމާޒުނުވުމުން ކުޑަކޮށް ތިރިވެގެންފައި އެނބުރިގަތްވަގުތު އެވެ.

ފަޓުލޫނު އިރައިގެން ދާތީވެ އެއީ ފަހާމީހާގެ މައްސަލައެއްތޯ އެހުމުން ފްރާންސްގެ ކުރީގެ ކެޕްޓަން ބުނީ އެކަމަށް ހައްލު ހޯދަންޖެހޭނީ އޭނާ ކަމަށެވެ.

"އަހަރެންގެ ފަހާ މީހާ ބަދަލު ނުކުރާނަން. އަހަރެން ކުރަން ޖެހޭ ކަމަކީ މިއަށްވުރެ ބޮޑު ސައިޒެއްގެ ފަޓޫލޫނެއްލުން. މިރޭ އަހަރެން ލާނީ ކުރިއަށްވުރެ ބޮޑު ފަޓުލޫނެއް،" ފްރާންސަށް 98ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ އަދި ރެއާލް އަށް 2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން ބުންޏެވެ.